ޖޭއެސްސީ

ޖޭއެސްސީގެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަނެ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުށަހެޅުއްވި އިސްލާހުގެ ބިލު ބަލައިގަނެ ބިލު ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ފާސްކުރީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

އިންތި ހުށަހެޅުއްވި އިސްލާހުގައި ވަނީ ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް "ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" ގެ ނަމުގައި މާއްދާއެއް އިތުރުކޮށް ޖޭއެސްސީގެ ދަށުން ހިނގާ ގޮތަށް ޑީޖޭއޭގެ ނަމުގައި އިދާރާއެއް އުފެއްދުމަށެވެ. މަޖިލީހުން ބިލު ފާސްކޮށް ރައީސްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ހިސާބުން މިހާރު އޮތް ޑީޖޭއޭ އުވިގެންދާނެ އެވެ. މިހާރު އޮންނަ ޑީޖޭއޭ ހިނގަމުން ދަނީ ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ދަށުންނެވެ.

ޖޭއެސްސީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވާނީ ޗީފް އޮފް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކަމަށް އިސްލާހުގައިވެ އެވެ. ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަކަށް އެއްވެސް ބާވަތެއްގެ އަމިއްލަ ވިޔަފާރިއެއް ނުހިންގޭނެ ކަމަށާއި އެ މަގާމަށް އައްޔަން ކުރެވޭނީ އުމުރުން 35 އަހަރުވެފައިވާ ދިވެއްސެއް ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ޖޭއެސްސީގެ މެންބަރުންގެ އެންމެ ހަގު އުމުރު 40 އަހަރަށް މަތިކޮށް ޖޭއެސްސީގެ މެންބަރުންނަށް އެއްވެސް ކޯޓެއްގައި ހިނގާ މައްސަލައެއްގައި ވަކާލާތު ކުރުމުން މަނާކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ބިލުގައިވެ އެވެ.