ވާހަކަ

އީޝަލް

(2 ޖުލައި 2019 އާ ގުޅޭ)

"އީޝަލް... ބަލަ އީޝަލް... ދަރިފުޅާ!... ހަމަޖެހިބަލަ... އޭތް! އީޝަލް... ބައްޕަގެ އަޑު އަހާބަލަ" އީޝަލްގެ ދެއަތުގައި ހިފަހައްޓައި އޭނާ ހަމަޖެއްސޭތޯ މީކާޢިލް އުޅުނެވެ. އޭރު އޭނާގެ ދެ ލޮލުގެ ތެރޭ ހިފެހެއްޓިފައި ކަރުނަވިއެވެ. ހިތްފަޅައިގެން ދާއިރު ވެސް އެ ދެލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުމުގެ އިޒުނަ ވެސް އޭނާ ދޭން ނޭދެއެވެ. ދަރިފުޅަށް ޓަކައެވެ. އޭނާ ރޮއި ހިތާމަކުރާނަމަ އީޝަލްއަށް ވާނޭގޮތް އެނގޭތީއެވެ. އެ ދަރިފުޅުގެ ހުރިހާ އުންމީދެއް ކަނިވުމަށް ނޭދޭތީއެވެ.

ރައުލްގެ ހަމައެކަނި ނިޝާން ނެތިގެން ހިނގައިދާނެކަމުގެ ބިރު އީޝަލްގެ ބުއްދި ގޯސް ކުރުވީއެވެ. ބަލިވެއިންކަމުގެ ޚަބަރު އީޝަލްއަށް ލިބުނީ ހިތްދަތިކަމާއެކުއެވެ. އުފާވުމަށް ފުރުޞަތެއްނެތެވެ. ރައުލްއަށް ބަލިވެއިންކަން އެނގުނީ އޭނާއަށް އީޝަލް ނުހަނު ބޭނުންވެފައި ވަނިކޮށެވެ. ނަމަވެސް ރައުލް ފަދައިން އެ ދަރިފުޅު ވެސް އޭނާއާ ވަކިވަނީމަން އެނގި ޝަކުވާކުރެވެނީއެވެ. އެ ނިންމުން ތަހައްމަލުކުރާނޭ ގޮތެއްނޭނގި ރޮވެނީއެވެ.

މީކާޢިލްގެ ދެއަތުގެ ތެރޭ ދަރިފުޅު ހިފަހައްޓާލައިގެން އޭނާ ހުއްޓެވެ. އީޝަލްގެ ކޮޓަރި ކައިރިއަށް ލާމިއާއާއި އާރަމްގެ އިތުރުން ދެންތިބި މެންބަރުން ވެސް ޖަމާވެއްޖެއެވެ. އީޝަލްގެ ރުއިމުގެ އަޑު އިވި އެ އެންމެން ވެސް ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ލުގަލްބަންދާއަށް ބަލާލުމަށްފަހު ޒަލަފް ސުވާލުކުރިއެވެ. އޭނާއާއެކު އިރުމަތީ ފެންޑާއަށް ލުގަލްބަންދާ ނުކުތެވެ. އަދި އީޝަލް ބަލިވެއިން ކަމުގެ ޚަބަރު ދިނެވެ. ޒަލަފް ހިނިތުންވެލިތަން ފެނުމުން ލުގަލްބަންދާ އިތުރަށް އޭނާއަށް އޮޅުން ފިލުވައިދިނެވެ.

"ރައުލްގެ ދަރިފުޅު ސަލާމަތެއްނުކުރެވޭނެ... ހަޤީޤަތުގަ އީޝަލްއަށް ބޭނުންވަނީ ރައުލް، އެ ކުއްޖާ އޭނާގެ މަންމަގެ އެދުން ފުރިހަމަ އެކުރަނީ... އޭނާގެ ބާރު އޭނާ އީޝަލްއަށް އެދެނީ، އެ ބާރުގަ އީޝަލްގެ ވަރަ ފުރިހަމައެވަނީ، އޭނާ އަހަރެންނާ އީޝަލްގެ ދެމެދުގައި އެޅިފައި އޮތް ފާލަމަށް ހުރަސް އަޅައިފި... އީޝަލްއާ ގާތްވިޔަކަނުދޭ، އަހަރެންނަށް ވެސް ނޭނގޭ މިކަންހުއްޓުވަން ކުރާނޭކަމެއް، އީޝަލް ބޭނުންވަނީ ދެވަރަ ބުރިކޮށްލައިގެން ވިޔަސް ދަރިފުޅު ސަލާމަތްކުރަން، އެކަމަކު އަހަރެން އެކަމާ ޤަބޫލެއްނޫން" ލުގަލްބަންދާ ބުންޏެވެ.

"މީކާޢިލްވީ އެތެރޭގަތަ؟" ޒަލަފް އަހާލިއެވެ. ލުގަލްބަންދާ ބޯޖަހާލީއެވެ.

