ކުޅިވަރު

ޓޮޕް ޑިވިޝަންގައި ދަ ގްރޭންޑޭ ތަފާތު ރޫހެއްގައި

ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ފުރަތަމަ އަހަރު ކަމަށް ވުމުން، ކާމިޔާބު ހޯދަން ދަ ގްރޭންޑޭގެ ޓީމު އޮތީ ތަފާތު ރޫހެއްގައި ކަމަށް، އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

ދަ ގުރޭންޑޭއިން ފުރަތަމަ ޑިވިޝަންގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައިވެސް ދަމަހައްޓަމުން ދަނީ އެ ޓީމެވެ. އިންމަ ބުނީ، ދަ ގުރޭންޑޭ ކުޅެމުން ދަނީ، ފުރަތަމަ ޑިވިޝަނަށް މުޅިން އާ ޓީމެއް ކަމަށް ދެކި އަދި އޭގެ އިތުރުން ލީގް ފޭވަރިޓް ޓީމު ނޫންކަން ދެކިގެން ކަމަށެވެ. އެހެންވެ އެހެން ޓީމުތަކަށް ވުރެ ބުރަކޮށް އެ ޓީމުގެ ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭނެ ކަން ކުޅުންތެރިންނަށް ވިސްނައި ދީފައި ވާނެ ކަމަށެވެ.

"ދަނޑު މަތީގައި މި ޓީމުގެ ކުޅުންތެރިން އެ ކުޅުންތެރިންގެ ހުރި ހުރިހާ ހިތްވަރެއް މެޗަށް ދޫކޮށްލާ،" އިންމަ ބުންޏެވެ. "އަޅުގަނޑުމެން ކަހަލަ ފަސްޓް ޑިވިޝަނަށް އަލަށް ކޮލިފައިވި ޓީމަކަށް ބަލާ އަޅުގަނޑުމެންނަށް ދަނޑުމަތީގައި އިދިކޮޅު ޓީމަށް އިހްތިރާމް ނުކޮށް، އަޅުގަނޑުމެންގެ މޮޅު ކަމާ އެކު އަރައިގެން ދާންވެއްޖެއްޔާ އަޅުގަޑުމެންނަކަށް ނަތީޖާއެއް ނުނެރެވޭނެ، އޭގެ ބަދަލުގައި އަޅުގަނޑުމެން ކުޅުންތެރިންނަށް ވިސްނައި ދެމުން މިދަނީ އަޅުގަނޑުމެން އެހެން ސްޓޭޖަކަށް ދާން ބޭނުންނަމަ، އަޅުގަނޑުމެން ޓީމުގެ ޕާފޯމަންސް ލެވަލް މަތިކުރަން އެބަޖެހެޔޭ، ހަމައެކަން ކުޅުންތެރިންނަށް ވިސްނައިދިގެން ވޭތުވެދިޔަ ހަތަރު މެޗުގައިވެސް އަޅުގަނޑުމެންނަށް ފުލު ޕޮއިންޓް ހޯދުނީ."

މިއަދު އިދިކޮޅަށް ނުކުންނަ ގުރީން ސްޓްރީޓަކީ ލެވަލްގެ ގޮތުން ތަފާތުތަކެއް ހުރި ޓީމެކެވެ. ކުޅުންތެރިންގެ ތަޖުރިބާ އާއި ސްކޮޑްގެ ޑެޕްތަށް ބަލާއިރުވެސް ގުރީން ފެންނަނީ މާ ވަރުގަދަ ކޮށެވެ. އިންމަވެސް ބުނީ، ކުރިން ކުޅުނު މެޗުތަކާ ބަލާއިރު ގުރީން ސްޓްރީޓްގެ މެޗު ވަރުގަދަ ވާނެ ކަން ކުޅުންތެރިންނަށް ވިސްނައިދިފައި ވާނެ ކަމަށެވެ.

ގުރީން އާއި ދަ ގްރޭންޑޭ ކުޅޭ މެޗު ފަށާނީ މިރޭ 9:00 ގަ އެވެ.