ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސީރިއާ ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ކަނޑައަޅައިފި

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މުޅި ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަނޑައަޅުއްވައިފި އެވެ. މީގެ އިތުރުން ރައީސް މިއަދު ވަނީ ޓެރަރިސްޓު ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓަށް ވެސް އިތުރު ދެ ޖަމާއަތެއްގެ ނަން އިތުރު ކުރައްވާފަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގައިވާ ގޮތުން ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައިސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެ އެވެ. އަދި ފަހުން ގާނޫނަށް ގެނައި ބަދަލާއެކު ހަނގުރާމަވެރި ސަރަހައްދުތައް ވެސް ކަނޑައަޅަން ޖެހެއެވެ. މީގެ ކުރިން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސް ކަނޑައަޅުއްވާފައިވާއިރު، ހަނގުރާމަވެރި ސަރަހައްދެއް ކަނޑައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.

ޓެރަރިސްޓު ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓަށް އިތުރުކުރި ދެ ޖަމާއަތަކީ ހައިއަތު ތަހްރީރް އަލް ޝާމް އާއި ހުއްރާސް އައް ދީން ނަމަކަށް ކިޔާ ޖަމާއަތެކެވެ.

މުޅި ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާއިރު، ދިވެހިންގެ ބަޔަކު ވަނީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް އެ ގައުމަށް ގޮސްފައެވެ. އޭގެ ތެރެއިން ބަޔަކު މިހާރު ވަނީ އެ ހަނގުރާމާގައި މަރުވެ ގޮސްފައެވެ.

މީގެ އިތުުރުން ސީރިއާގެ ރެފިއުޖީ ކޭންޕްތަކުގައި ހާލުގައި ޖެހިފައިވާ މީހުންގެ ތެރޭގައި ވެސް ދިވެހިން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

ސަރުކާރުން ގެންދަނީ ޚާއްސަ ނިޒާމެއްގެ ތެރެއިން އެފަދަ މީހުން ރާއްޖެ ގެނެވޭނެ ގޮތްތަކެއް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންނެވެ. ސީރިއާގައި ތިބި ދިވެހިންގެ އާއިލާތަކުން ވަނީ އެމީހުން ރާއްޖެ ގެނެސްދިނުމަށް ސަރުކާރުގައި އެދިފައެވެ.

ސީރިއާ އަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާއިރު އެ ގައުމުގައި ހިނގަމުންދަނީ ދާޚިލީ ހަނގުރާމައެއް ކަމަށާ އެއީ އެ ހަނގުރާމައިގައި ބައިވެރިވުމަކީ ޖިހާދު ކުރުން ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ކަނޑައަޅާފަ އެވެ.

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބަލާ ލިސްޓް

  • އިސްލާމިކް ސްޓޭޓް
  • އަލް ގައިދާ
  • ޖަބްހަތުއް ނުސްރާ (ޖަބްހަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  • ލަޝްކަރޭ ތައިބާ
  • އަލް ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
  • އަލް ގައިދާ އިން ދި އިސްލާމިކް މަގްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް / ބޯކޯ ހަރަމް
  • އަލް ޝަބާބް
  • އަލް ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)
  • ހަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުހައްމަދު
  • އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
  • ނޭޝަނަލް ތައުހީދް ޖަމާއަތް
  • ޖަމާއަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ
  • ހައިއަތު ތަހްރީރް އަލް ޝާމް
  • ހުއްރާސް އައް ދީން

ޓެރަރިޒަމާބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާއިރު، އެ އިސްލާހުތަކާއެކު ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ގޮސް ޓެރަރިސްޓު ހަނގުރާމަތަކުގައި ބައިވެރިވާ ފަރާތްތައް ހޯދައި ދެނެގަނެ އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކާމެދު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެ ފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖުރާއަތުތައް އެ ގާނޫނުގައި ކަނޑައެޅުމަކީ ވެސް އެ ގާނޫނަށް އިސްލާހު ގެނައި ސަބަބެކެވެ.

އެ އިސްލާހުތަކުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައެޅުން ހިމަނާފައިވާއިރު، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބަޔާންކޮށްފައި ވެއެވެ. އަދި ރައީސް ކަނޑައަޅުއްވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ނުވަތަ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު އާންމު ކުރަން ވާނެ ކަމަށް ވެސް ވެއެވެ.

އެ އިސްލާހުގައި ސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން މެނުވީ، ހަނގުރާމައަށް ދިއުމާއި، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން އެއީ ކުށެއްކަމުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އެއިން އެއްވެސް ކުށެއް ކުރަން އުޅުމާއި އެއްވެސް ގޮތަކަށް އެކަމުގައި ބައިވެރިވުމަކީ ވެސް ކުށެއްކަމަށް ވަނީ ކަނޑައަޅާފަ އެވެ. މީގެއިތުރުން ހަނގުރާމައަށް މީހަކު ފޮނުވުމާއި، މީހަކު ފޮނުވަން މަސައްކަތް ކުރުން ނުވަތަ އެކަމަށް ހިތްވަރު ދިނުމަކީ ވެސް ކުށެއްކަމުގައި ކަނޑައަޅާފައިވެ އެވެ. އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކޮށް ކުރެވޭ ކަންކަންމަކީ ވެސް އެ އިސްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމެވެ.

ޓެރަރިޒަމް މަނާކުރާ ގާނާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން އެ ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއް ވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު، ކަމާބެހޭ ދައުލަތުގެ އިދާރާއަކާ އެ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކޮށް ސިއްރު ކުރުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން މި އިސްލާހުގައި ހަނގުރާމައަށް ނުވަތަ ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައި އެނބުރި ރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާގެ މެންބަރުންނަކީ، ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށް ނުވަތަ އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރި ނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށް ނުވަތަ އެފަދަ އަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ބެލުމަށް، ނުވަތަ އެ މީހުންނަކީ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބަލައި، އެމީހުން އަނބުރާ މުޖްތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއެއް އުފައްދަންވާނެކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކެއް ވެސް އެ ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.