ޒަލަމް ފިކުރަކަށް ގެއްލި ހުރެ ކަހަލަ ގޮތަކަށް މަޑުމަޑުން ހިނގައިގަތެވެ. އޭނާ އީޝަލްގެ ކޮޓަރި ކައިރިއަށް އެއްވެ ތިބި އެންމެނަށް ގޮވާލިއެވެ. ކަންތައްވެގެން އުޅޭ ގޮތް އޭނާ އެ އެންމެންނަށް އޮޅުންފިލުވައި ދިނީ އެތަނުގައި ތިބީ އީޝަލްއާ ދުރުބައެއްނޫންވީމައެވެ. ކޮންމެ މީހަކު ވެސް ކޮންމެވެސް ގޮތަކުން އީޝަލްއާވަނީ ގުޅިފައެވެ. ރާވިންގެ އަތުގައި ހިފާލި ޔާފިއާގެ ދެ ލޯ ފެންކަޅިވިއެވެ. ރިހޭފައިމައްޗަށް ފޮއިވެއްޓުނީއެވެ.

"ކީއްވެތަ މިހެންމިވަނީ... ރައުލް ވެސް ހުރީއެއްނޫން، އެ ހިތާމަ ނުފިލައިގެން އުޅެނިކޮށް އަނެއްކާ އަނެއްކަންތައް، ހިތް ހަލާކުވެގެން އެ އަންހެންކުއްޖާ މަރުވެދާނެތީ ބިރުގަނޭ" ޔާފިއާއަށް ބުނެލެވުނެވެ. ދެންތިބި އެންމެންގެ ފުށުން ވެސް މޮޅިވެރިކަން ފާޅުވޭވޭ ހުއްޓެވެ. އެންމެން ތިބީ ހިމޭންވެފައެވެ. އެކަމުގައި ބުނާނޭ އެއްޗެއް އެކަކަށް ވެސް ނޭނގެނީއެވެ.

މުޅި ގޭތެރެ އަލިވެގެން ދިއުމުން އެންމެންގެ ސަމާލުކަން އެކަމަށް ދެވުނެވެ. ގަދަ އަލިކަމެއް އައިސް އީޝަލްގެ ކޮޓަރިއަށް ވަންތަން އެމީހުން ދުށްޓެވެ. އެންމެން ކުރިއަށް ޖެހިލުމުން ވެސް ލުގަލްބަންދާ ގުޑި ވެސް ނުލާ އޮތީއެވެ. ޒަލަފް ފަހަތަށް އެނބުރި އޭނާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

"އައިޒަން އެ އައީ" ލުގަލްބަންދާ ބުނެލިއެވެ. އެއާއެކު ޒަލަފް ވެސް އަވަހަށް ކުރިއަށް އެޅި ފިޔަވަޅު ފަހަތަށް އަޅައިފިއެވެ. އެންމެންނަށް ގޮވާލައި މަޑުކުރުމަށް އޭނާ ބުންޏެވެ. ވަދެގެންދިޔަ ގަދަ އަލިކަމަކީ އައިޒަންކަން ޒަލަފް ހާމަކުރިއެވެ. ކިޔަމަންތެރިކަމާއެކު އެންމެން އިހުތިބިހެން އިރުމަތީ ފެންޑާއަށް އަތުވެއްޖެއެވެ. އިތުރު ޚަބަރެއް ލިބޭނޭ އިރެއްގެ އިންތިޒާރުގައި އެންމެން ތިބީއެވެ.

އީޝަލް ނުހިފެއްޓިގެން އައިޒަންގެ ބާރު ބޭނުންކުރިއެވެ. އޭނާ އެކުއްޖާ ނިންދަވާލީއެވެ. އެހެންނަމަވެސް އޭނާގެ ބާރުގައި އީޝަލް ނިދިފައި ގިނައިރަކު ނޯވެއެވެ. އެކަމާ ޚުދު އައިޒަން ވެސް އަޖައިބުވިއެވެ. ދެން އޭނާ ޒިޔަޒެލްއަށް އެންގީ އީޝަލް ނިދާފައި އޮންނާނޭ ފަދަ ބޭހެއް ތައްޔާރުކުރުމަށެވެ. އީޝަލްގެ ގާތުގައި އައިޒަން އުޅޭގޮތް ފެނި ރިބްތާ ހުރީ ޤަބޫލުނުކުރެވިފައެވެ. މިފަދަ މަންޒަރެއް އޭނާގެ ހަޔާތުގައި ދުށްމީ ފުރަތަމަފަހަރެވެ. އާރާބާރުގެ ގޮތުން އެތައް ޖިންނީންނެއް ޖެހިލުންވާ ބޮޑު ރަސްކަލަކު ހާސްވެ ކަންބޮޑުވެގެން އަމިއްލައަށް ކަންކަމުގައި މަސްއޫލުވެފައި އުޅޭތީ ރިބްތާއަށް މި ފެނުނީއެވެ. އައިޒަން މަސައްކަތް ކުރުމުން ވެސް އީޝަލްގެ ވަރައެއް ފާޅެއްނުވިއެވެ. އޭނާ ހުރީ އީޝަލްގެ ވަރަ ބަލަން ބޭނުންވެފައެވެ. އެހެންނަމަވެސް ކަން ނުވުމުން އޭނާގެ މަސައްކަތް ހުއްޓާލިއެވެ. ޒިޔަޒެލްއާއި މީކާޢިލްއަށް ވެސް އައިޒަން ލަފާދިނީ އީޝަލްގެ ވަރަ ބުރިކޮށްލައިގެން ނުވާނެކަމެވެ. އެ ވަރަ ނެތިއްޖެނަމަ އީޝަލް ވަރަށް ބަލިކަށިވެދާނޭ އައިޒަން ބުންޏެވެ. މިހެން މިކަންތައްތައްވުމުގައި ފޮރުވިފައިވާ ޙިކްމަތެއް އޮވެދާނޭކަން އައިޒަން ބުންޏެވެ.

