ދިވެހި ޕްރެމިއާ ލީގް

ދަ ގުރޭންޑެގެ ރޭހަށް ގުރީންއިން ނިމުން ގެނެސްފި

މެޗުގައި 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދަ ގުރޭންޑޭއިން ހުރިހާ މެޗަކުން މޮޅުވަމުން އައި ރޭހަށް ކުލަބުގެ ގުރީން ސްޓްރީޓުން ނިމުން ގެނެސްފި އެވެ.

ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރަން ފެށި ފަހުން ކުރިން ކުޅުނު ހަތަރު މެޗުންވެސް ދަ ގުރޭންޑެ ވަނި މޮޅުވެފަ އެވެ. މެޗު ފަށައިގެން ގުރީން ސްޓްރީޓަށް ވުރެ ރަނގަޅަށް ކުޅެމުން ދިޔާއީ، ދަ ގުރޭންޑޭ އެވެ.

ލަނޑު ޖަހަން ލިބުނު އެންމެ ފުރަތަމަ ރަނުގެ ފުރުސަތުވެސް ލިބުނީ ދަ ގުރޭންޑެ އަށެވެ. މެޗުގެ 10 ވަނަ މިނެޓްގައި ދަ ގުރޭންޑެގެ އަހްމަދު އިމާޒު (އާއްކޮ) ވެއްޓިގެންފައި ފޮނުވާލި ބޯޅަ ގުރީންގެ ޑިފެންޑަރު ގާސިމް ޝަންމާމް (ޝަންމޭ) އަށް ދިފާއު ކުރެވުނީ، ކިރިކިރިޔާ އެވެ. ޝަންމޭ އެ ބޯޅަ ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ.

ގުރީންގެ ފުރަތަމަ ލަނޑު މެޗުގެ 37 ވަނަ މިނެޓްގައި، އަބްދުﷲ މިސްބާހް (މިސްބެ) ކާމިޔާބު ކުރީ، މުހައްމަދު އުމޭރު ތަނަވަސްކޮށް ދިން ބޯޅަ އޭރިއާގެ ބޭރުގައި ހުރެފައި ގޯލްގެ ތެރެއަށް ވައ ދާލައިގެންނެވެ. އެ ބޯޅަ ދިޔައީ، ދަ ގުރޭންޑެގެ ކީޕަރު މުހައްމަދު ފައިސްލް އާ ދިމާލަށެވެ. އެ ބޯޅައަކީ އޭނާ ކަހަލަ ކީޕަރަކަށް ސަލާމަތް ކުރެވޭ ކަހަލަ ބޯޅައެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ދަ ގުރޭންޑޭގެ ކޯޗް، އިސްމާއީލް މަހްފޫޒު (އިންމަ) ބުނީ ރަނގަޅަށް ކުޅެމުން ދިޔަ ވަގުތެއްގައި އެ ލަނޑު ވަން ހިސާބުން ޓީމުގެ ޓެކްޓިކަލް ޑިސްޕްލިން އެއްކޮށް ގެއްލިގެން ދިޔަ ކަމަށެވެ.


ގުރީންގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، މިސްބެ އެވެ. މެޗުގެ 67 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިއާ ތެރެއިން ދަ ގުރޭންޑޭގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އަލީ އަޝްފާގް (ދަގަނޑޭ) ތަނަވަސް ކޮށްދިން ބޯޅަ މިސްބެ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. އެ ބޯޅަ ދިފާއު ކުރުމަށްޓަކައި ކީޕަރު ފައިސަލްއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ގުރީންގެ ތިން ވަނަ ލަނޑަކީ، 85 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އަޝްފާގް ކާމިޔާބު ކުރި ލަނޑެކެވެ. ފައިސްލް ޑައިވް ކުރީވެސް އަޝްފާގް ބޯޅަ ފޮނުވާލި ފަޅިއަށެވެ. އެހެންނަމަވެސް އަޝްފާގް ބޯޅަ ވައްދާލީ ފުރާޅެއްހެން އޮތް ގޯލްގެ މަތީ ދަގާނޑަށެވެ.