ހަބަރު

އިންތިހާބުތަކުގައި އަންހެނުންނަށް ކޯޓާއެއް ބާއްވަން ތާއިދު: އީސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަންހެނުންނަށް ވަކި މިންވަރެއްގެ ކޯޓާއެއް ކަނޑައެޅުމަށް ތާއިދު ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންޓަނޭޝަނަލް ސެންޓާ ފޯ ޕާލިމެންޓްރީ ސްޓަޑީސް (އައިސީޕީއެސް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒު ސިމްޕޯޒިއަމްގެ 18 ވަނަ ބައްދަލުވުން ހުޅުވުމަށްފަހު މީީޑިއާއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އަންހެނުންނަށް ކޯޓާ ކަނޑައެޅުމަކީ އިލެކްޝަނުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ސިޔާސީ ގޮތުން ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ.

"އެއީ ޕޮލޮޓިކަލް ޑިޒިޝަނެއް ދެއްތޯ. އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުގެ މާކަ ބޮޑު ސޭއެއް އެކަމުގައެއް ނެތް. އެއީ ހަމަ ޕާލިމެންޓުން އެ ގާނޫނު އިސްލާހު ކުރަމުންދާއިރުގައި، އެއަށްހަމަ ޕޮލިޓިކަލީ ނެގޭ ޑިޒިޝަންއަކަށް ވެގެންދާނީ، އަޅުގަނޑުމެން ތާއިދު ކުރާ ކަމެއް އެކަމަކީ އިނގޭތޯ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، އީސީގެ ޑިސްކަޝަންސްތަކުގެ ތެރޭގައި އަބަދުވެސް އަންހެން ބޭފުޅުންނަށް މަޖިލީހުގައި ވަކި ކޯޓާއި އެއް އޮންނަ ގޮތަށް ހަދަން ވަކާލާތު ކުރަމުންދާ ކަމަށެވެ. މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި އަންހެން ބޭފުޅުންގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ތިން ފަރާތައްކަން ފާހަގަ ކުރައްވާ ޝަރީފު ވަނީ ސިޔާސީ ކަންކަމުގައި އަންހެނުންގެ ދައުރު އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.