ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ރާއްޖެ އެމްބަސީން ފިލާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ފުލުހުން މިއަދު ދޮގު ކޮށްފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖެނުއަރީ 16، 2010 ގައި ލުތުފީ ބޭސް ފަރުވާއަށް އިންޑިއާއަށް ފޮނުވުމުން އޭގެ ފަހުން އެނބުރި ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުން ފެށިގެން އޭނާ އުޅެމުން ދަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގަ އެވެ. ފުލުހުން އޭނާ ގެނައުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ލިޔެކިޔުންތައް ހަމަނުވާތީ ކަމަށް ބުނެ އަދި އޭނާ ގެނެސްފައެއް ނުވެ އެވެ.
ނަމަވެސް، ލުތުފީ މިހާރު ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި، އޭނާ އެމްބަސީން ފިލާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެ ވާހަކަތަކާ ގުޅިގެން "އަވަސް" އިން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ލުތުފީ އަދިވެސް ހުރީ "ދިވެހި ފުލުހުންގެ ބެލެއްޓުމުގެ ދަށުގައި" ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ނަމަވެސް، ލުތުފީ ބަހައްޓާފައިހުރި ސީދާ ތަނެއް ހާމަނުކުރެއްވޭނެ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ލުތުފީ ހުރި ތަނެއް ހާމައެއް ނުކުރެވޭނެ. އެކަމަކު އަޅުގަނޑުމެން ޔަގީންކަންދެން ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލެމުގެ ދަށުގައިކަން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އިޒްމިއާ ވިދާޅުވީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ލުތުފީ އަނބުރާ ރާއްޖެ ގެނެވޭނެ ވަކި ތާރީހެއް އޭނާ ވިދާޅެއްނުވި އެވެ.
ލުތުފީ އެމްބަސީގައި ހުރިކަން ހާމަނުކޮށް، އެކަން ފޮރުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.