ބަހެއްނުބުނެ ބަހީރާ އެމީހުންގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ. އޭނާގެ ފެންކަޅިވެފައިވާ ދެ ލޯ ހުއްޓިފައިވަނީ މީކާޢިލްއަށެވެ. އޭނާގެ ފުށުން ޖަޒުބާތީ އަސަރުތަކެއް ފާޅުނުވިޔަސް މީކާޢިލްގެ ހިތް އޮންނާނޭ ގޮތް ބަހީރާއަށް އެނގެނީއެވެ. މިޝަލްއާ ވަކިވުމުން އޭނާ އުޅުނުގޮތް ވެސް ބަހީރާ ހަނދާނެއްނުނެތެއެވެ. ދަރިފުޅުގެ ޒިންމާތަކާ ހަވާލުވެ މީކާޢިލްގެ ހުރިހާ ވަގުތެއް އެ ދަރިފުޅަށް ދޭން ދުވަސްނެގިއެވެ. އޭނާއަށް އީޝަލް މުހިންމުވަނީ މިޝަލްގެ ދިރިހުރި ހަމައެކަނި ނިޝާނަށްވީމައެވެ. ވީއިރު އީޝަލްއަށް ކަމެއްވެއްޖެނަމަ މީކާޢިލްއަށް ވާނެގޮތަކާމެދު ބަހީރާ އިންތިހާއަށް ކަންބޮޑުވެއެވެ.

ރަކިމަލުގެ ދިޔަ ފެލައިފައި ހުރި ތަށްޓެއް ހިފައިގެން ޒިޔަޒެލް އައެވެ. އޭނާ އައުމުން އީޝަލްގެ ގާތުން އައިޒަން ތެދުވެ ތަންދެއްކިއެވެ. ސަމްސަލަކުން އެތިއެތި ފޮދުން އީޝަލްގެ ތުނބުގައި ޒިޔަޒެލް އެ ދިޔަ ޖެއްސިއެވެ. އެއިން އީޝަލްގެ ހާސްކަންކުޑަވެ ހަށިހިމޭންކުރުވާ ބާރެއް ހުންނާނެތީއެވެ. ނިދިފައި ގިނައިރު އޮންނާނެތީ ވެސް މެއެވެ.

