ސިއްހަތު

ބޭޑް ކޮލެސްޓްރޯލް މަދުކޮށްލާނީ ކިހިނެތް؟

Jul 24, 2015

ގިނަ މީހުންނަކީ ކެއުމަށް ހުންނަ ފޯރިއެއްގެ ބޮޑުކަމުން ކެވެނީ ކޯއްޗެއްތޯ ވެސް ބަލައިލުމެއް ނެތި އެ އެއްޗެއް "މަޅައިލާ" މީހުންނެވެ. ގިނަ ފަހަރަށް ކައިގެން ލަނޑު ލިބެނީ ވެސް މި ސަބަބާ ހެދި އެވެ.

އެހެންވީމަ މިފަހަރު މި އޮތީ ކޮލެސްޓްރޯލްގެ ވާހަކަ އެވެ. ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުގައި މަތިވަނީ ކޮލެސްޓްރޯލް މާ ގަދަ އަށް ކައިގެންނެވެ. މިއީ އެންމެ ފުރަތަމަ މިކަމުގެ ތަޖުރިބާކާރުން މި މައްސަލައިގެ އަސްލު އޮތް ގޮތް ކިޔައިދިން ނުވަތަ ކިޔައިދީ އުޅުނު ގޮތެވެ.

ކޮލެސްޓްރޯލް އިން ސަލާމަތްވުމަށް އޮތް އެންމެ މޮޅު ގޮތަކީ ހައި-ފެޓް ފުޑާއި ހައި-ކޮލެސްޓްރޯލް ފުޑާ ވީހާ ވެސް ދުރަށް ޖެހިލުން ކަމަށް ބުނެ ތަޖުރިބާކަރުން މީހުންނަށް އިރުޝާދު ދިނީ ވެސް މި ސަބަބާ ހެދި އެވެ.

ތަޖުރިބާކާރުންގެ މި ވާހަކަ އަކީ މުޅިން ދޮގު ވާހަކައެއް ނޫނެވެ. ކޮލެސްޓްރޯލާއި ފެޓް ދަށް ކާއެއްޗެހި ކައިގެން ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުން ދަށްކޮށްލެވިދާނެ އެވެ. ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން މިގޮތަށް މަދުކޮށްލެވެނީ ވަރަށް މަދު މިންވަރެކެވެ.

އަދި ފަހުގެ ދިރާސާތަކުން އެނގިފައިވާ ގޮތުން އަހަރެމެން ކާ އެއްޗެހިން ހަށިގަނޑުގައި އުފައްދާ ކޮލެސްޓްރޯލަށް ވުރެ ގިނަ ކޮލެސްޓްރޯލް އަހަރެމެންގެ ހަށިގަނޑުގައި އުފައްދަ އެވެ. އަދި ކާބޯތަކެތިން ހަށިގަނޑަށް އިތުރުކުރާ ކޮލެސްޓްރޯލްގެ ގެއްލުން ކުރިން ހީކުރި ވަަރަށް ވުރެ ވެސް ކުޑަ އެވެ.

އެހެންވީމަ ކޮލެސްޓްރޯލް ލެވެލް ދަށްކުރަން ހަދަންވީ ކިހިނެތް ހެއްޔެވެ؟ އެކަމަކު އޭގެ ކުރިން އެންމެ ފުރަތަމަ، ކޮލެސްޓްރޯލް އަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

މިއީ ހަށިގަނޑުގައި ޖަހާ ސަރުބީ އެވެ. ފެޓީ ސަބްސްޓެންސެކެވެ. ބައެއް ފަހަރަށް ކެވޭ އެއްޗެހިތަކަކުން އުފައްދާއިރު އަހަރެމެންގެ އަމިއްލަ ހަށިގަނޑުން ވެސް ކޮލެސްޓްރޯލް އުފައްދަ އެވެ. ހަށިގަނޑުން ކޮލެސްޓްރޯލް އުފައްދަނީ ފުރަމެއިންނެވެ.

