ހަބަރު

އަނބިދަރިންނާއެކު އަފްޣާނުން ހައްޔަރުކުރި ދިވެއްސަކު 21 އަހަރަށް ޖަލަށް

Dec 3, 2019

ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަފްޣާނިސްތާނުން ހައްޔަރުކުރި ދިވެހިންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

މިދިޔަ މަހު އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނަކާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތައް ރިޕޯޓުކުރި ގޮތުން އަފްޣާނިސްތާނުގެ އިރުމަތީ ނަންގަރްހާރު ޕްރޮވިންސްގައި އައިއެސްގެ ޖުމްލަ 241 މެމްބަރަކާއި އެ ޖަމާއަތަށް ވާގިއެދޭ ބަޔަކު އެގައުމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނެވިފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 71 ފިރިހެނަކާއި 63 އަންހެނުން އަދި 107 ކުޑަކުދިންނެވެ. އަދި އޭގެ ތެރޭގައި ރާއްޖެއަށް ނިސްބަތްވާ ބަޔަކު ތިބިކަމަށް އެ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވަނީ އަލީ ޝަފީއު، ހ. މޫންލައިޓްވެލީ ގެ އިތުރުން އޭނާގެ އަންހެނުންނާއި އެ ދެމަފިރިންގެ ހަތަރު ކުދިން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ޝަފީއު އޭނާގެ އަނބި ދަރިން ގޮވައިގެން އަފްޣާނިސްތާނަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސްރީލަންކާއަށް ބޭސްފަރުވާއަކަށް ދިޔުމަށްފަހު ކަމަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ޕާކިސްތާނު މަގުން އެ އާއިލާ އަފްގާނިސްތާނަށް އެތެރެވެފައިވާކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނި ގޮތުގައި، ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ޝަފީއު އަކީ އޭނާގެ ކުރީގެ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން 2015 ވަނަ އަހަރު ސީރިއާއަށް ދާން އުޅެނިކޮށް އެއާޕޯޓުން ހިފަހައްޓާފައިވާ މީހެއް ކަމަށެވެ. އަދި ހަމަ އެ އަހަރު ބ. ހިބަޅިދޫގެ ފަޅު ތެރެއިން ފެނުނު ހަތިޔާރާ ގުޅުން ހުރި ތަކެތި ފެނިގެން، ޝަފީއު ހައްޔަރުކުރެވުނު ކަމަށާއި، ނަމަވެސް، ހެކި ނެތުމުގެ ސަބަބުން އޭނާ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ދޫކޮށްލެވިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިދޭ ޖަމާއަތަކާ ގުޅިގެން ޝަފީއު އާއި އޭނާގެ އަނބިދަރިން ހައްޔަރުކުރެވުނު މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އަދި އޭނާގެ މައްޗަށް ޝަރީއަތް ކުރެވި، ޓެރަރިޒަމްގެ ކުށް ސާބިތުވެ، 21 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން އިތުރަށް ބުންޏެވެ.

ނަމަވެސް، އެ ބަޔާނުގައި ޝަފީއުގެ އަނބިދަރިންނާބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއްނުވެ އެވެ.

ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ދިވެހި ފިރިހެނުން ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ފިރިހެނުންނާއެކު ދިއަ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، ސީރިއާގެ އިރު އުތުރުގައި އޮންނަ އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިންކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި ވަނީ މިދިޔަ އޭޕްރީލް މަހު އާއްމުވެފަ އެވެ.

އެ ލިސްޓުގައި ޖުމްލަ 33 މީހެއްގެ ނަން ހިމަނާފައިވާއިރު، ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާކަމަށް ބުނާ 12 ކުޑަކުދިންގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އެ ލިސްޓުގައި ތިބި އަންހެނުންނަކީ ސީރިއާގެ ހަނގުރާމައިގާ ބައިވެރިވާން ދިއަ ދިވެހިންގެ އަނބިންކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ހަނގުރާމައިގާ ފިރިމީހާ މަރުވުމުން، އެހެން މީހުންނާ ކައިވެނިކުރަން މަޖުބޫރުވެ، ހާލުގައި ޖެހިފައިތިބި މީހުންކަމަށް ވެސް ދަނީ ބުނަމުންނެވެ. ނަމަވެސް އެ ލިސްޓުގެ ސައްހަކަން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ސިރިއާގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެ ގައުމުގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން ކުރިއަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ވިދާޅުވެފަ އެވެ.