* * * * *

ފުން ވަރުބަލިކަމެއް ހަށިގަނޑަށް ވެރިވެފައި ވުމުން އީޝަލްއަށް އަމިއްލަ ހަށިގަނޑު ތެދެއް ނުކުރެވުނެވެ. ލޯހުޅުވާލަފައި ލައްޕާލެވެނީ އެހެންވެއެވެ. ހަމަޖެހުމެއްނުލިބެއެވެ. ލޯމަރައިގެން އޮތަސް އެ ދެ ލޮލުން ކަރުނަ ފައިބައެވެ. ބަނޑުގައި އަތްޖައްސާލެވިއްޖެނަމަ ދަރިފުޅަށް ގޮވާލައެވެ. އެހެންނަމަވެސް އޭނާގެ ދުލެއް ހަރަކާތެއްނުކުރެވެއެވެ. ތަންމަތީގައި އޮންނަތާވީ ކިތައް ދުވަސްކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެހާލުގައިވަނިކޮށް އޭނާގެ ގާތުގައި މީހާކު އިށީންކަން އެނގުނެވެ. ބައްޕަގެ އޯގާތެރި އަޑުއިވުމުން ވަކިން ފުންއަސަރުތަކެއް ކުރިއެވެ. އަނގަވާކޮށްގެން ކަހަލަ ގޮތަކަށް އީޝަލްއަށް ވާހަކަދެއްކުނެވެ. އެދެވުނީ މަންމަ ގާތަށް ދާންކަން އެނގުނީ މާފަހުންނެވެ. މީކާޢިލްގެ ލޮލުން ފޭބި ކަރުނައިގެ ތެތްކަން އީޝަލްގެ ނިތްކުރިން އިޙްސާސް ކުރެވުނެވެ. އީޝަލް ދެން ގޮވާލީ ބަލްޤިސްއަށެވެ. އޭނާގެ ގާތަށް އައިސް ދިނުމަށެވެ. ދެން އަނެއްކާ ވެސް އީޝަލް ހިމޭންވީއެވެ. މީކާޢިލްއަށް ދަރިފުޅުގެ ގައިން ދޫކޮށެއްނުލެވުނެވެ. އެ ދަރިފުޅަށް ބޮޑުކަމެއް ޖެހޭ ކޮންމެ ހިނދަކު ގޮވާލަނީ މަންމައަށްކަން އެނގި އޭނާގެ ހިތް އިރައިގެންދެއެވެ. ބޮޑުވީ މިޝަލްގެ ފަރާތުން އެއްވެސް އަޅާލުމެއްނެތިއެވެ. ނަމަވެސް އޭނާގެ މަންމަގެ މަތިން އީޝަލް ހަނދާންވީ ސަބަބެއް މީކާޢިލްއަށް ނުވިސްނެއެވެ. ދަރިފުޅުގެ އެ ޢަމަލުގެ ސަބަބުން ޚުދު މީކާޢީލްގެ ހިތުގައި ވަޅުޖެހިފައިވާ ޖަޒުބާތުތައް ތަޒާކުރުވައެވެ.

އައިޒަންއާއެކު ކޮޓަރިތެރެއަށް ފާޅުވި ބަލްޤިސް ފެނުމުން މީކާޢިލް ދިޔައީ ސިއްސައިގެންނެވެ. އޭނާ ސުވާލުގެ ނަޒަރަކުން އެ ދެ މީހުންނަށް ބަލާލިއެވެ.

"އެކުއްޖާފުޅު ގޮވާލީއަޑު ސާފުކޮށްއިވުނު... ބަނޑުގައިމިވާ ދަރިފުޅު ވެސް އެ އަޑަށް ސަމާލުވެއްޖެ، އޭނާގެ ރުއިމުގެ އަޑުން މި ދަރިފުޅު ހާސްކުރުވާ" ބަނޑުގައި އަތްހާކަމުން ބަލްޤިސް ވާހަކަދެއްކިއެވެ. ހައިރާންކަމާއެކު މީކާޢިލްއަށް ބަލާލެވުނީ އެނދުގައި ހިމޭންވެފައި އޮތް އިޝަލްއަށެވެ. ދެން އެކޮޓަރީގައި ހުރި އައިޒަންއަށެވެ.

ބަލްޤިސް ވަގުތުން އައިސް އީޝަލްގެ މަގަތުން އިށީނދެއްޖެއެވެ. އެކުއްޖާ ނަގައި ގައިގާ ބޮނޑިކޮށްލިއެވެ. އެހިނދު މަންމާއޭ އީޝަލް ގޮވާލިއެވެ. ނިކަން އަވަހަށް ލައްބައޭ ބަލްޤިސް ބުނެލިއެވެ. އީޝަލްގެ ގައިގާ ފިރުމަމުން އޭނާގެ ނިތްކުރީގައި ބަލްޤިސް ބޮސްދިނެވެ. އޭނާއަށް އަމިއްލަ ނަފްސެއް ނުހުއްޓުވުނެވެ. ހިތުގައިޖެހިވާ މީހަކު ފަދައިން ބަލްޤިސްއަށް ރޮވިއްޖެއެވެ. އެތައްފަހަރަކު ތަކުރާރުކޮށް އޭނާ އަތުވެއްޖައީމޭ އީޝަލްގެ ގާތުގައި ބުންޏެވެ. އީޝަލްގެ މެރިފައިވާ ދެ ލޮލުން ފައިބާ ކަރުނަ ފެނި ވަކިން ބޮޑަށް ބަލްޤިސްއަށް ރޮވުނެވެ. މައިވަންތަކަމުގެ ލޯތްބާއި އޯގާތެރިކަމާއެކު އެ ދެ ލޯ ފުހެލައި އެ މޫނުގައި ބަލްޤިސް ބޮސްދިނެވެ. އެންމެހާ އަޅުން އިމްތިހާނުކުރައްވާ ރަޙުމަތުގެވެރި އިލާޙަށް ބަލްޤިސް ދެންނެވިއެވެ. އީޝަލްގެ މައްޗަށް ރަހުމަތުގެ ވާރޭ ވެއްސެވުމަށެވެ. މައުސޫމް ނަފްސެކަމުގައި ނޫނީ އެކުއްޖާ ނުވާނޭކަން ބަލްޤިސް ހެކިވިއެވެ. އޭނާގެ އުނގަށްލެވުނު ފުރަތަމަ ދަރިފުޅުކަމުގައި އީޝަލްވެއެވެ. އީޝަލްއަށް ބަލިކަށިކަމެއްލިބުމަކީ ޚުދު އޭނާ އަމިއްލަ ހަށިގަނޑުގައި އެކަމުގެ ވޭން އަބަދަށް އަޅާނޭކަމެކެވެ.

