ވިޔަފާރި

2.5 މިލިއަން ރުފިޔާއިން ދަށުގެ މަސައްކަތްތައް އެސްއެމްއީ ވިޔަފާރިތަކަށް

Jul 6, 2019
1

ސަރުކާރުން ހުޅުވާލާ 2.5 މިލިއަން ރުފިޔާ އަށް ވުރެ ދަށުގެ މަސައްކަތްތައް ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެސްއެމްއީ) ތަކަށް ދޭން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލީއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ތަކެތި ގަތުމާއި މަސައްކަތް ކުރުވުމާއި ހިދުމަތް ހޯދުމުގައި ދިވެހިންނަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. މިގޮތުން ސަރުކާރުގެ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދާ ޕްރޮކިއުމެންޓްތަކުގައި އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެސްއެމްއީ) ގިންތީގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް އެކަނި ބައިވެރިވެވޭ ގޮތަށް ޕްރޮކިއުމެންޓް ކަންތައް ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ 70 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ އެސްއެމްއީ ކެޓަގަރީގެ ހިމެނޭ ވިޔަފާރި ތަކެވެ. މި ބައިގައި ހިމެނެނީ އެންމެ ކުދި މެދުފަންތީގެ ވިޔަފާރިތަކާއި ކުދި މެދުފަންތީގެ ވިޔަފާރި އަދި މެދުފަންތީގެ ވިޔަފާރި ތަކެވެ. އެންމެ ކުދި ވިޔަފާރިއެއްގެ ގޮތުގައި ބަލަނީ ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހަޔަކަށް ވުރެ މަދު ވިޔަފާރި ތަކެވެ. މިބައިގައި ހިމެނޭ ވިޔަފާރިއެއްނަމަ އަހަރަކު ލިބޭ އާމްދަނީ 500،000 ރުފިޔާ އަށް ވުރެ އިތުރެއް ނުވާނެ އެވެ. އަދި ކުދި ފަންތީގެ ވިޔަފާރީގެ ގޮތުގައި ބަލަނީ މުވައްޒަފުންގެ އަދަދު ހަޔަކާއި 30 އާއި ދެމެދުގެ ވިޔަފާރިތަކަށެވެ ކުދި ފަންތީގެ ވިޔަފާރިއެއްނަމަ އަހަރު ލިބޭ ޖުމްލަ އާމްދަނީ ހުންނަން ޖެހޭނީ 500،001ރ. އާއި 5،000،000ރ. ދެމެދުގަ އެވެ. އަދި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ބަލަނީ މުވައްޒަފުންގެ އަދަދު 31 އާއި 100 އާ ދެމެދުގެ ވިޔަފާރި ތަކަށެވެ. މި ބައިގައި ހިމެނޭ ވިޔަފާރިތަކުގެ ޖުމްލަ އާމްދަނީއަކީ ފަސް މިލިއަން ރުފިޔާ އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ސިޔާސަތެއް އެކުލަވާލާފަ އެވެ. މި ސިޔާސަތުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓް އަދި ޑިއުޓީ އުސޫލަށް ބަދަލު ގެންނާނެ އެވެ. އަދި ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ކުރާ އިއުލާންތަކުގައި ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިއުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ދަށް ނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭން ޖެހެ އެވެ. އަދި މި ސިޔާސަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓެކުހުގެ ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދީ މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގުންވެސް ހިމެނެ އެވެ. އެގޮތުން މި އުސޫލުގެ ދަށުން މި ފަދަ ވިޔަފާރިތަކަށް ހެޔޮ އަގުގައި ޕީއޯއެސް ލިބޭނެ އެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުންނާއި ސަރުކާރުގެ ކުންފުނިތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިންވޮއިސްތަކަށް އަވަހަށް ފައިސާ ދެއްކުމަށް ބާރު އަޅަންވެސް ނިންމާފައިވެ އެވެ.