ސެނަގާލް

ސެނެގާލްގެ ވޯލްޑްކަޕް ތަރި ޑިއޮޕް މަރުވެއްޖެ

ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ގައި ބޭއްވި ވޯލްޑް ކަޕްގައި ސެނެގާލް ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޕަޕާ ބައުބާ ޑިއޮޕް މަރުވެއްޖެ އެވެ.

ފުލަމް އާއި ޕޯޓްސްމައުތަށް ކުރިން ކުޅުނު މިޑްފީލްޑަރު އުމުރުން 42 އަހަރުގައި މަރުވީ ވަރަށް ދިގު މުއްދަތަކަށް ބަލި މަޑުކަމެއްގައި ހޭދަ ކުރުމަށްފަހު އެވެ.

އެ އަހަރުގެ ވޯލްޑް ކަޕްގައި، އޭގެ ކުރީގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ސެނެގާލް މޮޅުވީ ޑިއޮޕް ކާމިޔާބު ކުރި ލަނޑުންނެވެ. ވޯލްޑް ކަޕަށް އަލަށް ކޮލިފައިވެ ސެނަގާލުން އޭރުގެ ޗެމްޕިއަން ފްރާންސް ބަލި ކޮށް މުޅި ދުނިޔެ ހައިރާން ކޮށްލި އެވެ. އެ އަހަރުގެ މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރު ކުރި ސެނެގާލް ޓީމުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.

ޑިއޮޕްގެ ޔޫރަޕްގެ ކުލަބު ކެރިއާ ފެށީ ސްވިޒަލޭންޑްގެ ގްރާސްހޯޕާސްއިން އޭގެ ފަހުން އޭނާ ބަދަލުވީ ފްރާންސްގެ ލެންސް އަށެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި އޭނާ މަޝްހޫރުވީ ވޯޑްރޮބްގެ ނަމުންނެވެ. ފުލްހަމްގައި ތިން އަހަރު ހޭދަ ކުރުމަށް ފަހު އޭނާ ބަދަލުވީ ޕޮޓްސްމައުތަށެވެ. ފަހުން ވެސްޓަހަމް އާއި ބާމިންހަމްއަށެވެސް ކުޅުނެވެ.

ސެނެގާލްގެ ޓީމަށް 63 މެޗު ކުޅެ 11 ލަނޑު ޖެހި އެވެ. ގައުމީ ތީމަށް ކުޅުން ހުއްތާލީ 2013 ގަ އެވެ. ސެނެގާލްގެ މިހާރުގެ ތަރި ލިވަޕޫލްގެ ސެޑިއޯ މާނޭ ޓްވިޓާގައި ލިޔެފައި ވަނީ، ޑިއޮޕް ވަކިވެގެން ދިޔަސް އޭނާގެ ހަނދާންތައް ދެމި ހުންނާނެ ކަމަށެވެ.