އެ ކޮޓަރީގެ ދޮރުމަތީ ޖޫދާ ހުރިކަން މީކާޢިލްއަށް އެނގުނީ ފެންނަ މަންޒަރު ބަލަން ހިތައް ކުޅާދާނަނުވެގެން އެނބުރިލި ވަގުތެވެ. ޖޫދާ ވެސް ވަގުތުން ފުރަގަސްދިނީއެވެ. އޭނާގެ ތެމިފައިވާ ދެކޯތާފަތް ފޮރުވާލުމަށެވެ.

"މީކާޢިލް" ކުއްލިއަކަށް އައިޒަން ގޮވާލިއެވެ. މީކާޢިލް އެނބުރި އެނދާ ދިމާއަށް ބަލާލިއެވެ. އީޝަލްގެ ދެވަރަ ހުޅުވިފައިވީއިރު ގަދަ އައްޔަކުން މުޅި ކޮޓަރި ހުޅުދާންވެފައިވިއެވެ. ކަޅިވެސް ޖަހާނުލައި ދެ ލޯ ހުޅުވިފައި އީޝަލް އޮތެވެ. ކުރިއަށްވުރެ ވެސް އީޝަލްގެ ދެވަރަ ފުރިހަމަކަމަށް ދައްކައެވެ. އެއްކޮށް ފަތުރާނުލެވި އޭގެ ކޮޅު ލެނބިފައިވިއެވެ. ކުޑަކުޑަކޮށް ފުއްޕާލި އީޝަލްގެ ބަނޑުގައި ރެދަން ދިއްލެން ފެށިއެވެ. މަޑުމަޑުން އެނދުން ހިއްލެން ފެށި އީޝަލްގެ ގައިގާ ބަލްޤިސް ބާރަށް ބައްދަން މަސައްކަތްކުރިއެވެ. އެހިނދު އައިޒަން އައިސް އޭނާ އީޝަލްއާ ދުރަށް ގެންދިޔައެވެ. ކަނދުރާގައި ވަރުނެތް ފަދައިން އީޝަލްގެ ބޯ އޮތީ ފަހަތަށް އެލިފައެވެ. ހަތަރެސްފައިގާ ވަރެއްނެތެވެ. އިރުކޮޅަކު އެހެންއޮވެފައި ކުއްލިއަކަށް އީޝަލް ތެޅިގަތެވެ. ފުންނޭވާއަކާއެކު އޭނާ އަނގަހުޅުވާލިއެވެ. އެއާއެކު ހީވީ އޭނާއަށް ހަމަހޭވެރިކަން ވީހެންނެވެ. ބޯހިއްލާލަފައި ބަލާލިއެވެ. ކުރިމަތި ބަލްޤިސް ހުރުމުން އީޝަލްއަށް ރޮއިގަނެވުނެވެ.

"މަރުވީ.... މަރުވީ..." ބާރަށް ރޮއިގަންނަމުން އީޝަލް ބުންޏެވެ. ދެން ފެނުނީ އޭނާ ތަޅުގަނޑުމައްޗަށް ތިރިވިތަނެވެ. ހަތަރެސްފައި ޖަހައިގެން ގުދަށް އޮތެވެ. އޭނާގެ ދެފައި ދޭތެރެއިން އޮހޮރިގެންދިޔަ ފެންތަކާއެކު ކަޅު އެއްޗެއް ނުކުތެވެ. ދެފަހަރު ތެޅިލައިފައި އެރީ އޮލަ ދުންތަކެކެވެ. އެއަށްފަހު ފެންތަކުގެ ތެރެއަށް ގިރިގެން ހިނގައްޖެއެވެ. ދިއްލިފައި ހުރި ރެދަންތައް ވެސް ނިވި އޭގެ އަސަރު ވެސް ނެތުނީއެވެ.

ޒިޔަޒެލްއާއި ލުގަލްބަންދާއަށް އެ ކޮޓަރިއަށް އާދެވުނު އިރު ހުރިހާކަމެއް ހިނގައިފިއެވެ. އެމީހުންނަށް ވެސް ހަތަރެސްފައި ޖަހައިގެން ގުދަށް އޮތް އީޝަލް ފެނުނެވެ. މޫނު އަނބުރާލައި އެންމެންނަށް ބަލާލާފައި އަރިއަކަށް އީޝަލް ވެއްޓުނީއެވެ. އެ ދިމާއަށް ވަގުތުން ލެފިލީ ބަލްޤިސްއެވެ. އަމިއްލަ ނަފްސަށްވުރެ އޭނާ އިނީ އީޝަލްއާ މެދު ކަންބޮޑުވެފައެވެ. މޫނުގައި ދެއަތް އަޅައިލި އީޝަލް ގިސްލަމުންދިޔައެވެ.

