ހަބަރު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ލަސްވާތީ ލޭބާ ޕާޓީގެ ކަންބޮޑުވުން

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ލަސްވުމާ ގުޅިގެން ލޭބާ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ލޭބާ ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބުގައި ގިނަ ބަޔަކު މި ސަރުކާރަށް ވޯޓު ދިނީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

މިނިމަމް ވޭޖް ބޯޑްގެ މަސައްކަތްތައް ކުރުމުގައި އައިއެލްއޯގެ އުސޫލުތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އަދި އެ ބޯޑުން ކުރާ މަސައްކަތްތައް އާންމުންނަށް ވީހާވެސް ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން ތަޖުރިބާކާރުންގެ މައްޗަށް ހިމެނޭ ހާއްސަ ބޯޑެއް ސަރުކާރުން އުފެއްދީ މިދިޔަ މެއި މަހުގައެވެ. ކުޑަ އުޖޫރަ ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ވައުދު ފުރިހަމަ ކުރުމުގެ ގޮތުން އެމްޑީޕީން އެޖެންޑާ 19 މެނިފެސްޓޯގައި ހާއްސަ ދާއިރާ ތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.