ރިޕޯޓް

އަލުން އަބުރުގެ ގާނޫނެއް ގެންނަން މުހިންމުތަ؟

ކޮންމެ މީހަކީވެސް ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގު ލިބިގެންވާ މީހެކެވެ. ނަމާއި އަބުރު ރައްކާތެރި ކުރުމަކީ ގާނޫނު އަސާސީ އިންވެސް ކަށަވަރު ކޮށްދީފައިވާ ހައްގެކެވެ. އެ ހައްގު ނިގުޅައިގަނެވޭނެ އެއްވެސް ބާރެއް ނެތެވެ. އެކަމަކު މިހާރު ފެނިގެންދަނީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް މީހެއްގެ އަބުރު ކަތިލެވިގެންދާ މަންޒަރެވެ. އެކަން ހުއްޓުވާނެ މީހަކު ނެތެވެ. ހުއްޓުވޭނެ ގޮތެއް ވެސް ނެތެވެ. އެކަން ކަން ނެތީ އަބުރުގެ ގާނޫނު ނެތުމުން މިނިވަންކަން ލިބިގެން ހެއްޔެވެ؟ ގާނޫނެއް ނެތި މީހުންގެ އަބުރު ހިތަށް އެރި ގޮތަކަށް ކަތިލަން ދޫކޮށްލާފައި ބާއްވަންވީ ހެއްުޔެވެ؟

އަބުރު ކަތިލުމާއި އަބުރަށް އަރައިގަތުން ހުއްޓުވަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނެއް މަޖިލީހުން ފާސްކޮށް ތަސްދީގު ކުރި އެވެ. އެ ގާނޫނުގެ ދަށުން މީހެއްގެ ހައްގަށާއި ނަމަށް، އަބުރަށް އަދި ގަދަރަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނޫނީ ގެއްލުން ލިބޭ އަދި ސާބިތު ނުހިފޭ ދޮގު ވާހަކައެއް އެއްވެސް ހަބަރު ފަތުރާ ވަސީލަތަކުން ދައްކައިފި ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގައި ޖޫރިމަނާ ކުރެވޭނެ އެވެ.

އެ ގާނޫނާއެކު އެންމެ ބޮޑަށް ހަނިވެގެން ދިޔައީ ނޫސްވެރިންގެ މިނިވަން ކަމެވެ. އެއާއެކު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އިސް އެއް ވައުދަކަށްވީ އެ ގާނޫނު އުވާލުމެވެ. އެކަމާމެދު ބައެއް ހިޔާލުތަފާތުވުން ތަކެއް ވެސް ހުއްޓެވެ. އެއީ އެ ގާނޫނު އެއްކޮށް އުވާނުލައި އިސްލާހު ކުރުމެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަސްވަރު ވަނީ އެ ގާނޫނު މަޖިލީހުން އުވާލައި ތަސްދީގު ކުރައްވައިފި އެވެ.

އެކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް މި ސަރުކާރަށް އަމާޒުވި އެވެ. ބައެއް ފަރާތްތަކުން ދިޔައީ ރާއްޖޭގައި މީހުންގެ އަބުރާއި ބެހުން ސަރުކާރުން ހުއްދަ ކުރީ ކަމަށް ބުނަމުންނެވެ. އަދި އެކަމަށް ހިތްވަރު ދެނީ ކަމަށް ބުނެ ފާޑުކިޔާފައި ވެސް ވެއެވެ.

އޭގެ ފަހުން މިހާރު ފެނިގެން މިދަނީ އެފަދަ މަންޒަރުތަކެކެވެ. އަބުރުގެ ގާނޫނު އުވާލުމަށްފަހު ސޯޝަލް މީޑިއާގައި މީހުންގެ އަބުރު ކަތިލުމާއި އަބުރަށް އަރައިގަތުން އިތުރުވެފައިވާ ކަމަށް ގިނަ ބަޔަކު އެބަ ގަބޫލު ކުރެ އެވެ.

