ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ" ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 11،000 ރުފިޔާއަށް އަރާ ކަމަށާއި، ސަރުކާރުން ސަބްސިޑީތަކެއްދީގެން އެ އަދަދު 6،000 ރުފިޔާއަށް ކުޑަކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދުވަސްތަކަކަށްފަހު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މީހުން ދިރިއުޅެން އެކަށީގެންނުވާ ފެންވަރަށް ހަދާފައިވާ އެ ފްލެޓުތަކަށް މަހަކު ދައްކަންޖެހޭ އަގު 11،000 ރުފިޔާއަށް އަރަނީ އެ ފްލެޓުތަކަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ.
ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކޮށްފައިވާ އެ ފްލެޓުތަކުގެ ޖާގަ ތަނަވަސްކޮށް ބަދަލުތައް ގެނައުމުން ދެ ކޮޓަރީގެ ފްލެޓަކަށް 13،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 23،000 ރުފިޔާ އަރާކަމަށް ސަރުކާރުން ކުރި ދިރާސާއަކުން ދައްކާކަމަށް ރައީސް ހާމަކުރެއްވި އެވެ.
"މަހަކު 11،000 ރުފިޔާ ދައްކަން ޖެހެނީ އެއްވެސް ބަދަލެއް ނުގެނެސް. ދެން އަޅުގަނޑުމެން ބަލަންވީ އެ އަގުގައި ފްލެޓުތައް ދޫކޮށްލާނީތޯ ނޫނީ ބަދަލު ގެންނާނީތޯ. ބަދަލު ގެނެސްފިނަމަ ދެ ކޮޓަރީގެ ފްލެޓަކަށް އެބަޖެހޭ 13،000 ރުފިޔާ. އަދި ތިން ކޮޓަރީގެ ފްލެޓަކަށް 23،000 ރުފިޔާ،" ރައީސް ތަފްސީލުކޮށްދެއްވި އެވެ.
ރައީސް ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓަކަށް މަހަކު 11،000 ރުފިޔާ ދެއްކުމަކީ ރައްޔިތުން ބޭނުންވެފައިތިބި ބޯހިޔާވަހިކަން އަތް ފޯރާ ފަށުގައި ފޯރުކޮށްދެވުނު ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެގޮތުން، ސަރުކާރުން ސަބްސިޑީތަކެއް ދީގެން އެ ފްލެޓުތަކުގެ އަގު ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން، އިމާރާތްކުމަށް ނިންމާފައިވާ ދެ ކޮޓަރީގެ ފްލެޓްތައް ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ 6،000 ރުފިޔާގެ އަގުގައި ހިޔާ ފްލެޓުތައްވެސް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރެވެމުންދާކަމަށް ސޯލިހު ހާމަކުރެއްވި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީއިން ޗައިނާގެ ސީސީސީއާ ހަވާލުކުރީ 20 ޖުލައި 2016 ގަ އެވެ. އެ މަޝްރޫއުގެ އަމަލީ ގޮތުން އެ މަސައްކަތް ފެށީ 20 ޑިސެމްބަރު 2017 ގަ އެވެ.
ހިޔާ ފްލެޓުތަކުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ސަރުކާރުން ބުނާ އިރު އެ ޓަވަރުތައް ޑިޒައިންކޮށްފައިވާ ގޮތުން ލިފްޓް ފަދަ ހިދުމަތްތައް ވެސް ވަރަށް ދަތިވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. ނަމަވެސް ސްޓްރަކްޗާ ހުރި ގޮތުން ލިފްޓް އިތުރުކޮށް މާބޮޑު ބަދަލެއް ގެނެވޭކަށްނެތް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.