ފިލިޕީންސާ ދެކޮޅަށް މިއަދު މެޗުގެ ފުރަތަމަ ހާފުގައި، ރާއްޖެ ސަލާމަތް ކޮށްދިނީ، ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ. ފިލިޕީންސަށް ލިބުނު ޕެނަލްޓީ ފައިސަލް ދިފާއު ކުރީ އިތުބާރާއެކު އެވެ. އެހެންނަމެވެސް ފުރަތަމަ ހާފުގައި ޓީމުގެ ފަރާތުން އެ އިތުބާރެއް ނުފެނުނެވެ.
ފުރަތަމަ ހާފުގައި އެންމެ ބޮޑު މައްސަލައަކަށްވީ، މިޑްފީލްޑް ލައިނުން އެކަށީގެންވާ ބޯޅަތަކެއް ފޯވަޑް ލައިނަށް ސަޕްލައި ނުކޮށްދެވުމެވެ. ސަޕްލައިކޮށްދިން ދެތިން ބޯޅައިގައިވެސް ރާއްޖެ ފޯވަޑުންނަށް އެކަށީގެންވާ ގޮތަށް ބޭނުން ނުކުރެވުނެވެ. މެޗުގެ ފެށިގެން އެންމެ ފުރަތަމަ ހަމަލާ އުފެއްދީވެސް ރާއްޖެއިންނެވެ. އެހެންނަމަވެސް ރާއްޖޭގެ ފޯވަޑްލައިންގައި އެ ބޯޅަތައް ބޭނުން ހިފާނެ ފުރުސަތެއް ނެތެވެ.
ފުރަތަމަ ހާފަށް ޖުމުލަކޮށް ބަލާއިރު ފެނުނު މަންޒަރަކީ ފޯވަޑްލައިނަށް ދެ ވަނަ ހާފުގައި ބަދަލު ގެންނަން ޖެހިފައި އޮތް ކަމެވެ. އަދި މިޑްފީލްޑްގެ ތެރެއިން ރަނގަޅަށް ބޯޅަތަކެއް ކުޅެން ޖެހޭކަންވެސް އެނގިގެން ދިޔަ އެވެ. ފައިސަލްގެ ސޭވް ކުރި ޕެނަލްޓީ އާއެކު އޭނާ ރާއްޖެ ސަލާމަތް ކޮށްދީ ފުރަތަމަ ހާފު ނިމިގެން ދިޔައީ އިތުބާރެއް ހޯދައިގެންނެވެ.
ދެ ވަނަ ހާފަށް ނުކުންނައިރު، ފުރަތަމަ ހާފުގައި މަދުވެގެން ދިޔަ ކަންތައްތައް ރަނގަޅު ކޮށްގެން ނުކުންނާނެ ކަމަށް އުންމީދު ކުރެވުނެވެ. ހާއްސަކޮށް ޓީމުގެ ފޯވަޑްލައިނަށް ކުރިއެރުން މާބޮޑަށްވެސް ގެންނަން ޖެހިފައި އޮތުމުންނެވެ. އެންމެންނަށްވެސް އުންމީދު ކުރެވުނީ އަލީ އަޝްފާގް (ދަގަނޑޭ) ކުޅެން ނުކުންނާނެ ކަމަށެވެ. އެހެންނަމަވެސް ދެ ވަނަ ހާފުފެށިއިރު އެ ބަދަލެއް ނުފެނުނެވެ. އަޝްފާގްއަށް ކޯޗް، ޕިޓާ ޝެގަޓް ފުރުސަތު ދިނީ ރާއްޖެ ކޮޅަށް ލަނޑު ޖަހައި ދިވެހި ކުޅުންތެރިންގެ މޯރަލް ގެއްލިފައި ވަނިކޮށެވެ.