ހާއްސަކޮށް ފުރައްސާރައިގެ މައްސަލަތަކާއި މީސް މީހުންގެ ޒާތީ މައުލޫމާތު ބެލުމެއްނެތި ދަނީ ހިއްސާ ކުރަމުންނެވެ. ތެދު ހަގީގަތެއް ބެލުމެއްނެތި ކޮންމެވެސް ޕޭޖެއްގައި މީހުންގެ އަބުރަށް އަރައިގަނެ ހައްގުތައް ނިއުޅައިގަނެ އެވެ. އަބުރުގެ ގާނޫނެއް ނެތެވެ. އެމީހާއަށް ލިބިގެންދާ ގެއްލުމަކަށް ވިސްނާލުމެއް ނެތި އެވެ. އެމިނިވަންކަން މިހާރު މާބޮޑަށް ހައްދު ފަހަނަ އަޅައި ގޮސްފި އެވެ. އެއިން ކަމަކަށް ކުރެވޭނެ މާބޮޑު ކަމެއްވެސް އެޅޭނެ ފިޔަވަޅެއް ވެސް ނެތެވެ.

"މިހާރު އަބަދުވެސް ބަލަންޖެހޭ ފޭސްބުކް ކަހަލަ ތަނަކަށް ވަދެފަ ޕޭޖެއްގައި އަމިއްލަ މީހާގެ ފޮޓޯ އެއް އިންތޯ، އެހާވެސް ބިރުވެރި، ތަނެއް ދޮރެއް ބެލުމެއްނެތި ހަމަ ކޮންމެ މީހަކު ފޮނުވާ އެއްޗެއްވެސް ޕޯސްޓް ކޮށްފާނެ، މީހެއްގެ އަބުރު ކުޑަ ހިނދުކޮޅެއްގައި ކަތިލެވިގެން މިދަނީ،" މީހަކު ބުންޏެވެ.

މިހާލަތަށް ގޮސްފައިވާއިރު އަބުރުގެ ގާނޫނެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއްކަމުގައި ގިނަ ފަރާތްތަކަކުން މިހާރު ދެކެ އެވެ.

ސަރުކާރުން އަބުރުގެ ގާނޫނެއް އަނބުރާ ގެނައުމުގެ ވިސްނުން އެބަހުރި ހެއްޔެވެ؟ އެޓާނީޖެނެރަލްގެ އޮފީހުން އެކުލަވާލި ލެޖިސްލޭޓިވް އެޖެންޑާގެ ބިލްތަކުގެ ތެރޭގައިވެސް އެބިލް ފެންނާކަށް ނެތެވެ. އެހެންކަމުން އޭގެ މާނައަކީ އަބުރުގެ ގާނޫނެއް އެކުލަވައިލަން މި ސަރުކާރުގެ ވިސްނުމުގައި ހެއްޔެވެ؟

އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އަބުރުގެ ގާނޫނު އެއްކޮށް އުވާލުމަކީ ގޯހެކެވެ. އެ ގާނޫނަކީ އޮތުން މުހިންމު ގާނޫނެކެވެ. ބައެއް ބަދަލުތަކާއިއެކު ގާނޫނު އަލުން ގެންނަންޖެހެ އެވެ. އެގާނޫނުގެ މުހިންމުކަން އާންމު ރައްޔިތުންނަށް މިއަދު އިހުސާސް ކުރެވެ އެވެ.

