ވިޔަފާރި

ރިސޯޓު ހަދާ މުއްދަތު އިތުރުކުރަން ނަގާ ފައިސާ ރަށްރަށަށް!

Jul 5, 2019
1

ރިސޯޓު ހަދަން ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ކުރަން ކުރިން ނެގި ފީ އުވާލައި، ވަކި އަދަދެއް ކަނޑައަޅައި ރިސޯޓު ހިމެނޭ އަތޮޅުގެ ރަށްރަށަށް އެ ފައިސާ ހޭދަ ކުރަން ނިންމައިިފި އެވެ.

މި ބަދަލު ގެނެސްފައި ވަނީ ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އާ ގަވާއިދުގެ ދަށުންނެވެ.

މި ގަވާއިދާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮންސްޓްރަކްޝަން ޕީރިއަޑު މުއްދަތު އިތުރު ކުރުމުގެ އިޖުރާތެއްގެ ގޮތުގައި ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ (ސީއެސްއާރު) ފައިސާ ބަލައި ގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކަމަށެވެ.

ނަމަވެސް މިހާތަނަށް ސީއެސްއާރު ފައިސާ ދައްކަމުން ގޮސްފައިވަނީ ސަރުކާރުން އަންގާ ތަނަކަށެވެ. މިގޮތުން ކުރީގެ ސަރުކާރުން ދޫކުރި ގިނަ ރަށްތަކުގެ ފައިސާ ސަރުކާރުގެ ކުންފުނި ތަކަށް ސީއެސްއާރުގެ ނަމުގައި ވަނީ ނަގާފަ އެވެ.

އެ މިނިސްޓްރީން ބުނީ ކުރިން އަމަލު ކުރަމުން ދިޔަ އުސޫލު ބަދަލު ކުރުމުގެ މަގުސަދަކީ ދެފުށް ފެންނަ ގޮތެއްގައި ކަންކަން ހަރުދަނާ ކުރެވި އިސްލާހު ކުރެވިގެން ދިއުން ކަމަށެވެ. އަދި ތަރައްގީ ކުރެވޭ ރަށް ހިމެނޭ ސަރަހައްދެއްގެ ރައްޔިތުންނަށް ފައިދާ އާއި މަންފާ ލިބޭނެ ގޮތެއް ހޯދައިދީ ސީއެސްއާރުގެ ހަގީގީ ކުލަ އާއްމު ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ލިއްބައިދިނުން ކަމަށެވެ.

ރިސޯޓު ހަދަން ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކުރަން ފީއެއްގެ ގޮތުގައި ކުރިން ނަގާ ފީ ވަނީ މި ބަދަލާއެކު އުވާލާފަ އެވެ. ކުރިން ފީ ނަގަމުން ގެންގޮސްފައިވަނީ ދެ އަހަރުދުވަހަށް ކުރިން އިތުރުކޮށްދޭނަމަ މަހަކު 15،000 ޑޮލަރެވެ. އަދި މި އަށްވުރެ މުއްދަތު އިތުރު ވެއްޖެނަމަ ކޮންމެ މަހަކު 20،000 ޑޮލަރު ދައްކަން ޖެހެ އެވެ. ނަމަވެސް މި ފީ އުވާލުމަށްފަހު ކޮންމެ މަހަކު ވަކި އަދަދެއް ދައްކަން ޖެހޭ ގޮތަށް މިވަނި ގަވާއިދު ބަދަލުކޮށްފަ އެވެ. އާ ގަވާއިދުގެ ދަށުން ސީއެސްއާރު ފައިސާ ދައްކާނީ ޒޯން ތަކަށް ބަހާލައިގެން ވަކި އަދަދެކެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ބަދަލާއެކު މާތްﷲ ގެ އިރާދަފުޅާއެކު ހުއްޓިފައި ހުރި ރަށްތައް ޕްލޭންތަކާ އެއްގޮތަށް ތަރައްގީ ވެގެންދާނެ ކަމަށެވެ.

"އަދި ސީއެސްއާރާއި އެކި ނަންނަމުގައި ޕާޓީ އޮފީސް ހެދުމާއި އިންވެސްޓަރުންނަށް މަޖުބޫރުކޮށްގެން ވާނުވާ ނޭނގޭގޮތަށް ފައިސާނެގި އުސޫލު ކަށްވަޅަށް ވަޅުލެވުނީ،" އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ޒޯން ތިނެއްގައި ހިމެނެނީ ކ. އއ. އަދި އދ. އެވެ. އަދި ޒޯން ދޭއްގައި ހިމެނެނީ ނ. ރ. ބ އަދި ޅ. އެވެ. މީގެ އިތުރުން ޒޯން ހަތަރެއްގައި ހިމެނެނީ ވ. މ.ފ. ދ. ތ. އަދި ލ. އަތޮޅެވެ. އަދި ޒޯން ފަހެއްގައި ހިމެނެނީ ގއ. އަދި ގދ. އެވެ. އަދި ޒޯން އެކަކުން ހަޔަކަށް ހިމެނެނީ ހއ. ހދ. ށ. އަދި ސ. އަތޮޅެވެ.