ރިޕޯޓް

ބޭނުންވަނީ ދަރާފައިވާ ބޯހިޔާވަހިކަން، ބަހަނާއެއް ނޫން!

"އަޅުގަނޑާއި އަދި ގުޅިފައިވާ ޕާޓީތަކުގެ ސިޔާސީ ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަޅުގަނޑުމެން އެންމެން މި ވަނީ ތިޔަ ރައްޔިތުންނަށް ދަރާފައި، އަޅުގަނޑުމެން ކޮންމެ ބޭފުޅަކު މި ވަނީ ތިޔަ ރައްޔިތުންނަށް ފްލެޓަކަށް ދަރާފައި، އިރާދަކުރެއްވިއްޔާ އެ ދަރަނި އަޅުގަނޑުމެން އަދާ ކުރާނަން،"

މިއީ ފަހަކަށް އައިސް އެމްޑީޕީ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ގިނައިން ފާހަގަކުރައްވާ އެއް ވާހަކަފުޅެވެ. ބޭރުގައި އަރުވާލެވިގެން ތިން އަހަރު ދުވަހު ހުންނެވުމަށް ފަހު އަނބުރާ މާލެ ވަޑައިގެން ފުރަތަމަ ފަހަރަށް ރައްޔިތުންނާ ބައްދަލު ކުރެއްވި ދުވަހު އެމަނިކުފާނު ވިދާޅުވީ މިހެންނެވެ. އެ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެސް އެމަނިކުފާނު އެންމެ އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވީ އެ ވާހަކަފުޅެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތަށް ބޯހިޔާވަހިކަމަކީ ސިޔާސީ ލީޑަރުން ދިވެހި ރައްޔިތުންނަށް ދައްކަން ޖެހިފައިވާ ބޮޑު ދަރަންޏެކެވެ. ކުރީ ސަރުކާރުތައް އައިސްފައި ވަނީ ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ވައުދުތަކަކާ އެކުގަ އެވެ. މަޝްރޫއުތައް އިއުލާންކޮށް އަމަލީ މަސައްކަތް ވެސް ފެށި އެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫއަކުން ނަތީޖާއެއް ނުފެނުނެވެ. ކޮންމެ ވެސް މައްސަލަތަކެއް ދިމާވެ ރައްޔިތުންގެ އުއްމީދުތައް "ފުނޑުފުނޑުވުން" ނޫން ކަމެއް ނުވި އެވެ.

މި ސަރުކާރު ވެސް އިންތިހާބުވީ ބޯހިޔާވަހިކަމާ ގުޅުން ހުރި ގިނަ ވައުދުތަކަކާއެކު އެވެ. ބޯހިޔާވަހިކަން ބޭނުންވާ ކޮންމެ މީހަކަށް ގެއެއް ނުވަތަ ފްލެޓެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރަށް އިންތިހާބުވުމުން، އިންތިހާބުގައި ވީ ވައުދުތަކަކީ ރައްޔިތުންނަށް ދައްކަން ޖެހޭ "ދަރަންޏަށް" ނޫނީ ނުވާނެ އެވެ.

"އިރާދަކުރެއްވިއްޔާ މި ސަރުކާރުން، ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުން ވެފައި ތިބި ހުރިހާ ފަރާތްތަކަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ފޯރުކޮށްދޭނަން، އެއިން ގޯއްޗަކަށް، ފްލެޓަށް އެދިފައި ތިބި ކޮންމެ ފަރާތަކަށް ވެސް އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން،" މަޖިލިސް އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް ވައުދުވެވަޑައިގެންފައިވެ އެވެ.

ބޯހިޔާވަހިކަމުގެ ޝަކުވާއަކީ ރާއްޖޭގައި ބޮޑު ޝަކުވާއަކަށްވީއިރު ކުރީ ސަރުކާރުތަކުގައި އެ ޝަކުވާއަށް ރަނގަޅު ހައްލެއް ގެނެވިފައި ނެތް ކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. އަމިއްލަ އުފަން ފަސްގަނޑޭ ބުނާއިރު އަމިއްލަ ގެދޮރު ނެތް އެތައް އާއިލާއެއް ދިރިއުޅެ އެވެ. ދާއިމީ ބޯހިޔާވަހިކަމެއް ނުލިބި ގިނަ އާއިލާތައް އެ އުޅެނީ ކުލީ ކޮޓަރިތަކުގަ އެވެ. ނޫންނަމަ ވާރުތަ މުދަލުން ލިބުނު ކުޑަކުޑަ ޖާގައެއްގަ އެވެ.