"ބާހީރާ..." އައިޒަން ގޮވާލިއެވެ. އެހިނދު ވަގުތުން އެތަނަށް ބަހީރާ ހާޟިރުވިއެވެ.

"އޭނާ ސާފުކުރޭ" އައިޒަންގެ އަޑުގައި ފުރަތަމަ ފަހަރަށް ތުރުތުރެއް އެކުލެވިފައި ވިއެވެ. ބަލްޤިސްއާއި ބަހީރާ ނޫން އެންމެން ގޮވައިގެން އައިޒަން އެ ކޮޓަރިން ނުކުތެވެ.

ކުޑަކުއްޖަކު ފަދައިން އައިޒަންގެ ގައިގާ މީކާޢިލްއަށް ބައްދާލެވުނެވެ. އޭނާގެ މުޅި ނަފްސު ރޫރޫ އަޅަމުންދިޔައެވެ. އޭނާގެ ބުރަކަށީގައި އައިޒަން ފިރުމާލިއެވެ.

"މިޝަލް ފަދައިން އެ ދަރިފުޅު ވެސް އަޅުގަނޑާ ވަކިވެދާނެތީ ބިރުގަނޭ" ސިއްރެއް ބުނެދި ފަދައިން މީކާޢިލް ބުންޏެވެ. އައިޒަންއަށް އެ އަޑު ސާފުކޮށް އިވުނެވެ. މިކަމުގައި އޭނާ ބުނާނީ ކީކޭކަމެއް ޚުދު އޭނާއަކަށް ވެސް ނުވިސްނެއެވެ. އެމީހުންގެ ގާތުގައި ހުރި ޖޫދާ އައިސް މީކާޢިލްގެ ކޮނޑުގައި އަތްތިލަ ޖައްސާލިއެވެ.

ހުރިހާކަމެއް ހިނގައިދިޔައީ ފަތިހުގެ ވަގުތެވެ. ދުނިޔެ މައްޗަށް އަލިވިއިރު މުޅި ރަށް ވަނީ ހިމޭންވެފައެވެ. ދޫނިސޫފާ ސޫފީގެ އަޑެއްހާ ހިސާބު ވެސް ނީވެއެވެ. އެނދުގައި އޮތް އީޝަލް ބިއްދޮށަށް އެނބުރުނު ގޮތަށް އޮތީއެވެ. އޭނާ ނުރޮއެވެ. ވާހަކައެއް ވެސް ނުދައްކައެވެ. ހުއްޓިފައިވާ ވަގުތުގެ ތެރޭ ހައްޔަރުވެފައި އިން ބުއްދެއް ފަދައެވެ.

ބަލްޤިސް އެނބުރި ދާކަށް ބޭނުމެއްނުވިއެވެ. ޖޫދާ ދެކޮޅު ނުހެދީ ހުރިހާކަމެއް އެނގޭތީއެވެ. އީޝަލްއަށް ޓަކައި ބަލްޤިސް ހުރުމަކީ އޭނާ އެކަމާ ޝަކުވާކުރާނޭ ކަމެއްނޫނެވެ. އައިޒަންއާއެކު ބިންޏާމީން ދަތުރުފެށީ ބަޚުރުގެ އަޑީގައިވާ ރަސްކަލަކާ ބައްދަލުކުރުމަށެވެ. ރައުލް މަރުވީތޯ ޔަގީންކުރުން މުހިންމުކަމުގައި އެންމެން ވެސް ޤަބޫލުކުރެއެވެ. އީޝަލްއަށް އެކަން ޔަގީންކޮށްދޭން ޖެހެއެވެ.

* * * * *

އީޝަލްގެ ހަރަކާތްތަކަށް ބަލްޤިސް ފާރަވެރިވިއެވެ. ގޯހެއް ހަދާފާނޭތީއެވެ. އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލަފާނޭ ހީވެގެންނެވެ. އީޝަލް އިނީ ބަލިވެކަން ރިބްތާ ބުނިތާ ހަތްދުވަސްނުވަނީސް އެކަން ނިމުނީއެވެ. ބަނޑުގައިވި ކުއްޖާއާ ބެހޭގޮތުން ވެސް އެނގުނުކަމެއް ނެތެވެ. މިހުރިހާ ކަމަކުން އީޝަލްއަށް ބަދަލުތަކެއް އަތުވެއްޖެކަން އެންމެންނަށް ވެސް ޔަގީންވެއެވެ. އެ ހިތްދަތިކަމާ ކުރިމަތިލިތާ ހަތަރު ދުވަސް ފާއިތުވެއްޖެއެވެ. އޭނާ އެންމެންގެ ތެރެއަށް ނުކުންނާކަށް ބޭނުމެއްނުވިއެވެ. މީހަކާ ވާހަކައެއް ނުދައްކައެވެ. އެކަނި ހުންނަ ވަގުތުތަކުގައި ދޭތެރެއަކުން ބަނޑުގައި ހިފަހައްޓާލައިގެން އިސްޖެހިފައި ހުރެއެވެ. އީޝަލް ބޭނުންވިޔަސް އޭނާ އެކަނިވާނޭ ފުރުޞަތު ދިނުން ބަލްޤިސް ރުހޭކަމަކަށްނުވެއެވެ.

