ހަބަރު

ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހިން ގެންނާނަން: ރައީސް

Jul 4, 2019
2

ސިރިއާގެ އެކި އެކި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސީރިޔާގެ ކޭމްޕުތަކުގައި ތިބި ފަރާތްތަކާ މުއާމަލާތް ކުރަނީ އެ މީހުންގެ އާއިލާތައް މެދުވެރިކޮށް ކަމަށާއި އެތަނުގައި ތިބި ދިވެހިންގެ އަދަދު ސާފު ނުވާ ކަމަށެވެ. އެ ކޭމްޕްތަކުގައި ގިނައިން ތިބީ މަޖުބޫރުވެގެން ސީރިއާއަށް ދާން ޖެހުނު އަންހެނުންނާއި ކުޑަކުދިން ކަމަށާއި އެއީ ހަނގުރާމާގައި ބައިވެރިވާން ދިޔަ ބައެއް ނޫންކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކާ ގުޅިގެން ސީރިޔާގައި ތިބި ދިވެހި އަންހެނުންނާއި ކުޑަ ކުދިން އަދި މަޖުބޫރު ހާލަތުގައި ގޮސްފައި ތިބި މީހުން ގެނެވޭނެ ގޮތެއް ބަލާ ވީ އެންމެ އަވަހަށް ގެންނާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ބައެއް ގައުމުތަކުން ކޮންމެވެސް ގޮތަކުން އެތަނުގައި ތިބި މީހުން އެބަގެންދޭ. އޭގެ ތެރޭގައި ސްމަގުލްކޮށްގެން ވެސް އެބަ ގެންދޭ. އަޅުގަނޑުމެން މިހާރު ޔޫއެންއެޗްސީއާރް އާއި ބައެއް ޖަމާއަތްތަކާ ގުޅިގެން އެތާ ތިބި ސީރިޔާގެ ބައެއް އަންހެންވެރިންނާއި ކުޑަ ކުދިން މަޖުބޫރު ހާލަތުގައި ގޮސްފައި ތިބި މީހުން ވެސް ގެނެވޭނެ ގޮތެއް ބަލާ ގެނެވެން އޮތް އެންމެ އަވަހަށް ގެނައުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މީހުން ރާއްޖެ ގެނެސް އާމުންގެ ތެރެއަށް ދޫކޮށްލައިފި ނަމަ އޭގެ ނޭދެވޭ އަސަރު މުޖުތަމައުއަށްކޮށްފާނެ ކަމަށެވެ. އެހެންކަމުން އެ މީހުން ޑީ ރެޑިކަލައިޒްކޮށް، ވިސްނާދީ އަލުން ރަނގަޅު ކުރުމަށް ތަނެއް ހަދައި, ޓްރެއިން ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ސީރިޔާ މީހުން ގެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ނަމަވެސް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މައްސަލާގައި ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ. ސްރީލަންކާގައި މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ މީހުން ރާއްޖެ ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އަދި ޑީރެެޑިކަލައިޒް ކުރެވޭނެ ވަސީލަތްތައް ވެސް ގާއިމްވެފައި ނުވާ ކަމަށެވެ.