މިނިމަމް ވޭޖް

މިނިމަމް ވޭޖް އެނގެނީ ކިހާވަރަކަށް؟

Jul 4, 2019
9

މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައަކީ އުޖޫރަ ލިބޭގޮތަށް ވަގުތު ކަނޑައެޅިގެން މަސައްކަތްތެރިޔާއަށް ކުރާ މަސައްކަތަކަށް މަސައްކަތް ހަވާލުކުރާ ފަރާތުން އަސާސީ މުސާރައިގެ -- ބޭސިކް ސެލަރީ -- ގޮތުގައި ދިނުމަށް ކަނޑައަޅައި، އެކުވި އެއްބަސްވުމަކުން ނުވަތަ ކަލެކްޓިވް އެގްރިމެންޓެއް ނޫނީ ވަކި ފަރުދަކާއެކު ހެދޭ އެއްބަސްވުމަކުން ވިޔަސް ކުޑަ ނުކުރެވޭނެ ކަމަށް ގާނޫނީ ގޮތުން ލާޒިމުކުރާ އެންމެ ކުޑަ އަދަދެކެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުން އަސާސީ ކާޑުގެ ބާވަތްތަކަށް ކޮންމެ ދުވަހަކު ހަރަދުކުރާ މިންވަރާއި ޒަރޫރީ ބޭނުންތަކަށް ކުރާ އެހެނިހެން ހަރަދުތައް ވަކިވަކިން ދެނެގަތުމަކީ މުހިންމު ކަމެވެ. އެންމެ ކުޑަ އުޖޫރައިން ކަށަވަރު ކޮށްދެނީ މަސައްކަތް ތެރިޔާގެ ޒަރޫރީ ބޭނުންތައް ފުއްދައި ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދައިދިނުމެވެ.

އެންމެ ކުޑަކޮށް ދެވޭނެ އުޖޫރައެއް ކަންޑައެޅުމުގެ އަނެއް ބޭނުމަކީ ކުރުވާ މަސައްކަތާއި އެކަށީގެން ނުވާ އުޖޫރަ ދިނުމާއެކު މަސައްކަތްތެރިޔާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމެވެ. އެންމެ ކުޑައުޖޫރަ ދިނުމަށް ކަނޑައެޅުމުން މަސައްކަތްތެރިޔާ ކުރާ މަސައްކަތުން ވަޒީފާ ދޭފަރާތަށް ހޯދައިދެވޭ ނަފާވެރިކަން ދެފަރާތަށް އަދުލުވެރި އުސޫލަކުންބެހި، ދެފަރާތުގެ ހައްގުތަށް ހިމާޔަތް ކުރުވޭކަން ޔަގީން ކުރެވެއެވެ.

މިކަމުގެ ބޭނުންތަކުގެ ތެރޭގައި އުޖޫރައިގެ ސަބަބުން މަޖުބޫރުން ފަގީރު ކަމުގައި ދިރިއުޅެންޖެހިފައިވާ މީހުންގެ ހާލަތު ވަކި އުސޫލެއްގެ ތެރެއިން ރަނގަޅު ކުރުވުމާއި މަސައްކަތްތެރި އަންހެނުންނާއި ފިރިހެނުނާމެދު ޒަމާނުންސުރެ އަށަގަނެފައިވާ އުޖޫރައިގެ ތަފާތުކުރުން ނައްތާލުން ހިމެނެ އެވެ.

އެންމެ ކުޑައުޖޫރަ ކަނޑައެޅުމުގައި މަސައްކަތްތެރިޔާގެ ހައްގުތަކާއި ވާޖިބުތަށް ރައްކާތެރިކޮށް ކަށަވަރު ކުރުމަށް "އެކުވި އެއްބަސްވުން" ތަކުގެ ތެރެއިން އުޖޫރަ ކަނޑައެޅޭނެ ނިޒާމެއް އޮތުމަކީ ވެސް ކޮންމެހެން ލާޒިމު ކަމެކެވެ.