އައިޒަންއަށް އެއްބާރުލުން ދޭނޭ ރަސްކަލެއް ބަހުރުގައި ހުރިކަން ޔަގީންވުމުން އޭނާ ދިޔައީ ޚާއްޞަ ލަޝްކަރެއް ތައްޔާރުކުރަމުންނެވެ. ރަށުތެރޭގައި އަޑުފަށްގަނޑު ގަދައެވެ. ހޭލެމޭލަވާ ސިފައިގެން އަދަދު ގިނައެވެ. ކަންކަން ރޭވުމުގައި މަޝްވަރާތައް ކުރެވެމުންދިޔައެވެ.

ލުގަލްބަންދާ އަބަދުވެސް އީޝަލްގެ ފަހަތުން އުޅެއެވެ. އޭނާއާ ވެސް އީޝަލް ވާހަކައެއްނުދައްކައެވެ. އޭނާގެ ފަސްފަހަތުން އުޅުން މަނައެއް ވެސް ނުކުރެއެވެ. އީޝަލް ކޮޓަރީގައި އިނީތީ އެ ކޮޓަރީގެ ބޭރުގައި ލުގަލްބަންދާ މަޑުކޮށްލައިގެން އިނެވެ.

* * * * *

"ކޮންމެވެސް ބަޔަކު އެބައާދޭ" ރަށުގައި ޖަހާފައި ހުރި ފޭލިގެއާ ދިމާއަށް ދުވަމުން އައި ދާރިއުސް ބުންޏެވެ. އޭރު އައިޒަންއާއި ބިންޏާމީންގެ އިތުރުން މީކާޢިލްއާއި ޒިޔަޒެލްއާއި ޖޫދާ ވެސް ބޭރަށް ނުކުންނަނީއެވެ. އައިޒަން އެންގި ދިމާއަށް އޭނާއާއެކު ސިފައިންގެ ބަޔަކު ޖަމާވިއެވެ. އަދި ދެންތިބި ބަޔަކު ރަށުގެ އެކިދިމާއަށް ފޮނުވާލިއެވެ. ޒިޔަޒެލްގެ ގޭގެތެރޭ ބަހީރާއާއި ބަލްޤިސްއާއެކު ލާމިއާއާއި ޔާފިއާ ތިއްބެވެ. އެމީހުން ވެސް ތިބީ ނުކުމެ ދޮރުމަތީއެވެ.

"ޒަގަން..." ޖޫދާ ބުނެލިއެވެ.

"ކަނޑުން އަރައިގެންނެއްނޫން އެ އަންނަނީ... މިހިސާބަށް ވެސް ބާރުއެބަފޯރާ، އެތައްލައްކަ ޖިންނީންނެއްގެ ބޮޑު ލަޝްކަރެއް، ނޫން، އެއަށްވުރެ ވެސް ބިޔަ ބާރުގަދަ ބައެއް" ހާސްވެފައި ޒިޔަޒެލް ބުންޏެވެ.

ސާފު އުޑުމައްޗަށް ވިލާތައް ޖަމާވާންފެށިއެވެ. އިސާހިތަކު އުދަރެސް ބައްދާލައި ދުނިޔެމަތި އަނދިރިކޮށްލައިފިއެވެ. ވިދުވަރު ކަނޑައިގެން ދާންފެށީ ދެނެވެ. ގުގުރުމަކާނުލައި އަލިފާން ރޮނގު ދެމޭތީ ފެނެއެވެ. ކަނޑުގެ ލޮނުގަނޑު ވެސް ބަދަލުވެއްޖެއެވެ. ޖެހޭ ބާރު ރޯޅިއާއެކު ހޮޅިލައިމުގުރަންފެށި އެވެ. މުޅި ދުނިޔެ އެއްފުށް މިފުށަށް ޖަހާލަން އުޅޭފަދަ ބިރުވެރިކަމެކެވެ. އައިޒަންއާއެކު ދެން ތިބި އެންމެން ސާބިތުވެ ތިއްބެވެ. އޭނާގެ އިޝާރާތަކަށް ބަލަބަލައެވެ. އެގޮތުގައި ވަގުތުތަކެއް ދިޔަފަހުން ދުރުން ކަޅުދުންގަނޑެއް އަންނާތީ ފެނުނެވެ. އެ ކައިރިވަމުން އައިވަރަށް އެކަޅުދުންގަނޑު ތެރޭ އިރެއްފަދައިން ދިއްލިފައިވާ ވޮށެއް ފާޅުވޭވޭ ހުއްޓެވެ. ރަށާ ކައިރިވުމާއެކު އައިޒަންގެ ދެވަރަ ހުޅުވާލިއެވެ. އެންމެންނަށް ސިހުން ގެނުވިއެވެ.