"އެ ގާނޫނުގައި ބައެއް ގޯސް ކަންތައްތަކެއްހުރި، މިސާލަކަށް ނޫސްވެރިންނަށް ވަރަށް ބޮޑަށް ހަރުކަށިކޮށް ހުރީ، އެކަމަކު އެގާނޫނުގައި ވަރަށް ގިނަ ރަނގަޅު ކަންކަން ވެސް ހުރި، މިސާލަކަށް ސޯޝަލް މީޑިއާފަދަ ތަންތާންގައި މީހުންގެ އަބުރު ކަތިލުން ހުއްޓުވި، އެކަމުގެ ސަބަބުން ވަރަށް ބޮޑަށް މީހުންގެ ޒާތީ ކަންކަމާއި ބެހުން ހުއްޓުނު، ނަމަވެސް ހިތާމައަކީ މިއަދު މިވަނީ އެކަންކަން ހައްދު ފަހަނަ އަޅައިގެން ގޮސްފައި، އެހެންވެ މިދަންނަވަނީ އަލުން އެ ގާނޫނު އަނބުރާ ގެނައުމަށް،" ޕީޕީއެމް މެންބަރަކު ވިދާޅުވި އެވެ.

އަބުރުގެ ގާނޫނެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިހާރު ގިނަ ފަރާތްތަކުން ދެކެއެވެ. ނަމަވެސް އެކަމާ ދެކޮޅު ހަދާ މީހުންވެސް މަދެއް ނޫނެވެ. އެފަދަ ފަރާތްތައް ދެކޭ ގޮތުގައި އެފަދަ ގާނޫނެއް އޮތުން މުހިންމު ނަމަވެސް އެ ގާނޫނު އެކުލަވާލުމަށްވުރެ މުހިންމު އެހެން ގާނޫނުތައް އެބަހުއްޓެވެ.

އެގޮތަށް ގަބޫލުކުރާ ސަބަބެއްވެސް ބައެއް މީހުން ދައްކަ އެވެ. އެއީ ގާނޫނު އަސާސީން 33 ވަނަ މާއްދާގައި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާތީ އެވެ. އަދި އާންމު ގަވާއިދުތަކާއިބެހޭ ގާނޫނުގެ ދެވަނަ ޖަދުވަލުގެ 10 ވަނަ ނުކުތާގެ ދަށުން "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ ގަވާއިދު" އަދިވެސް އޮތުމުންނެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމާއެކު އާންމު ގާނޫނުގެ ތެރެއިން އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ ގަވާއިދަށް އަމަލުކުރެ އެވެ.

ގާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި މިހާރުވެސް އަބުރު ރައްކާތެރި ކުރުމަށް ގާނޫނެއް އެބައޮތެވެ. މިހާރުވެސް މީހެއްގެ އަބުރު ކަތިލައިފިނަމަ އެގާނޫނުގެ ދަށުން ކަންކަން ކުރާނެ ގޮތްތައް ވަރަށް ސާފެވެ. އަދި އެފަދަ މައްސަލަތައް ކޯޓަށް ހުށަޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. އެހެންކަމުން ޖިނާއީ ކަންކަން ހިމަނައިގެން އަބުރުގެ ގާނޫނެއް ވުޖޫދު ކުރުން އެހާ ރަނގަޅު ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"އަޅުގަނޑަކަށް ނުފެނޭ ޖިނާއީ ބައި ހިމަނައިގެން އަބުރުގެ ގާނޫނު ގެންނާކަށް، އެކަމަކު އަބުރުގެ ގާނޫނު ވަރަށް ބޮޑަށް ގުޅިފައި އޮންނަނީ ޖުޑީޝަރީއަށް ކުރާ އިތުބާރަށް، އަސްލު މީހުން ކީއްވެތޯ ކޯޓަށް ނުދަނީ، އެވެސް އަހާލަންޖެހޭ ސުވާލެއް، މިސާލަކަށް މިހާރުވެސް އެބަ އޮތްތާ ގާނޫނެއް، ކުރިވެސް ކުޑަ ދުވަސްކޮޅަކަށް އަނެއް ގާނޫނު އޮތް އިރުވެސް ނުދޭ ކޯޓަކަށް، އެހެން ސިސްޓަމްތައް ބޭނުން ކުރަނީ، ކޯޓު ނިޒާމެއް ބޭނުމެއް ނުކުރޭ،" ޝަމީމް ވިދާޅުވި އެވެ.