އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ޗިލީގެ މައްޗަށް 3-0 ގެ ނަތިޖާއަކުން ކާމިޔާބު ހޯދައި، 40 އަހަރަށް ފަހު ޕެރޫ ކޮޕާ އެމެރިކާގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ކޮޕާ އެމެރިކާގެ މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ، ޕެރޫ މީގެ ކުރިން ފައިނަލަށް ދަތުރު ކުރީ 1975 ވަނަ އަހަރު އެވެ. އެ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީވެސް ޕެރޫ އެވެ.
ފުރަތަމަ ހާފުގައި ޗިލީން ދެ ލަނޑު ކާމިޔާބު ކުރި އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގަ އެވެ.
ފުރަތަމަ ލަނޑު، 21 ވަނަ މިނެޓްގައި، އެޑިސަން ފްލޮރޭސް ކާމިޔާބު ކުރީ، ޕެރޫއިން ނެގި ހުރަހެއްގައި އޭނާއަށް ލިބުނު ބޯޅަ ގޯލްގެ ދުރު ކަނަށްވާ ގޮތަށް ފޮނުވާލައިގެނެވެ. ބޯޅަ ލިބުނުއިރު އޭނާ ހުރީވެސް ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށެވެ.
ދެވަނަ ލަނޑު 38 ވަނަ މިނެޓްގައި، ޔޮޝިމާ ޔޯޓަން ކާމިޔާބުކުރީ ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. ޕެރޫއިން ފަހަތުގައި ތިބެފައި ޗިލީގެ ޕެނަލްޓީ އޭރިއާ ބޭރުން އަރިމައްޗަށް ނަގައިން ދިން ބޯޅަ، ޗިލީގެ ކީޕަރު ގެބްރިއަލް އަރިއަސް ނިކުތީ ބޯޅަ ދިފާއު ކުރާށެވެ.
ގޯލް ދޫކޯށްލާފައި އޭނާ ބޯޅަ ހޯދަން ދިއުމުން ގޯލް އޮތީ ހުސްކޮށެވެ. އޭނާއަށްވުރެ ކުރިން ޕެރޫގެ އަންޑްރޭ ކެރިޔޫ އޭނާގެ ހަލުވި ސްްޕިޑް ބޭނުން ކޮށްގެން ބޯޅަ ހޯދައި، ބޯޅަ ނަގައިދިނީ ޗިލީގެ އޭރިއާ ތެރެއަށްވާ ގޮތަށެވެ. އެ ބޯޅަ ލިބުނީ އޭރިއާގެ ބޭރުގައި ހުރި، ޔޯޓަން އަށެވެ. އޭނާ ވަނީ އެއްފަހަރުން ހުހަށް އޮތް ޗިލީގެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
ޕެރޫގެ ތިން ވަނަ ލަނޑު 91 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޕައޮލޯ ގުއެރޭރޯ އެވެ. ޗިލީގެ ހާފުގެ ތެރެއިން އޭރިއާގެ ބޭރުން، އެ ޓީމުގެ ރެނާޓޯ ޓާޕިއާ، ގުއެރޭރޯއަށް ބޯޅަ ދިނީ ޗިލީގެ ޑިފެންސްގެ ތެރެއިން ތިރިތިރިންނެވެ. ގުއެރޭރޯ ހުރީވެސް އޮފްސައިޑް މަޅިން ސަލާމަތް ވެގެންނެވެ.
އޭނާ އަށް ބޯޅަ ލިބުނު އިރު އޮތީ ހުސްކޮށެވެ. ގޯލްގެ ތެރެއަށް ބޯޅަ ވައްދާލީ ކީޕަރު އަރިއަސް ކަޓުވާލުމަށް ފަހު އެވެ. މެޗުގެ 95 ވަނަ މިނެޓްގައި ޗިލީއަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. ޕެރޫގެ ޕެނަލްޓީ އޭރިއާ ތެރެއިން އަރަންގީޒްއަށް ޕެރޫގެ ކުޅުންތެރިން ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ އެޑްއާޑޯ ވާގަސް އާދައިގެ ގޮތަކަށް ފޮނުވާލުމުން ޕެރޫގެ ކީޕަރު ޕެޑްރޯ ގަލޭސޭ ފަސޭހައިން ދިފާއު ކުރި އެވެ. ސުން ކަނޑުވާލުމަށް ލިބުނު ފުރުސަތުވެސް ޗިލީއަށް ނާކާމިޔާބު ވީ އެވެ.
އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި، ޕެރޫ ވާދަ ކުރާނީ އެންމެ ފަހުގެ ރަނަރަފު އާޖެންޓީނާ ކަޓުވާލުމަށް ފަހު ފައިނަލަށް ދަތުރު ކުރި ބްރެޒިލް އާ ދެކޮޅަށެވެ.