ވިޔަފާރި

ރާއްޖޭގެ ބިން މިލްކު ކުރެވޭ ވާހަކަ ބޭރުގެ މީޑިޔާތަކުގެ ފަލަ ސުރުހީއަށް!

Jul 23, 2015

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ވާހަކަ ދުނިޔޭގެ މީޑިޔާތަކުގެ ފަލަ ސުރުހީއަށް އަރައި، ފަތުއަޑުކިޔާފައި ފެތުރެން ފަށައިފި އެވެ.

ރާއްޖެއަށް ބިޔަ އިންވެސްޓްމަންޓްތައް ގެނައުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ މި ގާނޫނުގެ ވާހަކަތައް މިވަނީ ބޭރުގެ ބައެއް މީޑިޔާތަކުގެ ފަލަ ސުރުހީއަށް އަރަން ފަށާފަ އެވެ. ރައީސް އަބްދުﷲ ޔާމީން މި ގާނޫނު މިއަދު ތަސްދީގު ކުރި ވާހަކަ ލިޔެފައިވާ ބެންކޮކް ޕޯސްޓް ނޫހުގައި ވާ ގޮތުން އެއް ބިލިއަން ޑޮލަރަށް ވުރެ ބިޔަ އިންވެސްޓްމަންޓްތައް ގެންނަ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ކަމަށް ބުނެފައިވެ އެވެ. ހަމަ މިއާއެކު މި ގާނޫނާ މެދު އިނދިކޮޅު ބައެއް މެންބަރުގެ ކަންބޮޑުވުން ހުރިކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.

ބިދޭސީ އިންވެސްޓަރުންނަށް ބިން މިލްކު ކުރެވޭ ގާނޫނު ތަސްދީގު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މި ގާނޫނުގެ ސަބަބުން އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް "މައްސަލައެއް" ކުރިމަތި ނުވާނެ ކަމަށެވެ.

"އަވަށްޓެރި ގައުމުތަކާ އަޅުގަނޑުމެންނާ އޮންނަ ގުޅުމަކަށް މީގެން ބަދަލު އަންނާކަށް އަމުދުން ނުޖެހޭ. ސަރުކާރުން ނިންމާފަ އެ އޮތީ އިންޑިޔާ ކަނޑައަކީ މިކަހަލަ ކަންތައްތަކުން ސަލާމަތް ވެގެން އޮތް ސަރަހައްދަކަށް ހެދުމަށް. އިންޑިޔާ ކަނޑަކީ ޑީ-މިލިޓަރައިޒް ކަނޑެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިޔާ ސަރުކާރަށް ވެސް އަވަށްޓެރި ގައުމުތަކަށް ވެސް މި ޔަގީންކަން ދީފައި. އެހެންވެ ފްރީހޯލްޓްގެ ގޮތުގައި ދިނުމުން ނެތް ހާރިޖީ ސިޔާސަތަށް ބަދަލެއް ނާދެ،" ރައީސް ވިދާޅުވި އެވެ.