މަތީގައިވި ދުންގަނޑު ހިނދި ވޮށުގެ އަލިކަން މީހެއްގެ ސިފަ ޖެހުނެވެ. އެއާއެކު އުދަރެސް ވެސް އަލިވެއްޖެއެވެ. ދެން ފެނުނީ އެ އެންމެންނާ ދިމާއަށް ބަލަން މަތީ ގައި ހުރި ޖިންނިއެވެ. ވަރައެއްނެތި އޭނާ ވާހުގައި ހުއްޓިލައިގެން ހުރީއެވެ. ރަނުގެ ތިން ތާޖު އޭނާގެ ވިއެވެ. ހަމަލައާއަށް ތައްޔާރުވެފައި ތިބި އެންމެންނަށް ބަލާލައި އޭނާ ޖަހާލީ ހިނިގަނޑެކެވެ. އައިޒަން ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. ހަމަލާދޭން ދާރިއުސްގެ ކަނޑި ދަމައިގަތް ހިނދު އައިޒަން ގޮވާލީ އެކަކުވެސް ހަމަލާ ނުދިނުމަށެވެ. އެއާއެކު އައިސް ހުރި ޖިންނި އަނެއްކާ ވެސް ހީނލައިފިއެވެ.

"އައިޒަން... ފަހަތަށް ޖެހޭ، އަހަރެންނަށް ގޮވާލީ ކަލެއެއްނޫން" އޭނާ ބުންޏެވެ. އެހިނދު އައިޒަން މަގުދައްކަން އިޝާރާތްކުރިއެވެ. އަދި ކުރުނީސްކޮށް އޭނާ ބޯލެނބިއެވެ. ދެން ތިބި އެންމެން ވެސް އެފަދައިން ކަންތައްކޮށްފިއެވެ. އެވަގުތު ގުންފައި ޖަހާފައި ގޭތެރެއިން ނުކުމެގެން އައިސް އެތަނަށް މަޑުކޮށްލީ ލުގަލްބަންދާއެވެ. އޭނާ ފެނުމުން އެ ޖިންނީގެ މޫނުން އުފާވެރިކަމެއް ފާޅުވެލިއެވެ.

"މިހާރު ޔަގީންވެއްޖެ އަހަރެންނަށް ގޮވާލައިފިކަން... އޭތް!... ކޮބާ ކަލޭގެ ސާހިބު؟... އޭނާއަށް ގޮވާބަލަ" ވާހުގައި ހުރެ ކުރިއަށް އައިސް ލުގަލްބަންދާއާ ކުރިމަތިވާނޭހެން ހުއްޓި ބުނެލިއެވެ.

"މީ އަހަރެމެންގެ ތެރެއިން އެންމެ އިސްމީހަކީ" މީކާޢިލް ބުންޏެވެ. އެއާއެކު އޭނާ އަނެއްކާ ވެސް ހީނގަނެއްޖެއެވެ.

"އޭނާގެ ބާރު އަހަރެންނަށް އެނގޭ، އެކަމަކު އޭނާއަށް ވެސް އަހަރެންނަށް ގޮވާލުމުގެ ބާރެއް ލިބިފައެއްނުވޭ... މި ހައިވާނަށް އެކަން އެނގޭނެ، ކަލޭ ކުޅެންއުޅޭ ސާހިބަށް ނިކަން ގޮވާބަލަ... އާހ... ގޮސް ބުނެބަލަ ދެން ނުގޮވާށޭ، އަހަރެން އަތުވެއްޖައީމޭ" އުނދަގޫވެގެން އުޅޭހެން އޭނާގެ ބޯ ދެފަރާތަށް ހަލުވާލުމާއެކު ލުގަލްބަންދާއަށް ބުނެލިއެވެ.

"އީޝަލް... އީޝަލްތަ؟" އަޖައިބުވެފައި ހުރި ޒިޔަޒެލްއަށް ބުނެލެވުނެވެ. ކުރިމަތީހުރި އެންމެ ޖިންނިއެކެވެ. ނަމަވެސް އޭނާގެ ބާރު އަންދާޒާ ވެސް ނުކުރެވެއެވެ.

(ނުނިމޭ)