ވިޔަފާރި

ސްރީލަންކަން އެއާލައިންސް ފުޅާކުރަން އިތުރު ބައިވެރިއެއް ހޯދަނީ

ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސް މިހާރު އޮތް ހާލަތުން އަރައިގަނެ އެ އެއާލައިންގެ ވިޔަފާރި ފުޅާ ކުރުމަށް ޕާޓްނަޝިޕަކަށް ދިޔުމަށް ސްރީލަންކަން އެއާލައިންސްގެ މައްސަލަތައް ދެނެގަތުމަށް އެ ގައުމުގެ ރައީސް އެކުލަވާލެއްވި ކޮމިޝަންގެ ރިޕޯޓްގައި ބުނެފި އެވެ.

އެ ކޮމިޝަނުން ކުރި މަސައްކަތްތައް ނިންމައި އެ ގައުމުގެ ރައީސްއަށް އިއްޔެ އެ ރިޕޯޓް އަރުވާފައިވާ އިރު، ލަންކާގެ ފިނޭންސްގެ ސްޓޭޓް މިނިސްޓަރު، އެރެން ވިކްރަމަރަތުން ވިދާޅުވީ އެ ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ލަފާދީފައި ވަނީ، ކޮމްޕެޓިޝަނަކަށް ނުވާ އޭވިއޭޝަންގެ ދާއިރާގެ ވިޔަފާރި ކުންފުންޏަކާ އެކު ޕާޓްނަޝިޕް ހަދައިގެން އެއާލައިންގެ ވިޔަފާރިފުޅާކުރުމަށް ކަމަށެވެ. އަދި މިހާރުވެސް އޭވިއޭޝަންގައި ހަރަކާތްތެރިވާ ކުންފުންޏަކާ އެކު ޕާޓްނަޝިޕް ހަދަން ފުރުސަތު ނެތް ނަމަ، އޭވިއޭޝަންގެ ދާއިރާގައި ވިޔަފާރި ނުކުރާ، މާލީ ގާބިލްކަން ހުރި ކުންފުންޏަކާ އެކު ޖޭވީ ހެދުމަށް ލަފާދީފައިވާ ކަމަށް ވެސް، ވިކްރަމަރަތުން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް ސްރީލަންކަން އެއާލައިންސް މުޅި ގްރޫޕަށް ވަނީ 100 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވެފަ އެވެ.

އޭނާ ވިދާޅުވީ، އެއާލައިން ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އިތުރަށް ކެބިޓަލް ކޮންޓްރިއުބިއުޓް ކުރަން ވަރަށް އުނދަގޫ ކަމަށާއި އެއާލައިން ކުރިއަށް ގެންދަން ކުންފުނީގެ ބޭރުން ކެބިޓަލް ގެންނަން ޖެހޭ ކަމަށެވެ. އަދި އެއާލައިން ހިންގުމުގައި ސަރުކާރުގެ އިންފްލުއަންސް ކުޑަކުރުމަށް މިނިވަން ބޯޑެއް އެކުލަވާލުމަށް ވެސް އެ ރިޕޯޓްގައި ވަނީ ލަފާދީފަ އެވެ.

މީގެ އިތުރުން ވިޔަފާރީގެ ބައިވެރިއެއް ނުލިބިއްޖެ ނަމަ، އެއާލައިންގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލާއި ރީބްރޭންޑްކޮށް އަލުން އެއާލައިންގެ ވިޔަފާރި ފެށުމަށް ވެސް އޮތީ ލަފާދީފަ އެވެ. މީގެ އިތުރުން އެ ކުންފުނިން ލީސްކުރި ބައެއް ފްލައިޓްތައް ނުއަގުގައި ގެނެސްފައި ހުރުމުން އެ ކުންފުންޏަށް ގެއްލުން ވާތީ، އެ މުއާމަލާތްތައް އަލުން މުރާޖައާކުރަން ވެސް ވަނީ ލަފާދީފަ އެވެ.

އެހެން ނަމަވެސް، އެއާލައިން ހުއްޓާލުމުގެ އޮޕްޝަންއަށް ދިޔުމަކީ ވިސްނުމެއް ނޫން ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. އެ އެއާލައިންގެ ދަރަނި މިހާރުވެސް ވަނީ، 900 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

ރިޕޯޓްގައި އިތުރަށް ފާހަގަކުރި ގޮތުގައި ކުރީގެ ރައީސް ރާޖަޕަކްސަގެ ސަރުކާރުގެ އެކި ވެރިން ސްރީލަންކަން އެއާލައިންސަށް ނުފޫޒު ފޯރުވައި އަމިއްލަ ކަންކަމުގައި ވަނީ ބޭނުންކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ އެއާލައިންއަށް ވަނީ އެތައް ގެއްލުމަކާ ކުރިމަތިވެފަ އެވެ. އެގޮތުން ރާޖަޕްކަސަގެ ސަރުކާރުގެ ސިވިލޭވިއޭޝަން މިނިސްޓަރުގެ އަމިއްލަ ބައެއް ހަފްލާތަކަށް ސްރީލަންކަން އެއާލައިންސުން ކޭޓަރިންގެ ހިދުމަތް ފޯރުކޮށް ދިން ނަމަވެސް، އެ ހިދުމަތްތަކަށް ދައްކަން ޖެހޭ 292،9000 ރުޕީސް އޮތީ ނުދައްކަ އެވެ.