ކުޅިވަރު

އެފްރިކާގެ މޮޅު ކުޅުންތެރިޔާ އެވޯޑް މާނޭއަށް

ނިމިދިޔަ އަހަރުގައި، އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލާއި ސެނެގާލްގެ ވިންގާ ސެޑިއޯ މާނޭ ހޯދައިފި އެވެ.

މިއީ، އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މާނޭ ހޯދި ފުރަތަމަ ފަހަރެވެ. މާނޭ މި އެވޯޑް ހޯދީ 2017 އަދި 2018 ގައި މި އެވޯޑް ހޯދި، ލިވަޕޫލްގެ ޓީމު މޭޓް މިސްރުގެ މުހައްމަދު ސަލާހް އާ ވާދަކޮށްގެންނެވެ. އެ ވޯޑްގެ ތިން ވަނަ އަށް ދިޔައީ 2016 ވަނަ އަހަރު އ ވޯޑް ހޯދާފައިވާ މެންޗެސްޓާ ސިޓީ އާއި އަލްޖީރިއާގެ ރިޔާދު މަހްރޭޒް އެވެ.

މާނޭ އަކީ، އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ސެނެގާލަށް ނިސްބަތްވާ ދެ ވަނަ ކުޅުންތެރިޔާ އެވެ. ސެނެގާލްގެ އަލް ހާޖީ ޑިއޫފް ވަނީ އެ އެވޯޑް ދެ އަހަރު ހޯދާފަ އެވެ. އެއީ 2001 އަދި 2002 ވަނަ އަހަރު އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ލިވަޕޫލަށް ހޯދައިދިނުމުގައި މާނޭ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އަދި މިދިޔަ ސީޒަންގައި ޕްރިމިއާ ލީގްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ދޭ ރަންބޫޓް ތިން ކުޅުންތެރިން ހިއްސާވިއިރު މާނޭ އަކީ އެއް ކުޅުންތެރިޔާ އެވެ. ދެން ހިމެނެނީ ސަލާހް އާއި އާސެނަލްގެ ޕިއާ އެމްރިކް އޮބާމެޔަންގް އެވެ. ތިން ކުޅުންތެރިންވެސް ވަނީ 22 ލަނޑު ޖާހަފަ އެވެ.

މިފަހަރުގެ ބެލަންޑޯ އެވޯޑްގެ ހަތަރު ވަނައިގައި ހިމެނުނު މާނޭ ވަނީ، މިދިޔަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންގެ ފައިނަލަށް ސެނެގޯލް ގެންގޮސް ދިނުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ފައިނަލުގައި އެ ޓީމު ބަލިވީ އަލްޖީރިއާ އަތުން 1-0 ންނެވެ.