"އަޅުގަނޑުމެންގެ ޖީލުން އަންނަން އޮތް ޖީލަށް އެކަން ނުކޮށް ދެވިއްޖެ ކަމަށްވާނަމަ ގަބޫލުފުޅު ކުރައްވާ މި މާލެއެއް ނޯންނާނެ، ދެނެއް މި މާލެއަކު ނެތް ފޮތި ކުރާނެ ތަނެއް، ދެނެއް އަޅުގަނޑުމެންނަކަށް ނެތް ބަހާނެ އެއްޗެއް،" މަޖިލިސް އިންތިހާބުގެ ކެމްޕޭން ތެރޭގައި މާލެ ސަރަހައްދުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހާލަތަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.

ހިތި ތަޖުރީބާތައް ތަކުރާރުވެގެން ނުވާނެ!

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ގުޅީފަޅުގައި ފްލެޓްތަކެއް އަޅައި އެ ފްލެޓްތައް ގަތް ފަރާތްތަކުގެ އަތުން ބޮޑެތި ފައިސާ ވެސް ނަގާފައިވެ އެވެ. ނަމަވެސް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި ވަނީ އެ ތަނަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި ގުޅީފަޅުން ފްލެޓް ގަތް ބައެއް މީހުން އެހެން މަޝްރޫއުތަކުން ފްލެޓް ދިން ނަމަވެސް ފްލެޓް ނުލިބޭ 142 އާއިލާ ތިބިއިރު، ބައެއް ފަރާތްތަކުން އުޅެނީ ކުދިކުދި ކޮޓަރިތަކުގައި ކުއްޔަށެވެ.

މީގެ އިތުރުން ނަޝީދުގެ ސަރުކާރުން ހުޅުވާލި ވެށިފަހި މަޝްރޫއުގައި ފްލެޓް ދޫކުރަން ނިންމީ ފްލެޓްތަކުގެ ޑައުންޕޭމެންޓަށް 28000 ރުފިޔާ ދައްކައި 20 އަހަރު ދުވަހުން ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް އެއިރު ވާހަކަ ދެއްކި އެވެ. އެއީ ގާތްގަނޑަކަށް މަހަކު 7000 ރުފިޔާ އެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން ނިންމީ ފްލެޓްތަކުގެ އަގުގެ ގޮތުގައި ދެ މިލިއަން ރުފިޔާ އެއް ފަހަރާ ދައްކާށެވެ. ފަހުން ފްލެޓްތައް އެޗްޑީސީގެ ދަށަށް ގެންގޮސް، އެ ކުންފުނިން އެންގީ ފަސް އަހަރުން ދެ މިލިއަން ރުފިޔާ ދައްކާ ގޮތަށް މަހަކު 33000 ރުފިޔާ ދެއްކުމަށެވެ. އަދި އެ އަގަށް އެއްބަސްނުވާ މީހުންގެ ފްލެޓް ވިއްކާލަން އެޗްޑީސީން އޭރު ނިންމި އެވެ.

"ގެދޮރު ވިއްކާލާފައި މާލެ އައީ ގުޅީފަޅުން ފްލެޓް ދޭނެ ކަމަށް ބުނުމުން، އެ ކަން ސަރުކާރަށް ނުކުރެވުނީ އަޅުގަނޑުމެންގެ ކުށެއް ނޫން، ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ، އެ ވަރު ނުވެގެން ފްލެޓް ދޭއިރު އަޅުގަނޑުމެންނަށް ފުރުސަތެއް ނެތް، ވަރަށް ބޮޑު ތަފާތު ކުރުމެއް މިއީ،" ގުޅީފަޅުން ފްލެޓް ގަތް މީހަކު މީގެ ކުރިން އަވަސްއާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.

ނަޝީދުގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ޔާމީންގެ ސަރުކާރަށް "ވާރުތަވެ" އެ ސަރުކާރުން މަޝްރޫއުތަކަށް ބައެއް ބަދަލުތައް ގެނައުމުގެ ސަބަބުން މައްސަލަތައް އިތުރުވެ، ރައްޔިތުންނަށްވީ އިތުރު އުނދަގޫތަކަކަށެވެ. ހަމަ އެ ގޮތަށް ޔާމީންގެ ސަރުކާރުގެ މަޝްރޫއުތައް މިހާރު މި އޮތީ މި ސަރުކާރަށް ވެސް "ވާރުތަ" ވެފަ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަވަހީގެ ބިމުގައި އިމާރާތް ކުރި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގައި ގިނަ މައްސަލަތައް ހުރި ކަމަށް މި ސަރުކާރުން ބުނެ އެވެ. މީގެ އިތުރުން ހިޔާ ފްލެޓްތަކުގެ ކޮޓަރި ކުޑަ ކަމަށް ބުނެ "ކޮތަރުކޮށިތައް" ގޮތުގައި އެ ކޮޓަރިތައް މީހުން ސިފަ ކުރެ އެވެ.

ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވެސް ވިދާޅުވީ އެ ކޮޓަރިތަކުގައި އެނދެއް ބަހައްޓައިފިނަމަ އަލަމާރިއެއް ބަހައްޓާލާނެ ޖާގަ ވެސް ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ އެއީ އިންސާނުން އުޅެން ހެޔޮވާ ވަރުގެ ތަނެއް ނޫން ކަމަށެވެ.

އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެ ފްލެޓްތަކަށް އެއްވެސް ބަދަލެއް ނުގެނެސް ޖެހޭ އަގަކީ މަހަކު 11000 ރުފިޔާ ކަމަށެވެ. ފްލެޓްތަކަށް ބަދަލު ގެނެސްފިނަމަ އަގު އިތުރަށް އަގު މަތިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓަކަށް މަހަކު 11000 ރުފިޔާ ދެއްކުމަކީ ރައްޔިތުން ބޭނުންވެފައި ތިބި ބޯހިޔާވަހިކަން އަތްފޯރާ ފަށުގައި ފޯރުކޮށްދެވުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މަހަކު 11000 ރުފިޔާ ދައްކަން ޖެހެނީ އެއްވެސް ބަދަލެއް ނުގެނެސް، ދެން އަޅުގަނޑުމެން ބަލަންވީ އެ އަގުގައި ފްލެޓްތައް ދޫކޮށްލަނީތޯ ނޫނީ ބަދަލު ގެންނާނީތޯ، ބަދަލު ގެނެސްފިނަމަ ދެ ކޮޓަރީގެ ފްލެޓަކަށް އެބަޖެހޭ 13000 ރުފިޔާ، އަދި ތިން ކޮޓަރީގެ ފްލެޓަކަށް 23000 ރުފިޔާ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް ހިޔާ މަޝްރޫއު ހިންގިއިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ފްލެޓްތަކުގެ އަގުގެ ގޮތުގައި އޭރުގެ ސަރުކާރުން ކަނޑައެޅި އަގަކީ މަހަކު 5600 ރުފިޔާ އެވެ. އަދި ވިދާޅުވީ މަހަކު 7000 ރުފިޔާ މަހު ކުލީގެ ގޮތުގައި ނަގައިގެން ވެސް އެޗްޑީސީއަށް 15 އަހަރު ދުވަހުގެ ތެރޭގައި ފައިދާވާނެ ކަމަށެވެ.

"ދެ ކޮޓަރީގެ ފްލެޓްތައް އެޅުމަށް ރައީސް ޔާމީން ނިންމެވި ސަބަބަކީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ ގިނަ ރައްޔިތުންނަށް މިހާރު އުޅޭ ހާލަތުން ވެސް އަރައިގަތުމަށްޓަކައި އަތްފޯރާފަށުގައި ބޯހިޔާވަހިކަމެއް އެބަ ބޭނުންވޭ، އެހެންވެ އެންމެ ފުރަތަމަ ދެ ކޮޓަރީގެ ފްލެޓްތަކެއް އެޅިގެން އެ މަރުހަލާއަށް ގެންދަން، އިޖުތިމާއީ ބޯހިޔާވަހިކަމަކީ އެފޯޑަބަލް ހައުސިންއަށް ވާން ޖެހޭ،" ހިޔާ މަޝްރޫއުގައި ދެ ކޮޓަރީގެ ފްލެޓް އަޅަން ނިންމި ސަބަބު މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ ގޮތަކަށް ވީ ނަމަވެސް މަހަކު 11000 ރުފިޔާ ދެއްކުމަކީ ދަތި ކަމެކެވެ. ދިގު ކިއޫއެއްގައި އެތައް އިރެއް މަޑުކޮށްގެން ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެދުނު އެއްވެސް ފަރާތެއް ބޭނުމެއް ނުވާނެ ވެށިފަހި މާލެ މަޝްރޫއުގެ ފްލެޓްތަކަށާއި ގުޅީފަޅު ފްލެޓްތަކަށް އެދި ފައިސާ ދެއްކި ފަރާތްތަކަށް ވެގެން ދިޔަ ގޮތަށް ވުމަށެވެ. އަދި މި ސަރުކާރުން ހިންގާ އާ މަޝްރޫއެއް ވެސް އެފަދަ މައްސަލަތަކެއްގެ ތެރެއަށް ގޮސް ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަން ނުލިބި ދިޔުމެއް ނޭދޭނެ އެވެ.

