މިދިޔަ ޑިސެމްބަރު މަހު އެންމެ ބޮޑަށް ރާއްޖޭގައި އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި މޮބައިލް ފޯނުގެ މުވާސަލާތީ ހިދުމަތްތަކުގެ ބައި ހިމެނިއްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާއްމު ކުރި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން ޑިސެމްބަރު މަހު މޮބައިލް ފޯނުގެ މުވާސަލާތީ ހިދުމަތްތަކުގެ ބައިގެ އަގުތައް 1.16 ޕަސެންޓް ވަނީ މަތިވެފަ އެވެ.
މި މުއްދަތުގައި ތަރުކާރީގެ ބައިގެ އަގުތައް 0.85 ޕަސެންޓް އުފުލިފައިވެ އެވެ. އަދި އެހެނިހެން މައުލޫމާތާއި މުވާސަލާތީ ހިދުމަތްތަކުގެ ބައިގެ އަގުތައް ވެސް ވަނީ މި މުއްދަތުގައި 1.03 ޕަސެންޓް އުފުލިފައިވެ އެވެ. މީގެ އިތުރުން އެހެނިހެން ކާބޯތަކެތީގެ ބައިގެ އަގުތައް 1.35 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ބޫޓާއި ފައިވާނުގެ ބައިގެ އަގުތައް ވެސް ވަނީ 0.90 ޕަސެންޓް މައްޗަށް ޖެހިފަ އެވެ.
ޑިސެންބަރު މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި ސައިކަލުގެ ބައި ހިމެނެ އެވެ. މި ބައިގެ އަގުތައް ވަނީ 0.84 ޕަސެންޓްގަ އެވެ. އަދި މޭވާގެ ބައިގެ އަގުތައް 0.93 ޕަސެންޓް ދަށްވެފައިވާއިރު، މަހުގެ ބައިން އަގުތައް 0.28 ޕަސެންޓް ދަށްވެފައިވެ އެވެ. އަދި އެހެނިހެން މުދަލާއި ހިދުމަތުގެ ބައިގެ އަގުތައް 0.13 ޕަސެންޓް ދަށްވެ ކެފޭ ރެސްޓޯރަންޓުގެ ބައިން ވެސް ވަނީ 0.11 ޕަސެންޓް ދަށްވެފަ އެވެ.
އެންބީއެސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު މަހު ހުރިހާ ބައެއް އެއްކޮށް ބަލާއިރު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.03 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ. ނަމަވެސް ނޮވެމްބަރު މަހުގެ އިންފްލޭޝަނަކީ 0.12 ޕަސެންޓެވެ. އަދި މަހުގެ އަގުތަކަށް އައިބަދަލު ނުލާ ބަލައިފިނަމަ ޑިސެންބަރު މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.05 ޕަސެންޓުގަ އެވެ. ނަމަވެސް މި އަދަދު 2019 ޑިސެމްބަރު މަހު ހުރީ ހުރީ 0.23 ޕަސެންޓުގަ އެވެ.