ކޮލެސްޓްރޯލް އަކީ އެއްގޮތަކަށް ވެސް ސުޕަ-ވިލަންއެއް ނޫނެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ އޮސްޓްރޯޖެން އާއި ޓެސްޓޮސްޓެރޯން އަދި ވިޓަމިން ޑީ ފަދަ މާއްދާތައް އުފެއްދުމުގައި ކޮލެސްޓްރޯލް މުހިންމު ރޯލެއް އަދާކުރެ އެވެ.

ކޮލެސްޓްރޯލް ގައި މި އުޅެނީ ދެ ވައްތަރެއްގެ ކޮލެސްޓްރޯލެވެ. ބޭޑް ކޮލެސްޓްރޯލް އާއި ގުޑް ކޮލެސްޓްރޯލް އެވެ. އެއީ ހަށިގަނޑަށް މުހިންމު އަދި ހަށިގަނޑަށް ގެއްލުންދޭ ކޮލެސްޓްރޯލެވެ.

އެގޮތުން ލޯ ޑެންސިޓީ ލިޕޯޕްރޮޓީން ނުވަތަ އެލްޑީއެލް އޭ ކިޔުނު ކޮލެސްޓްރޯލަކީ މީގެ ވިލަން އެވެ. ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމަށް މެދުވެރިވަނީ މި ކޮލެސްޓްރޯލް ހަށިގަނޑުގައި މާ ގިނަވީމަ އެވެ. ވާގޮތަކީ ލޭ ހިންގާ ހޮޅިތައް އޭގެ ސަބަބުން ބަންދުވަނީ އެވެ.

ހައި ޑެންސިޓީ ލިޕޯޕްރޮޓީން ނުވަތަ އެޗްޑީއެލް ކޮލެސްޓްރޯލް އަކީ މި ފިލްމުގެ ބަތަލެވެ. ނުބައި ކޮލެސްޓްރޯލް ފުރަމޭ އަށް ގެންގޮސް ނައްތާލުމަށް އެހީވާ އެޖެންޓަކީ މި ގުޑް ކޮލެސްޓްރޯލެވެ.

އޯޓްސް އަކީ ސިއްހަތަށް ވަރަށް ރަނގަޅު އެއްޗެކެވެ. ކޮލެސްޓްރޯލް ދަށްކުރުމަށް ވެސް މޮޅު އެއްޗެކެވެ. މާލޭގެ ފިހާރަތަކުން ނިކަން ފަސޭހައިން ލިބެން ހުރި އެއްޗެއް ވެސްމެ އެވެ.

ކޮލެސްޓްރޯލާ ދެކޮޅަށް އޯޓްސް ހަރަކާތްތެރިވާ ގޮތް ހެނގޭ ހެއްޔެވެ؟ މިއީ ހަށިގަނޑަށް މުހިންމު ފައިބަރުން މުއްސަނދިވެފައިވާ އެއްޗެކެވެ. މީގައި ހިމެނޭ ފަައިބަރުގެ ވައްތަރެއް ކަމުގައިވާ ބީޓާ ގުލޫކަންސް އަކީ ހަށިގަނޑުގައި ސަރުބީ ޖެހުމުގެ ކުރިން ކޮލެސްޓްރޯލް ނައްތާލުމުގައި މުހިންމު ރޯލެއް އަދާކުރާ މާއްދާ އެކެވެ. ހަށިގަނޑުގެ ތެރެއަށް ބޭޑް ކޮލެސްޓްރޯލް އަލުން ދަމައިގެން ދިއުމުގެ ކުރިން މި ކޮލެސްޓްރޯލްގައި ތަތްވެގަންނަނީ ބީޓާ ގުލޫކަންސް އެވެ.

