ރައީސް އަބްދުﷲ ޔާމީން

ވެރިކަން ލިބުމުން މި ސަރުކާރުގެ އެއްބަސްވުންތައް އަނެއް ފުށަށް ޖާހަނަން: ޔާމީން

މިހާރު އޮތް ސަރުކާރު ބަދަލުވެ، އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބޭ ދުވަހަކުން މި ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތައް "އެފުށް މިފުށަށް" ޖަހާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

"ފޭރުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ދެ ޕާޓީން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ދައުލަތުގެ ހަރު މުދާތައް ވިއްކަން ދުވަހަކު ވެސް ތާއީދު ނުކުރައްވާ ކަމަށެވެ. މީގެ ކުރިން އިދިކޮޅު ފަރާތެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވިއިރު އެންމެ ބޮޑަށް ވާކާލާތު ކުރެއްވީ އެ ކަމާ ދެކޮޅަށް ކަމަށާއި މިހާރު ވެސް އެކަމާ ދެކޮޅަށް ވާކާލާތު ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބޭ ދުވަހަކުން ދައުލަތުގެ ހަރު މުދާތައް ވިއްކާ ގޮތަށް މި ސަރުކާރުން ކޮށްފައިވާ ހުރިހާ އެއްބަސްވުމެއް "އެފުށް މިފުށަށް" ޖަހާނެ ކަމަށެވެ. އެއީ ކޮން އެއްބަސްވުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއާޕޯޓު އިންޑިއާގެ ކުންފުންޏަކަށް ދިނުމުން އެ ގޮތަށް ކަން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"އިހަށް ދުވަހު އަޅުގަނޑުމެން ސަރުކާރުން މި ހުޅުވީ އޭ380 ޖައްސާނެ ރަންވޭ، ކީއްވެގެންތޯ މި އެއާޕޯޓު އަޅުގަނޑުމެން އެހެން ބަޔަކަށް ދޭންވީ، ކީއްވެެގެތޯ އެހެން ބަޔަކަށް މީގެ ބޭނުން ކުރެވެންވީ، ވިޔަފާރި ކުރަން ނޭނގޭ ބަޔަކަށްވާނަމަ އެކަން އެނގޭ ބަޔަކާ ހަވާލު ކުރަންވީ ނޫންތޯ، އެއީ ނޫންތޯ އެކަން ކުރަން ވީގޮތަކީ،" ކާނިވާ ސަރަހައްދުގައި އޮތް އެއްވުމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު، އިންޑިއާގެ ކޮޗިންއާއި ހދ. ކުޅުދުއްފުށްޓާ ދެމެދު ގާއިމު ކުރާ ފެރީ ނިޒާމުގެ އެއްބަސްވުމާއި އިންޑިއާއާއެކު ގާއިމު ކުރަން އުޅޭ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. މިރޭގެ އެއްވުމުގައި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ވެސް ވަނީ އެ ދެ އެއްބަސްވުމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އެ ގޮތުން އިންޑިއާއާއެކު ގާއިމު ކުރަން އުޅޭ އެއްބަސްވުމުގައި އިންޑިއާއިން ކުށްވެރިއަކު ކަމުގައި ކަނޑައަޅާ މީހަކު، އިންވެސްޓެއް ރާއްޖެއަށް ކޮށްފައިވާނަމަ އެ އިންވެސްޓެއްގެ ފައިސާ އިންޑިއާއިން ހިފެހެއްޓޭނެ ކަމާއި ދެ ގައުމުގެ ބޭންކްތަކުގެ މެދުގައި މުއާމަލާތްތައް ބަދަލު ކުރެވޭނެ ކަމަށް އެއްބަސްވުމުގައި އޮތުމުން އެއްބަސްވުން ދިރާސާކުރި ކޮމިޓީގައި ތިއްބަވާ އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެންބަރުން ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ. ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެ ކަމަށް ފާޑުވިދާޅުވި އެވެ.