ވިޔަފާރި

ޓޫރިޒަމް ރަނގަޅު ކުރަން ސްރީލަންކަންގެ ޓިކެޓް އަގު ހެޔޮ ކުރަނީ

Jul 2, 2019

ސްރީލަންކާއަށް އޭޕްރީލް މަހު ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން، ޓޫރިޒަމަށް ލިބެމުންދާ ގެއްލުންތަކުން އަރައި ގަތުމަށް ސްރީލަންކަން އެއާލައިންސް ޓިކެޓު އަގު ހެޔޮ ކުރަން ނިންމައިފި އެވެ.

ސްރީލަންކާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ޓިކެޓުގެ އަގު ހެޔޮ ކުރަން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަންގަވާފައިވަނީ ޓޫރިޒަމް ޕްރޮމޯޝަން ބޯޑާއެކު އެ ގައުމުގެ ގިނަ ވުޒާރާ ތަކަކުން އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމާބެހޭ ގޮތުން ސްރީލަންކާ އިކޮނޮމިކް އެފެއާޒް މިނިސްޓްރީގެ އެޑްވައިޒަރު ސުދަރްސަނާ ގުނަވަރުދަނާ ވިދާޅުވި ގޮތުގައި ބޮޑު ވަޒީރުގެ އެންގުމާ އެއްގޮތަށް ގައުމީ އެއާލައިން ސްރީލަންކަން ޓިކެޓުގެ އަގު ހެޔޮކުރާނެ އެވެ.

މިގޮތުން ގްރައުންޑް ހޭޑްލިން އާއި ފިއުލް ޗާޖު އަދި އެހެނިގެން ފީތައް ކުޑަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ޖަރުމަނާއި ފްރާންސް އަދި އިންޑިއާ އަށް ހާއްސަކޮށްގެން ހާއްސަ މާކެޓިން ކެމްޕޭން ތަކެއް ފަށަން ވެސް ބޮޑު ވަޒީރު އަންގަވާފަ އެވެ.

ސްރީލަންކާ އިން ވަނީ ޓޫރިޒަމް ހީނަރުވެފައިވާތީ ޓުއާ އޮޕަރޭޓަރުންނަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ހާއްސަ މާލީ އެހީގެ ޕެކޭޖެއްދީ ޓޫރިޒަމް މަޝްރޫއުތަކަށް ދޭ ކްރެޑިޓް ގެރެންޓީ ދޫކުރާ މުއްދަތު އަވަސް ކޮށްފަ އެވެ.

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި 258 މީހުން މަރުވި އެވެ. މީގެ ތެރޭގައި އެކި ގައުމުތަކުގެ 50 އަށްވުރެ ގިނަ މީހުން ހިމެނެ އެވެ. އަދި މި ހަމަލާގެ ސަބަބުން އެ ގައުމުގެ ޓޫރިޒަމް ބުކިންތަކުގެ 80 ޕަސެންޓް ކެންސަލް ވެގެން ދިޔައެވެ. ނަމަވެސް މިހާރު ވަނީ ޓޫރިޒަމް ރަނގަޅު ވާން ފަށާފަ އެވެ.