ހަބަރު

އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒު ސިމްޕޯޒިއަމް ރާއްޖޭގައި ފަށައިފި

އިންޓަނޭޝަނަލް ސެންޓާ ފޯ ޕާލިމެންޓްރީ ސްޓަޑީސް (އައިސީޕީއެސް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒު ސިމްޕޯޒިއަމް، އިލެކްޝަންސް ކޮމިޝަނާ ގުޅިގެން މިއަދު ފަށައިފި އެވެ.

ދުނިޔޭގެ އެކި ގައުމުގަތަކުގައި ބާއްވަމުން އަންނަ މި ސިމްޕޯޒިއަމްގެ 18 ވަނަ ބައްދަލުވުން މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހުގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ.

އެ ސިމްޕޯޒިއަމްގެ މައިގަނޑު މަގުސަދަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި، ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެފަދަ ކަންތައްތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން އިންތިހާބީ އިދާރާތަކުގެ ފުންނާބު އުސްފަރާތްތަކުން އެފަރާތްތަކަށް ލިބިފައިވާ މައުލޫމާތާއި ހުނަރުތައް ހިއްސާކޮށް މަޝްވަރާކުރުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ނަވާރަ ގައުމަކުން އެ ސިމްޕޯޒިއަމްގައި މިއަހަރު ބައިވެރިވެފައިވާއިރު، ބައިނަލް އަގުވާމީ 24 ޖަމިއްޔާއަކުން 58 ބޭފުޅުން ގެންދަވަނީ އެ ސިމްޕޯޒިއަމްގައި ބައިވެރިވަމުންނެވެ. އީސީން ބުނީ އެ ސިމްޕޯޒިއަމްގައި މާޖިނަލައިޒްޑް ގުރޫޕްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓް ލުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެފަދަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރާނެ ކަމަށާއި، ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައިވެސް މަޝްވަރާކުރާނެ ކަމަށެވެ.

އެ ފޯރަމްގައި، ރާއްޖޭގެ ހަތް ސިޔާސީ ޕާޓީއަކުން ބައިވެރިވާއިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކާއި، ހޯޕްފޯވިމަންއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސެބިލިޓީސްގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ބައިވެރިވެފަ އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި އެ ސިމްޕޯޒިއަމް ހުޅުއްވައިދެއްވަން ކީނޯޓް އެޑްރެސް ދެއްވީ، ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އެވެ. މީގެ އިތުރުން އެ ސިމްޕޯޒިއަމް ހުޅުވުމުގައި، ޖުމްހޫރީ ޕާޓިގެ ލީޑަރު އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.