ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ގައުމީ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަރަށް ބޮޑަށް އެ ބިލަށް ފާޑުވިދާޅުވެއްޖެ އެވެ.
ޗެމްބާ އޮފް ކޮމާސްގެ ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި ބިލު މިހާރު އޮތް ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރަސްތަކެއް އެބަ އޮތެވެ. އަދި ޗެމްބާ އޮފް ކޮމާސްގައި ފައުންޑިން މެންބަރުން ތިބެން ޖެހޭނެ ކަމަށް ބިލުގައި އޮތުމުން ބައެއް މެންބަރުން ވަނީ އެ ކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް ބިލު ކޮމިޓީއަކަށް ފޮނުވައި އިތުރަށް ދިރާސާ ކުރަން ބައެއް މެންބަރުން ތާއީދު ކުރެއްވި އެވެ.
ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ ގާނުނީ އޮނިގަނޑެއްގެ ތެރެއިން ވިޔަފާރިވެރިންގެ ޖަމިއްޔާއެއް އުފައްދާއިރު، ރާއްޖޭގެ އިގްތިސޯދުގައި ހިމެނޭ ސިނާއަތްތަކުގެ ހިއްސާގެ ބޮޑު ބައެއް އޮތީ މަދު ވިޔަފާރިވެރިންތަކެއްގެ އަތްމަތީގައި ކަމަށެވެ. މި ބޮޑު ފަރަގު އޮއްވައި ޗެމްބާ އޮފް ކޮމާސް، ގާނޫނީ ހިއްސާއެއް ދީގެން އުފެއްދުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ޖީހާން ވިދާޅުވި އެވެ.
"މި ކަމުގެ ނޭދެވޭ އަސަރު ކުރާނީ ވިޔަފާރީގެ ދާއިރާގައި އެއް ގޮތަކަށް ވެސް ކުރިއެރުމެއް ނުލިބި، ބަނގުރޫޓުވެ ބަކަތަޅަމުން އަންނަ އަންހެން ވިޔަފާރިވެރިންނާއި ގޭގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުންދާ ކުދިކުދި ވިޔަފާރިވެރިންނަށް. އިންކަމް ޓެކްސްއެއް ނެތް ހާލު، މިނިވަމް ވޭޖްއެއް ނެތް ހާލު، ޓްރޭޑް ޔުނިއަންތައް ގާއިމު ކުރުމުގެ ފުރުސަތު ނެތްއިރު، ޗެމްބާ އޮފް ކޮމާސްއެއް ގާނޫނީ އޮނިގަނޑަކުން އުފެއްދުން އެއީ ބުއްދިވެރިކަމެއްތޯ ވިސްނާލަން ޖެހޭ،" ޖީހާން ވިދާޅުވި އެވެ.
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ޗެމްބާ އޮފް ކޮމާސްގެ ފައުންޑިން މެންބަރުން ތިބެން ޖެހޭނެ ކަމަށް ބިލުގައި އޮތުމުން އެއީ ތާއީދު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ. ފައުންޑިން މެންބަރުންތަކެއް ތިބޭ ގޮތަށް ހަދައިފިނަމަ އެ މެންބަރުންގެ ބާރު އެ ޖަމިއްޔާގެ ތެރޭގައި އޮންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ. ޗެމްބާ އޮފް ކޮމާސްގެ ބޯޑުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަމްސީލު ކުރެވޭނެ ގޮތެއް ބިލުގައި ނެތް ކަމަށާއި ބިލު ދިރާސާ ކުރާއިރު އެފަދަ ވިޔަފާރިތައް ތަމްސީލު ކުރެވޭނެ ގޮތަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި އުޅެނީ އަމިއްލަ ފަރާތަކުން ހިންގާ ކުޅިވަރު ޖަމިއްޔާއެއް ހިންގާކަށް ނޫން. މި ބިލުގެ މަގްސަދަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި ޕްރައިވެޓް ސެކްޓާއަށް ހުރި ދަތިތައް ފިލުވަން ސަރުކާރާއެކު މަޝްވަރާކޮށް ހައްލުތައް ގެންނަން ޗެމްބާ އޮފް ކޮމާސް އެއް މި އޮންނަން ޖެހެނީ. އެހެންވެ ފައުންޑިން މެންބަރުން ތިބެން ޖެހޭނެ ކަމަަކަށް." ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ އިގްތިސޯދު އޮންނަނީ މަދު ބޮޑެތި ވިޔަފާރިތަކެއްގެ "މުށު ތެރޭގައި" ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަށް ދިއުމަށް "މަގު ބަންދު" ވެފައި އޮންނަ ގޮތަކަށް ކަމަށެވެ. އެހެން އޮތްއިރު ޗެމްބާ އޮފް ކޮމާސްގެ ބިލެއް މަޖިލީހަށް ހުށަހެޅިއިރު އެއީ ކޮން ކަލަހަ ޖަމިއްޔާއެއް ކަމެއް ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"މި ޖަމިއްޔާ އުފެދޭއިރު މި ވާނީ ކޮން ކަހަލަ ޖަމިއްޔާއެއް ކަން ވެސް ނޭނގޭ. ކްލަބް ޖަމިއްޔާއެއް ކަމެއް ނުވަތަ މިނިވަން މުއައްސަސާއެއް ކަމެއް ވެސް ނޭނގޭ. ބައެއް ފަހަރު ހީވޭ މިއީ ފައުންޑިން މެންބަރުންތަކަކާއެކު ރަޖިސްޓްރީ ކުރާ ސިޔާސީ ޕާޓީއެއްހެން ވެސް." ޗެމްބާ އޮފް ކޮމާސްގެ ބޯޑުގައި ފައުންޑިން މެންބަރުން ތިބޭނެ ކަމަށް ބިލުގައި އޮތުމުން އެ ކަމަށް އިޝާރާތް ކުރައްވަމުން ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ބިލުގައި އޮތް ޗެމްބާ އޮފް ކޮމާސް އިތުރަށް ސިފަ ކުރެއްވީ މާލޭގައި އޮޕަރޭޓް ކުރާ އޮފީހެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ މާލޭގައި ތިބޭ މަދު ވިޔަފާރިވެރިންނަށް އަތޮޅުތަކުގެތެރޭގައި ހިނގަމުންދާ ވިޔަފާރިތަކުގެ ހާލަތު ނޭނގޭނެ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުން ފާސްކުރާ އެއްވެސް ގާނޫނަކީ އެއްވެސް ގިންތިއެއްގެ ވިޔަފާރިއަކަށް އޮންނަ އުނދަގުލަކަށް ވެގެން ނުވާނެ ކަމަށެވެ. ނަމަވެސް ބިލު އޮތީ އެފަދަ ގޮތަކަށް ކަމަށެވެ.
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ މިހާރު ހުށަހެޅިފަައިވާ ބިލުން ޖަމިއްޔާއަށް މާބޮޑެތި ބާރުތަކެއް ލިބޭ ކަމަށެވެ. މިހާރު އޮތް ވިޔަފާރިވެރިންގެ ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަދި މިހާރު އޮތް ބިލަށް ވެސް ފާޑުވިދާޅުވަމުން ރާއީ ވިދާޅުވީ އޭނާ ބިލު މިހާރު އޮތް ގޮތަށް ފާސް ކުރަން އެއްގޮތަކަށް ވެސް ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް ކޮމިޓީ މަރުހަލާއަށް ގޮސް ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެވެން އޮތްނަމަ އެ ކަން ކުރަން ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި ބަޔަކަށް މަންފާވާ ގޮތަށް، އެ މީހުން ބޭނުންވާ ކަމެއް ކުރަން ފުރުސަަތު ދޭ ގޮތަށް މި ބިލު ފާސްކޮށްގެން ނުވާނެ. އަޅުގަނޑު މި ބިލު ހުށަހެޅި މެންބަރަށް ވެސް ދަންނަވާލަން ބިލު ކޮމިޓީއަށް ގެންގޮސް ބޮޑަށް ދިރާސާކޮށް ބަދަލުތައް ގެންނަން. އެހެން ނޫން ނަމަ ބިލަށް ޖަހާނީ ޖޯކު." ރާއީ ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފު ވިދާޅުވީ އިގްތިސާދު އޮތީ މަދު ވިޔަފާރިތަކެއްގެ "ކޮންޓްރޯލް" ގައި ކަމަށާއި ރާއްޖެއަށް ވަންނަ އާމްދަނީ ހަމަހަމަކަމާއެކު ހުރިހާ ވިޔަފާރިތަކަށް ބެހިގެން ނުދާ ކަމަށެވެ. މިހާރު ބިލު އޮތް ގޮތުން ވެސް ފުރުސަތުތައް އޮތީ ބޮޑަށް މާލޭގެ ވިޔަފާރިތަކަށް ކަމަށާއި އަތޮޅުތެރޭގައި ހިންގާ ބައެއް ވިޔަފާރިތައް ހިނގަނީ ވަރަށް ދަތިހާލުގައި ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ފައުންޑިން މެންބަރުންތަކެއް އެ ޖަމިއްޔާގައި ތިބެން ޖެހޭނެ ކަމަށް އޮތް އޮތުން އެއީ އެއްގޮތަކަށް ވެސް އޮތުން ރަނގަޅު ގޮތެއް ނޫން ކަމަށް ޔާސިރު ވިދާޅުވި އެވެ. ބިލުގައި ހިމެނޭ އެފަދަ ގިނަ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ޔާސިރު ވިދާޅުވި އެވެ.