ވިޔަފާރި

ސްރީލަންކަން ރާއްޖެ ޓިކެޓް ވެސް އަގު ހެޔޮވާނެ: އޭސް

Jul 2, 2019
3

ސްރީލަންކަން އެއާލައިންސް ޓިކެޓުގެ އަގު ހެޔޮ ކުރަން އެ ގައުމުން ނިންމުމާ ގުޅިގެން ރާއްޖެ ސެކްޓާގެ ޓިކެޓް ވެސް ހެޔޮ ވެގެންދާނެ ކަމަށް އޭސް އޭވިއޭޝަން އިން ބުނެފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވީ މި ބަދަލާއެކު ރާއްޖެ ޓިކެޓުގެ އަގު ވެސް ހެޔޮވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އެންމެ މަތިން އެންގީމަ ބެލެވެނީ އަގު ހެޔޮކުރާނެ ކަމަށް ބޮޑަށް. މީގެ ސަބަބުން މުޅި ހަމަ ގައިމުވެސް މުޅި ނެޓްވޯކުގެ ޓިކެޓުގެ އަގު ހެޔޮ ވެގެން ދާނެ،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްގެ ޓިކެޓުގެ އަގު ހެޔޮ ކުރަން އަންގާފަ އެވެ. މި ފިޔަވަޅު އަޅަން ނިންމާފައި ވަނީ އޭޕްރީލް މަހު އެ ގައުމުގައި ދިން ޓެރެރިސްޓް ހަމަލާ އިން އަރައިގަނެ ޓޫރިޒަމް ކޮޅަށް ޖެހުމަށެވެ.

ސްރީލަންކަން އެއާލައިންސް ރާއްޖެ އަށް މިހާރު ޓިކެޓު ވިއްކަނީ 246 ޑޮލަރާއި 280 ޑޮލަރާ ދެމެދުގަ އެވެ.

ލަންކާ އަށް ދިން ހަމަލާއާ ގުޅިގެން ރާއްޖޭން ސްރީލަންކާ އަށް ދަތުރުކުރާ މީހުންގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ. ނަމަވެސް ސްރީލަންކަން އެއާލައިންސްއަކީ ރާއްޖެއަށް އެންމެ ގިނައިން މީހުން ގެންނަ އެއް އެއާލައިން އެވެ.