ދުނިޔޭގައި އެންމެ ކުޑަކޮށްދެވޭނެ އުޖޫރައެއް ކަނޑައަޅައި ތަންފީޒު ކުރަން ފެށިފައިވަނީ 1894 ގައި ނިއުޒިލެންޑުގަ އެވެ. އޭގެ 124 އަހަރު ފަހުން ރާއްޖޭގައި އެންމެ ކުޑަކޮށްދެވޭނެ އުޖޫރަ ކަނޑައަޅަން މަސައްކަތް ކުރަމުންދާއިރު ދުނިޔޭގެ 171 ޤައުމުގައި ކުޑަ އުޖޫރަ ކަނޑައަޅާފައި އެބައޮތެވެ.

ފަހުގެ ތާރީހުން 2004 ގައި ޗައިނާ އަދި 2015 ގައި ޖަރުމަނުން ކުޑަ އުޖޫރަ ކަނޑައެޅި އިރު ސިންގަޕޫރާއި ފިންލެންޑާއި ސުވިޒަލެންޑާއި ޑެންމާކާއި އައިސްލެންޑް އަދި ނޯވޭ ފަދަ ގައުމުތަކުގައި ކުޑަ އުޖޫރަ އަދިވެސް ކަނޑައެޅިފައެއް ނުވެ އެވެ. ނަމަވެސް އެކުވެވޭ އެއްބަސްވުމުގެ ދަށުން މި ގައުމުތަކުގައި އުޖޫރަ ކަނޑައެޅަމުން ގެންދެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ތަންފީޒުކުރުން

ކުޑަކޮށްދެވޭނެ އުޖޫރަ ކަނޑައެޅުމުގައި އެންމެ ރަނގަޅު ގޮތް ކަމަށް ކަނޑައަޅައި ބޭނުން ކުރުމަށް ވަކި ހާއްސަ ގޮތެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ކޮންމެ ގައުމަކުން ވެސް ގެންގުޅެނީ އެ ގައުމެއްގެ އިގުތިސޯދީ ހާލަތާއި އިގްސޯދުގައި ހިނގާ ހަރަކާތްތަކާއި ބޭނުންތަކަށް ރިޔާއަތްކޮއް އުފައްދާފައިވާ އަމިއްލަ އުސޫލު ތަކެކެވެ.

ބައެއް ގައުމުތަކުގައި އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ކަނޑައަޅައި ތަންފީޒު ކުރުމުގައި މަސައްކަތުގެ ދާއިރާ އާއި، ސިނާއަތާއި މަސައްކަތްކުރާ ސަރަހައްދާއި ކުރާ މަސައްކަތަށް އުޖޫރަ ދިނުމުގައި ތަފާތު ކުރުމުގެ ބަދަލުގައި ހުރިހާ ބާވަތެއްގެ މަސައްކަތެއް ކުރާ ހުރިހާ މަސައްކަތްތެރިންނަށް އެއް އަދަދެއް ކަނޑައަޅާފައި ވެއެވެ. މިއާހިލާފަށް އަނެއްބައި ގައުމުތަކުގައި ވަކިވަކި ސިނާއަތްތަކާއި ދާއިރާތަކަށް ހާއްސަކޮށްގެންނާއި ކުރާ މަސައްކަތަކަށާއި ސަރަހައްދު ތަކަށް ހާއްސަ ކޮށްގެން ކުޑަކޮށް ދެވޭނެ އުޖޫރަ ކަނޑައަޅާފައި ވެއެވެ.

ބަޔާންކުރެވުނު ދެގޮތަށް އުޖޫރަ ކަނޑައެޅުމުން އެކަމުގެ ފައިދާ އާއި ގެއްލުންތަކެއް އެކުލެވެއެވެ. އެންމެންގެ މައްޗަށް އެއް އުޖޫރައްއެއް ކަނޑައެޅުމުން ތަންފީޒީ އިދާރާތަކަށް ބެލެހެއްޓުން ފަސޭހަވުމާއި، އުޖޫރަ އާއި ގުޅުންހުރި ކަންކަން ހިންގުމުގައި މަސައްކަތް ތެރިންގެ އިތުބާރު ތަންފީޒީ އިދާރާތަކަށް ލިބި މަސައްކަތް ހަވާލުކުރާ ފަރާތްކައް ފަސޭހަވެގެން ދެއެވެ.

އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ، ކުރާ މަސައްކަތާއި ވަކިވަކި ސިނާއަތަކާއި މަސައްކަތް ކުރަން އުޅޭ ސަރަހައްދަށް ބަލައި މިއިން ކޮންމެ ތަކަނަށް ވަކިވަކިން އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅައިފިނަމަ ވަޒީފާ ބަދަލު ކުރާ ކޮންމެ ފަހަރަކު މަސައްކަތްތެރިޔާގެ ހިމެނެނީ ކޮން ކެޓަގަރީ އެއްގައިތޯ ބަލައި ދޭންޖެހޭ އުޖޫރަ ބަދަލު ކުރަން ޖެހެ އެވެ.

އެއްބާވަތެއްގެ މަސައްކަތެއް ތަފާތު ދެ ސިނާއަތުގައި ކުރާ މަސައްކަތްތެރިޔާގެ އުޖޫރާގައި ތަފާތު ތަކެއް ހުރުމާއި، އެއް ސިނާއަތެއްގެ ތެރޭގައި ހިމެނިގެން ހިންގޭ ނަފާވެރިކަން ތަފާތު އިގުތިސޯދީ ހަރަކާތަށް ގިންތި ކުރުމުގައި ހަމަ ހަމަ އުސޫލުއްތަކެއް ގާއިމް ކުރަން އުނދަގޫވުމާއި އުޖޫރަ އާއި ގުޅޭ ކަންކަން ބެލެހެއްޓުމުފައި ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހި ގިނަ ވަސީލަތްތަކާއި އެތަކެއް އުސޫލުތަކެއް ގާއިމްކޮށްގެން ވެސް ތަންފީޒީ އިދާރާތަކާއި މަސައްކަތްތެރިންނާއި މަސައްކަތް ކުރުވާ ފަރާތާއި ދެމެދު ނުތަނަވަސްކަން އުފެދި އެތަކެއްމައްސަލަތަކަކާއި ކުރިމަތިލާން ޖެހެއެވެ.

ނަތީޖާއަކަށް ވާނީ މަސައްކަތްތެރިންގެ މެދުގައި ތަންފީޒީ އިދާރާތަކަށް އޮންނަ އިތުބާރު ކުޑަވުމާއި އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ހޯދުން އެއީ ތަކުލީފެއް ކަމުގައިދެކެ އިތުބާރު ކުޑަވާން ފެށުމެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު ވިސްނާލަންޖެހޭ އަނެއް ނުކުތާއަކީ "އިންޑަސްޓްރިއަލް ރިލޭޝަން އެކްޓެ" އް އޮތުމުގެ މުހިންމު ކަމެވެ. އެއީ ގާނޫނީ ގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވީ ނަމަވެސް އިއްތިހާދުވެފައިވާ މަސައްކަތެރިންނާއި ސަރުކާރާއި މަސައްކަތް ކުރުވާ ފަރާތްތަކާއި ދެމެދު މަޝްވަރާކުރެވި "އެކުވިއެއްބަސްވުން" ތައް އެކުލަވާލަން ޖެހޭ ހާލަތް ތަކުގައި ގާނޫނީ ގޮތުން މިމަގު ފަހިވެފައި އޮންނަން ޖެހޭތީ އެވެ. އެހެން ނޫނަމަ އަނެއްކާވެސް މަސައްކަތް ތެރިނާއި މަސައްކަތް ކުރުވާފަރާތާއި ދެމެދު ދެބަސްވުންތަށް އުފެދި މައްސަލަ ހައްލުނުވެ އިގްތިސޯދަށް ލޮޅުންއަރާފަދަ ހަރަކާތަށް ހިނގުމަކީ ނުހަނު ކައިރީގައިވާ ކަމެވެ.