ބޭޑް ކޮލެސްޓްރޯލް އިން ސަލާމަތްވުމަށް ނުވަތަ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ ލެވެލް ހަމައަކަށް އެޅުވުމަށް ބީޓާ ގުލޫކަންސްގެ ބޭނުންވާ ނިސްބަތަކީ ދުވާލަކަށް އޭގެ ތިން ގްރާމެވެ. އޯޓްސްގެ 30 ގްރާމުން ބީޓާ ގްލޫކަންސްގެ 0.75 ގްރާމް ހަށިގަނޑަށް ފޯރުކޮށްދޭނެ އެވެ.

އެހެންވީމަ ތިން އިރަށް މި ވަރުގެ އޯޓްސް ކާލީމަ ހުންނާނީ ރަނގަޅަށެވެ.

އާމަންޑްސް އަކީ ވެސް ކޮލެސްޓްރޯލާ ދެކޮޅަށް ހަރަކާތްތެރިވާ މުހިންމު މާއްދާތަކެއް ހިމެނޭ އެއްޗެކެވެ. ހާއްސަކޮށް ބޭޑް ކޮލެސްޓްރޯލް ނައްތާލުމަށް މިވަރެއް ނޯންނާނެ އެވެ. ލޭ ހޮޅިތަކުގައި ސަރުބީ ޖެހުން ހުއްޓުވުމަށް މުހިންމު ރޯލެއް އަދާކުރާ މާއްދާތަކެއް ކަމުގައިވާ ވިޓަމިން އީ އާއި ޕޮލިޕެނޮލިކްސް އާމަންޑްގައި ހިމެނެ އެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުން ދުވާލެއްގެ މައްޗަށް 43 ގްރާމުގެ އާމަންޑް ގަވާއިދުން ކާ ނަމަ ކޮލެސްޓްރޯލްގެ މައްސަލަ ކުރިމަތިވުމަކީ ވުމަށް ވުރެ އުނދަގޫ ކަމެކެވެ.

ސެލަޑެއް ތައްޔާރުކުރާއިރު އެއަށް އަޅާނެ މަހުގެ ގޮތުގައި ތެލުގެ މިންވަރު ގިނަ މަހެއް އިހްތިޔާރުކުރާށެވެ. މިސާލަކަށް ސެލްމަން އެވެ. ތިހިރަ ފެންޓަސީ ސްޓޯރަކުން އެ މަސް ގަންނަން ލިބޭނެ އެވެ.

މިއީ އޮމޭގާ-3 އޭ ކިޔުނު ފެޓީ އެސިޑްގެ މުއްސަނދިކަން ލިބިފައިވާ މަހެކެވެ. ލޭގައި އުފައްދާ އޮލަކަން ކަނޑުވައިލުމަށް މުހިންމެވެ.

ސެލަޑްގެ ތެރެއަށް އެވޮކާޑޯ ވެސް އިތުރުކޮށްލާށެވެ. މިއީ ބޭޑް ކޮލެސްޓްރޯލް ދަށްކޮށް ހަމަ އެ ސްޕީޑްގައި ގުޑް ކޮލެސްޓްރޯލް އިތުރުކޮށްދޭ މޭވާ އެކެވެ. މި ރޯލު ކުޅެނީ އޭގައި ހިމެނޭ މޮނޯއަންސެޗުރޭޓެޑް ފެޓެވެ.

އޮލިވް އޮއިލް ވެސް ވަރަށް މުހިންމެވެ. މިއީ ވެސް ގުޑް ކޮލެސްޓްރޯލް އިތުރުކޮށްދޭ އެއްޗެކެވެ. އެއީ އޭގައި ހިމެނޭ އޮލީކް އެސިޑުންނެވެ.

ސެލަޑްގެ ތެރެއަށް ކުޑަ ޗީސްކޮޅެއް ވެސް އަޅާލާށެވެ. ޔޯގަޓް ވެސް އެޅުމަކުން ގޯހެއް ނެތެވެ.