ރާއްޖެއިން އިންޑިއާއެކު ގާއިމު ކުރަން އުޅޭ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އިންޑިއާއާއެކު ކުށްވެރިން ބަދަލުކޮށް ގުޅިގެން ތަހުގީގު ކުރުމުގެ އެއްބަސްވުމެއް ގާއިމު ކުރަން ސަރުކާރުގެ ކެބިނެޓުން ނިންމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އެ އެއްބަސްވުމާ މެދު ގޮތެއް ނުނިމި މިދިޔަ މަޖިލީހުގެ ދައުރު ހަމަވިއިރު، މި މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ އެއްބަސްވުން އަލުން ދިރާސާ ކުރުމުގެ މަސައްކަތް އަލުން ފެށި އެވެ. އެއްބަސްވުން ދިރާސާ ކުރަން ކޮމިޓީގެ ތެރެއިން ކުޑަ ކޮމިޓީއެއް ނަގައި އެ ކޮމިޓީގެ ރިޕޯޓު ވެސް މައި ކޮމިޓީއަށް ހުށަހެޅި އެވެ.
ނަމަވެސް އިންޑިއާއިން ކުށްވެރިއަކު ކަމުގައި ކަނޑައަޅާ މީހަކު، އިންވެސްޓެއް ރާއްޖެއަށް ކޮށްފައިވާނަމަ އެ އިންވެސްޓެއްގެ ފައިސާ އިންޑިއާއިން ހިފެހެއްޓޭނެ ކަމާއި ދެ ގައުމުގެ ބޭންކްތަކުގެ މެދުގައި މުއާމަލާތްތައް ބަދަލު ކުރެވޭނެ ކަމަށް އޮތުމުން ކޮމިޓީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެ ގޮތުން ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ އެ ކަމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައި ކޮމިޓީގެ ތެރޭގައި ނުރުހުން ފާޅު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
އެކަމާ ގުޅިގެން މިއަދު ވަނީ އެމްއެމްއާއި، ފޮރިން މިނިސްޓްރީއާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިތުރުން، އެޓާނީ ޖެނެރަލް އޮފީހުގެ ބައެއް ބޭފުޅުން ކޮމިޓީއަށް ވަޑައިގެން އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެ ގޮތުން ކޮމިޓީއަށް ވަޑައިގެންނެވި ޕީޖީއާއި އޭޖީ އޮފީހުގެ އޮފިޝަލުން ވިދާޅުވީ އެ މާއްދާގައި އެހެން ބުނެފައި އޮތް ނަމަވެސް އެއްބަސްވުމުގައިވާ ގޮތުން ހުރިހާ މުއާމަލާތެއް ކުރެވޭނީ ދެ ގައުމުގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތެރެއިން ކަމަށްވާތީ، ބޭންކްތަކުގެ މައުލޫމާތު ވެސް ދެ ގައުމުގެ މެދުގައި ހިއްސާ ކުރެވޭނީ ދެ ގައުމުގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެ މަޝްވަރާތަކަށް ފަހުގައި، އެއްބަސްވުމަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އެއްބަސްވުމާ ދެކޮޅަށް ވޯޓު ދެއްވީ ގާސިމްގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ. އަދި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
އެކި ގައުމުތަކާ ދެމެދު ކުށްވެރިން ބަދަލު ކުރުން ފަދަ އެއްބަސްވުންތައް ގާއިމު ކުރުމުގެ ކުރިން އެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ. އަދި އިންޑިއާއާ ދެމެދު ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމަކީ މިދިޔަ މަޖިލީހަށް މި އަހަރުގެ ކުރީކޮޅު ފޮނުވާފައިވާ މައްސަލައެކެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވީ އެ މައްސަލައާ މެދު ވަކި ގޮތެއް މަޖިލީހުން ނުނިންމާ އޮށްވަ އެވެ.