މި މަހު 18 ވަނަ ދުވަހު ފަށާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ، ދިވެހި ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދުމުގެ މުހިންމު މުބާރާތެއްކަމަށް، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.
މޮރިޝަސްގައި ބާއްވާ ގޭމްސްގައި ވާދަ ކުރާ ރާއްޖޭގެ ޓީމުތަކުގެ ތައްޔާރީތަކާ ބެހޭގޮތުން ޕީއެސްއެމް ސްޕޯޓްސްއިން ގެނެސްދޭ، "މިފަހަރުވެސް ގޯލްޑް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޝެގަޓް ބުނީ ޒުވާން ކުޅުންތެރިންނަށް އައިސް ފައިވާ ކުރިއެރުން ނުވަތަ އެ ކުޅުންތެރިންގެ މިހާރުގެ ހާލަތު ދެނެގަތުމަށް މި އަހަރުގެ މުބާރާތަކީ ރަނގަޅު ޓެސްޓަކަށް ވާނެ ކަމަށެވެ.
މުބާރާތުގެ ފުޓްބޯޅަ އިވެންޓްގައި ރާއްޖެ ހިމެނެނީ، އެންމެ ފަހުގެ ޗެމްޕިއަން، ރީޔޫނިއަން އާއި ރަނަރަފް މަޔޯޓޭ އާއެކު ގުރޫޕް ބީ ގަ އެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް، އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުނީ ރީޔޫނިއަން ޓީމުގައި ފްރާންސްގެ ދަށް ޑިވީޝަންތަކުގައި ކުޅޭ ކުޅުންތެރިން ގިނަ ކަމަށައި އެ ޓީމުތަކުގައި ޔޫރަޕްގެ ފުޓްބޯޅައިގެ ރަހަ ހުންނާނެ ކަމަށެވެ.
މުބާރާތަށް ތައްޔާރު ވުމަށް ޕްރެކްޓިސް ކުރަން ރާއްޖެއަށް އޮތީ ފަސް ދުވަހެ އެވެ. ޝާކިއްޓޭ ބުނީ، ޓްރެއިނިން ކޭމްޕެއްގައި ޝީޝެލްސް އަށް ދިއުމަށް މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް ވަސީލަތްތަކާއި މުބާރާތް މިހާ ކައިރިވެފައި ވުމުން އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގައި ތިބެގެން ތައްޔާރީތައް ފެށުން ކަމަށް ދެކެ ކަމަށެވެ.
ގައުމީ ޓީމު މެޗެއް ކުޅެނީ މިދިޔަ އަހަރު ނޮވެމްބަރު ފަހުންނެވެ. ޝެގަޓް ބުނީ ގިނަ ދުވަސްތަކެއް ވަންދެން މެޗުތައްކެއް ނުކުޅެތިބެ ގައުމީ ޓީމަށް އަންނައިރު ކުޅުންތެރިން ތިބޭނެ ހާލަތު ނޭންގޭތީ ކަންބޮޑުވާ ކަމަށެވެ.
ޝާކިއްޓޭ ބުނީ، ސީނިއާ ޓީމުން އާ ކުޅުންތެރިންނަށް ފުރުސަތު ދީފައި ވާނެ ކަމަށެވެ. އެގޮތުން މި އަހަރުގެ މާޗް މަހު ސައުދީ އަރަބިއްޔާގައި ބޭއްވި އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ވާދަކުރި ޒުވާން ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިން ސްކޮޑުގައި ހިމެނޭނެ ކަމަށެވެ.