ކުޅިވަރު

ގޭމްސް ބާއްވަން ރާއްޖެއިން ކުރާ މަސައްކަތަށް ތައުރީފް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2023 ގެ މުބާރާތް ހޯސްޓް ކުރުމުގެ ބިޑު ކާމިޔާބު ކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވެއްޖެ އެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް، ހާއްސަކޮށްގެން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގޭމްސްގެ 2023ގެ އެޑިޝަން ހޯސްޓް ކުރަން، ރާއްޖޭގެ އިތުރުން މަޑަގަސްކަރަ އާއި ކޮމޮރޯސްއިން ވަނީ ހުށަހަޅާފަ އެވެ.

ހަތަރު އަހަރު ފަހުން ބާއްވާ އެ ގޭމްސް ރާއްޖެއިން ހޯސްޓް ކުރާނަމަ ރާއްޖޭގައި ހުރި ވަސީލަތްތަކާއި ފުރުސަތުތައް ދެނެގަތުމަށް އައިއޯއިޖީގެ ކައުންސިލުން ރާއްޖެއަށް ކުރި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން މިރޭ، ޔޫތު ސްޕޯޓްސް މިނިސްޓްރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެންޓޯނިއޯ ގޯޕާލް ވިދާޅުވީ، ގޭމްސް ހޯސްޓް ކުރުމުގައި އެންމެ މުހިންމު ކަމަކީ އެ ހޯސްޓް ކުރާ ގައުމުން އެކަމަށް ދޭ އަހަމިއްޔަތާއި ބަހައްޓާ ޕްރޮފިޝަނަލިޒަމްގެ ހަމަތައް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އާއި ސަރުކާރުގެ ފަރާތުން ގޭމްސް ބޭއްވުމަށް ދޭ އަހަމިއްޔަތުކަން އޭނާގެ ޓީމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ގޭމްސްއަށް ބިޑްކޮށްފައިވާ ތިން ގައުމުގެ ތެރެއިން ރާއްޖެއަކީ ފޭވަރިޓް ގައުމެއް ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން ގޯޕާލް ވިދާޅުވީ، ފޭވަރިޓް އެބަސް ބޭނުން ކުރަން އޭނާ ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއާ މެދު އޭނާ ވަނީ ވިދާޅުވީ ތައުރީފްގެ ބަސްފުޅެކެވެ.

"ރާއްޖެއާ މެދު ފޭވަރިޓްގެ ލަފުޒު އަހަރެން ބޭނުން ކޮށްފިއްޔާ ކޮމޮރޯސްއަށް އެއީ އުފާވެރި ކަމަކަށް ނުވެދާނެ،" ގޯޕާލް ވިދާޅުވި އެވެ. "އެކަމަކު އަހަރެން ބުނެފާނަން، އަހަންނަށް ރާއްޖޭގެ ފަރާތުން މިކަމަށް ދޭ ސީރިއަސްކަން އެބަފެނޭ، ސީރިއަސްކަމަކީ ޕްރޮފިޝަނަލިޒަމް.. މި ބޭއްވުނު ބައްދަލުވުންތަކާއި އަހަރެމެންނަށް ފެނުން ކަންތައްތަކުން ރާއްޖެއާ މެދު އަހަރެމެން ވަރަށް ހިތްހަމަޖެހޭ."

ނޫސް ކޮންފަރެންސްގައި ބައިވެރިވި، ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ، މިހާރުވެސް ހަތަރު ކުޅިވަރަކުން ބޭނުން ކުރަމުންދާ ޔޫތު ސެންޓަރުގެ ބަދަލުގައި ވަކި ކުޅިވަރުތަކަށް ހާއްސަ ސެންޓަރު އިމާރާތް ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން ބާސްކެޓްބޯޅަ އާއި ވޮލީއަށް ވަކި އިންޑޯއެއް ގާއިމު ކުރެވިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) ވިދާޅުވީ ގޭމްސްއަށް ރާއްޖެއިން ހޯސްޓް ކުރަން މަސައްކަތް ކުރުމަށް ސަރުކާރާއެކު ފުރަތަމަ ބޭއްވި ބައްދަލު ވުމުގައި އޮލިމްޕިކް ކޮމިޓީގެ ހުށަހެޅުން ނިނިމެނީސް ގޭމްސްއަށް ބިޑު ކުރަން ސަރުކާރުން ވަގުތުން ނިންމި ކަމަށެވެ.

މިނިސްޓަރު މަހްލޫފް އިތުރަށް ވިދާޅުވީ، ގޭމްސްގެ ބިޑު ކާމިޔާބު ކުރުމުގެ އެހީތެރިކަން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބުންގެ ގޮތުގައި ފޮރިން އެފެއާޒް މިނިސްޓަރު އަބްދުﷲ ޝާހީދު އާއި އޭނާ ޝީޝެލްސް، ކޮމޮރޯސް އަދި މޮރިޝަސްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.