ރައީސްގެ ފަރާތްޕުޅުން އަލުން އުއްމީދީ ވާހަކަތަކެއް

ދާދި ފަހުން ރައީސް އޮފީހުގައި ނޫސްވެރިންނާ ކުރެއްވި ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގެ ތެރެއިން ރައީސް އެންމެ ފުރަތަމަ އަލިއަޅުއްވައިލެއްވީ ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށެވެ. އަދި އެ މައްސަލައަށް ހައްލު ހޯދަން މި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތުގެ ތަފުސީލު ރައީސް ދެއްވި އެވެ.

ހުޅުމާލޭގައި އިތުރު 4600 ހައުސިން ޔުނިޓް އަދި އަތޮޅުތެރޭގެ ރަށްރަށުގައި 5000 ހައުސިން ޔުނިޓް އެޅުމަށް ނިންމަވައި އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގެ މަޝްރޫއުގެ ދަށުން ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓް އަޅަން ރާވަފައިވާ ކަމަށާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 6000 ރުފިޔާއާއި 7000 ރުފިޔާގެ ދެމެދުގެ އަދަދެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ނުދެއްވި ނަމަވެސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީހާ ވެސް އަވަހަށް އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި ނިންމުން ކަމަށެވެ.

ޔަގީން ކުރައްވަންވީ ކަމަކީ އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ އެންމެންނަށް އެކަން ކޮށްދޭނަން،
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މީގެ އިތުރުން ގުޅީފަޅުން ފްލެޓް ގަތް ނަމަވެސް ބޯހިޔާވަހިކަން ނުލިބިވާ 142 އާއިލާއަށް ހުޅުމާލޭގައި އަޅާ ފްލެޓްތަކުން ފުރުސަތު ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގުޅީފަޅުން ފްލެޓް ގަތުމަށް އެ ފަރާތްތަކުން ދައްކާފައިވާ ފައިސާ ފްލެޓްގެ އަގުން ކެނޑޭ ގޮތަށް ހަމަޖައްސަފަވާފައިވާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ދެވޭނެ އެންމެ ކުޑަ އަގަކީ މަހަކު 11000 ރުފިޔާއަށް ކަމަށް އެޗްޑީސީން ކަނޑައެޅި ނަމަވެސް އަގު ކުޑަ ކުރެވޭނެ ގޮތެއް ބަލަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ގޮތުން ސަރުކާރުން އަގު ކުޑަ ކުރުމަށް ސަބްސިޑީއެއް ދިނުމުގެ ވިސްނުން އެބަ ހުންނެވި ކަމަށާއި ސަބްސިޑީއެއް ދީގެން އަގު ކުޑަ ކުރާނަމަ ހަތަރު ބިލިއަން ރުފިޔާ ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ވެށިފަހި މާލެ މަޝްރޫއުގެ ދަށުން އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގެ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރި ފްލެޓްތައް ބޮޑު އަގުގައި ގާތްގަނޑަށް ގަންނަން ޖެހުނު 47 އެއްހާ އާއިލާއަށް ލުއި ގޮތެއް ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެ ކަމަށް ވަކި ގޮތެއް ނުނިންމަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޔަގީން ކުރައްވަންވީ ކަމަކީ އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ތެރޭގައި ފްލެޓް، ބޯހިޔާވަހިކަމަށް ބޭނުންވާ އެންމެންނަށް އެކަން ކޮށްދޭނަން،" ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ދެއްވާނެ ކަމަށް ވިދާޅުވާ ވާހަކަ ރައީސް ތަކުރާރު ކުރެއްވި އެވެ.

އެމްޑީޕީއިން އެދުނު ގޮތަށް ރައްޔިތުން މި ވަނީ ހުރިހާ ކަމެއް ފުރިހަމަކޮށްދީފަ އެވެ. ސަރުކާރުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އެ ޕާޓީއަށް ދީފަ އެވެ. ދިވެހި ތާރީހުގައި ވެސް މިފަދަ ފުރުސަތެއް އެހެން ބަޔަކަށް ރައްޔިތުން ދީފައެއް ނުވެ އެވެ. އެހެންކަމުން ރައްޔިތުންނަށް ލީޑަރުން ދަރާފައިވާ "ބޯހިޔާވަހިކަމުގެ ދަރަނި" ވީ އެންމެ އަވަހަކަށް ފޯރުކޮށްދޭން ޖެހެ އެވެ.