ހަބަރު

"ގެއެއްގެ ތެރޭ މީހަކަށް އަނިޔާކުރި ފުލުހުން ސަސްޕެންޑް ކުރާނަން"

މާފަންނު ގެއެއްގެ ތެރޭގައި މީހަކަށް އަނިޔާކުރާ ވީޑިއޯ ރިވިއު ކުރެވިފައިވާ ކަމަށާއި އެކަމުގައި ބައިވެރިވި ހުރިހާ ފުލުހުން ވަގުތުން ސަސްޕެންޑް ކުރާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މާފަންނު ގެއެއްގެ ތެރޭގައި ފުލުހުން ވަދެ މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ އާންމުވެފަ އެވެ.

ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންގެ ބަޔަކު އާދައިގެ ޔުނީފޯމްގައި ތިބެ ކޯޓު އަމުރެއްގެ ދަށުން މިރޭ މާފަންނު ގެއެއް ބަލައި ފާސް ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ ބަލައި ރިވިއު ކޮށްފައިވާ ކަމަށެވެ. އެކަމަކީ ގަބޫލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި ހުރިހާ އޮފިސަރުން ވަގުތުން ސަސްޕެންޑް ކުރުމަށްފަހު ތަހުގީގް ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެވީޑިއޯގައި ފެންނަ ގޮތުން އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް މީހަކަށް އަނިޔާކުރާ މަންޒަރު ފެނިގެންދެ އެވެ. އެގޮތުން އޭނާ ފާރަށް ޖަހައި، އަތުންނާއި ފައިން އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދޭ މަންޒަރު އެވީޑިއޯއިން ފެނިގެން ދެއެވެ.