ކުޅިވަރު

އެފްރިކާގެ ޗެމްޕިއަންކަން އަލްޖީރިއާއަށް

ނަސީބު އެހީވި ގޯލާއެކު، ސެނެގާލްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި 29 އަހަރު ފަހުން އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން އަލްޖީރިއާ ހޯދައިފި އެވެ.

އަލްޖީރިއާއިން ޖެހި ލަނޑަކީ، އާދަޔާ ހިލާފު ގޮތަކަށް ސެނެގާލް ކޮޅަށް ވަން ލަނޑެކެވެ. މެޗު ފެށިގެން ދެވަނަ މިނެޓްގައި އަލްޖީރިއާގެ ބަގުދާދު ބޮއުނޭޖާ، ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލީ ބޯޅަ، ގޯލަށް ވަނީ ސެނެގާލްގެ ޑިފެންޑަރު ސާލިފް ސާނޭގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮހެވެ.

ސާނޭގެ ފައިގައި ޖެހިފައި، ބޯޅަ އެރީ މައްޗަށެވެ. ސެނެގާލްގެ ކީޕަރު އަލްފްރެޑް ގޯމިސް ވެސް ހީކުރީ، ބޯޅަ ބޭރަށް ދިޔަ ކަމަށެވެ. ނަމަވެސް ބޯޅަ ވެއްޓުނީ ގޯލްގެ ތެރެއަށެވެ.

ދެ ވަނަ ހާފުގައި، އަލްޖީރިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، އެ ޓީމުގެ އަލްޖީން ގެޑްރާގެ އަތުގައި ބޯޅައިން ޖެހުމުން، މެޗުގެ ރެފްރީ ނީންޓް އޮލިއުމް ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ނިންމުން ބަދަލު ކުރީ ވީއޭއާރް މެދުވެެރިކޮށް ބެލުމަށް ފަހު އެވެ.

އަލްޖީރިއާ އަށް މެޗުގެ ކުރީކޮޅުގައި ގޯލް ޖެހުނު ނަމަވެސް، މުޅި މެޗުގައި ކުޅުނީ ސެނެގާލް ޓީމުންނެވެ.

މިއީ އެފްރިކާގެ ޗެމްޕިއަންކަން އަލްޖީރިއާ ހޯދި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އެ މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދީ އަމިއްލަ ގައުމުގައި 1990 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ.