ހަބަރު

ސަރުކާރުން ދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލަމުން: އިދިކޮޅު

ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލަމުން ކަމަށާއި ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މިއަދު ބުނެފި އެވެ.

ޕީޕީއެމާއި ޕީއެންސީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުން ވަރަށް ގިނަ ކަންކަން އޮޅުވާލަމުންދާ ކަމަށެވެ. އެ ގޮތުން މަހަކު 11000 ރުފިޔާ ދައްކަން ޖެހޭ ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. ކުރީގެ ސަރުކާރުން އެ ފްލެޓްތަކުން ކުލީގެ ގޮތުގައި 5600 ރުފިޔާ، އަދި މެއިންޓެނެންސް ފީއެއްގެ ގޮތުގައި 1000 ރުފިޔާއާއެކު މަހަކު 6600 ރުފިޔާ ނަގާ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތައް ތިން ކޮޓަރިއަށް ބަދަލުކޮށްފިނިމަ މަހު ކުލީގެ އަގު 23000 ރުފިޔާއަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވި ވާހަކައަށް ވެސް މުއިއްޒު ފާޑުވިދާޅުވި އެވެ. އެ ގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަހަކު 6000 ރުފިޔާ ދައްކާ ގޮތަށް ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކޮށްފައިވާ ކަމަށާއި އެއިން ސަރުކާރަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެއިން ފެށިގެން ގޮސް ތިލަފުއްޓާ ހަމައަށް އަޅާ ބްރިޖްގެ މަޝްރޫއު ދެ އަހަަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ކަން ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން ވަނީ އެ މަޝްރޫއު ދިރާސާކޮށް ނިންމައި އޭގެ ތަފުސީލީ ރިޕޯޓެއް ވެސް ނިންމާފަ އެވެ. ރިޕޯޓުގައިވާ ގޮތުން މުޅި މަޝްރޫއަށް 380 މިލިއަން ޑޮލަރާއި 430 މިލިއަން ޑޮލަރު ހޭދަވެ، 4 އަހަރާއި 5 އަހަރުގެ މުއްދަތެއް ނަގާނެ އެވެ.

"މި ފެންނަނީ ކަމާ ގުޅުން ހުރި މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ ދައްކާ ވާހަކަ 24 ގަޑިއިރު ތެރޭގައި ވެސް ދިމާ ނުވާ ކަން. މި ފެންނަނީ އެކި ކަންކަމުގައި ސަރުކާރުން ކަންކަން އޮޅުވާލަމުންދާ ކަން. އަލަށް ކަމެއް ކުރެވުނީއެއް ނޫން. ކުރީ ސަރުކާރުން ކުރި ކަމަކަށްވުރެ ރަނގަޅަށް ކަމެއް ކުރެވުނީއެއް ވެސް ނޫން." މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަޝްރޫއުތައް ހިންގަން މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަންކަން ކުރެވޭ މިންވަރަށް ހިމެނިފައި ނެތް ކަމަށް ސަރުކާރުން ބުނާއިރު މި އަހަރުގެ ބަޖެޓަކީ މި ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންވާ އަދަދުތައް ހިމަނައިގެން ތައްޔާރުކުރި ބަޖެޓެއް ކަމަށެވެ.

އަންނަ ފެބްރުއަރީ މަހު މާލެއިން ފެށިގެން ބްރިޖްގެ މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ދައްކާ ވާހަކައަކީ އެއް ގޮތަކަށް ވެސް ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ. މާލިއްޔަތު ގާނޫނުން ތަރުތީބު ކުރެވިފައިވާ އުސޫލުތަކަށް ބަލާއިރު ފުރަތަމަ ޝައުގުވެރިވާ ފަރާތްތައް ހޯދާފައި ފްރޮޕޯސަލް ހުށަހަޅަން ވެސް ހަ މަސް ދުވަސް ނަގާނެ ކަމަށާއި އެކަށީގެންވާ ޕްރޮޕޯސަލެއް ލިބުމުން އެ މީހުންގެ މަސައްކަތްތަކުގެ ތަފުސީލުތައް ހުށަހަޅަން ދެ މަސް ދުވަސް ގާތްގަނޑަކަށް ދާނެ ކަމަށެވެ.

އެމްއޭސީއެލް އަށް މެނޭޖަރަކު ހަމަނުއްޖެސުނީ ކުންފުނި ބޮޑުވުމުގެ ސަބަބުން ކަމަށް ސަރުކާރުން ބުނާއިރު، ކުންފުނި ބޮޑުނަމަ އަވަހަށް މެނޭޖަރަކު ލުން ކޮންމެހެން ވެސް ލާޒިމު ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މެނޭޖިން ޑިރެކްޓަަރަކު އައްޔަން ނުކުރެވި ލަސްވަނީ ކުންފުނި ބޮޑުވުމުގެ ސަބަބުން ކަމަށް ގަބޫލު ކުރަން ދަތި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުން ކަންކަން އޮޅުވާލަމުން ދާކަން ފާހަގަކުރެވޭތީ އަތޮޅުތެރޭގެ ރަށްރަށުގައި ކަރަންޓު އަގު ހެޔޮ ކޮށްފައިވާ ކަމަށް ސަރުކާރުން ބުނާ ވާހަކަތައް ވެސް އެއީ ތެދު ހަގީގަތްތޯ ބަލަން ޖެހޭ ކަމަށާއި އަތޮޅުތެރޭގެ ރައްޔިތުންގެ ކަރަންޓު ބިލުގެ މައުލޫމާތުތައް ރައްޔިތުންނަށް ހިއްސާކުރަމުން ގެންދިއުމަށް ސައީދު އެދިވަޑައިގެންނެވި އެވެ.