ސިރިއާގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެ ގައުމުގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން ކުރިއަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސީރިއާގައި ތާށި ވެފައިތިބި ދިވެހިން ގެނައުމުގެ މަސައްކަތް ދެ ގައުމަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
އެގޮތުން އެފަދަ މީހުން ރާއްޖެއަށް ގެނެސް އަނބުރާ މުޖުތަމައު ނެރުމުގެ ކުރިން، އެމީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މީހުން ރާއްޖެ ގެނައުމުގެ ކުރިން އަންނަ މަހުގެ ތެރޭގައި މީހުން އެ ކޭމްޕުތަކުން ނެރެގެން ފުރަތަމަ ގެންދާނީ އެހެން ގައުމަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
"އެނގިވަޑައިގަންނަވާނެ އެ މީހުންނަކީ ޓެރަރިސްޓް ހަނގުރާމައެއްގެ ތެރޭގައި ތިބި ބައެއް. އެހެންވީމާ، އެމީހުން އަނބުރާ ގެނެސް އެނބުރި މުޖުތަމައުއަށް ދޫކުރުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ. އަޅުގަނޑުމެންނާއެކު އެ މަސައްކަތުގައި އުޅޭ ގައުމުތަކާއި ޖަމާއަތްތަކުންވެސް އެގޮތަށް ލަފާ ދީފައިވަނީ. އެހެންވީމާ، އެމީހުންނަށް ބޭނުންވާ ފަރުވާދީ މުޖުތަމައުއަށް ނެރުމުގެ ކުރިން އެމީހުން އަހުލުވެރިކުރަން ބައިތިއްބާނެ ތަނެއް ގާއިމުކުރަން މިޖެހެނީ،" ރައީސް ތަފްސީލްކޮށްދެއްވި އެވެ.
ސީރިއާގެ އިރު އުތުރުގައި އޮންނަ އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިންކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި ވަނީ މިދިޔަ އޭޕްރީލް މަހު އާއްމުވެފަ އެވެ.
އެ ލިސްޓުގައި ޖުމްލަ 33 މީހެއްގެ ނަން ހިމަނާފައިވާއިރު، ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާކަމަށް ބުނާ 12 ކުޑަކުދިންގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އެ ލިސްޓުގައި ތިބި އަންހެނުންނަކީ ސީރިއާގެ ހަނގުރާމައިގާ ބައިވެރިވާން ދިއަ ދިވެހިންގެ އަނބިންކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ހަނގުރާމައިގާ ފިރިމީހާ މަރުވުމުން، އެހެން މީހުންނާ ކައިވެނިކުރަން މަޖުބޫރުވެ، ހާލުގައި ޖެހިފައިތިބި މީހުންކަމަށް ވެސް ދަނީ ބުނަމުންނެވެ. ނަމަވެސް އެ ލިސްޓުގެ ސައްހަކަން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ނަމަވެސް ރައީސް މިއަދު ވިދާޅުވީ ސީރިއާގެ ކޭމްޕުތަކުގައި ތިބި ބައެއް ކުދީންގެ ރައްޔިތުކަން ބަލަންޖެހިފައިވާ ކަމަށާއި އެކަމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ދިވެހި ފިރިހެނުން ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ފިރިހެނުންނާއެކު ދިއަ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.