ފުރަތަމަ ހާފުގައި ފެނުނު ކަންކަމުން، ދެ ވަނަ ހާފަށް ނުކުންނައިރު އެ ބަދަލު ގެންނަން ޖެހިފައި އޮތްކަން ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. ރާއްޖޭގެ ކުރީގެ އެއް ވަނަ ފޯވަޑް އިސްމާއީލް އާސިފް (ކުޑަ ހީނާ) ވެސް އެކަން ފާހަގަ ކުރި އެވެ.
"ދެ ވަނަ ހާފު އަޝްފާގް ގޮވައިގެން ސްޓާޓް ކޮށް، ދެން މަޑުމަޑުން އެޓޭކަށް ބަދަލު ގެންނަމުން ދިޔަނަމަ ރަނގަޅުވީސް،" އަވަސް އާ ވާހަކަ ދައްކަމުން ތަޖުރިބާކާރު ބުންޏެވެ. "އަޝްފާގް އުމުރުން ދޮށި ނަމަވެސް އޭނާ މިއަދުވެސް ސާބިތު ކޮށްދީފި އަދިވެސް އޭނާގެ މުހިންމުކަން ޓީމަށް ބޮޑުކަން."
މެޗުގައި ފިލިޕީންސުން ކުޅެމުން ދިޔައީ މާ ޓައިޓްކޮށެއްވެސް ނޫނެވެ. މިކަހަލަ ސިސްޓަމަކަށްގައި ކުޅެމުން ދާއިރު ރާއްޖޭގެ މިޑްފީލްޑަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރިނަމަ ރަނގަޅު ބޯޅަތެއް އުފެއްދުނީހެވެ. ދެ ވަނަ ހާފު ފަށައިގެން އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އަށް މުޅިން ހުސް ފުރުސަތެއް ލިބިގެން ދިޔަ އެވެ. ފިލިޕީންސްގެ ޑިފެންޑަރު އިއްބެގެ ފަހަތުން އޭނާގެ ކޮނޑުގައި ހިފައި ޗާޖު ކުރި އެވެ. އަޝްފާގް ދަނޑުމަތީގައި ހުރި ނަަމައޭ ހިތައް އަރާ އޭނާގެ މުހިންމުކަން އިހްސާސް ކުރެވެނީ އެކަހަލަ ވަގުތަކުގަ އެވެ.
ފިލިޕީންސްގެ ފުރަތަމަ ލަނޑު އިއާން ރަމްސީ ކާމިޔާބު ކުރީ މެޗުގެ 53 ވަނަ މިނެޓްގަ އެވެ. އަޝްފާގް ކުޅެން އެރުވީ 65 ވަނަ މިނެޓްގަ އެވެ. ބައިކޮޅަށް ވަން ލަނޑާއެކު ރާއްޖެއަށް ކުރިމަތިވި ހިތްދަތި ކަމާއެކު އެކަމުން އަރައި ނުގަނެވިގެން އުޅެނިކޮށް ދެ ވަނަ ލަނޑު ވަނެވެ.
ދެ ވަނަ ހާފުގައި ފެނިގެން ދިޔަ އަނެއް ކަމަކީ ކެޕްޓަން އަކްރަމް އަބްދުލް ގަނީ މައި ޑިފެންސްގައި ހުރެފައި ބޯޅައަށް ކުރިއަށް އަރައިގެން ދިއުމުން ޓީމުގެ ފަހަތް ރިކަވާ ނުވެ އޮތުމެވެ. ސެންޓްރަލް ޑިފެންޑަރު ކުރިއަށް އަރައިގެން ދިއުމަކީ ފުޓްބޯޅަ މެޗުތަކުގައި ބައެއް ފަހަރު ފެންނަ މަންޒަރެކެވެ. ޓީމުގެ ކުރިއަށް ޖެހިލައި ހަމަލާ އުފެއްދުމަށް ބިއުލްޑްއަޕްގައި މެދުރޮނގަށް ވުރެ ކުރިއަށް އަރައިގެންދާތަން ފެންނާނެ އެވެ.
މައިޑިފެންޑަރު ކުރިއަށް އަރައިގެން ދާވަގުތު އެތަނަށް ފައިބަނީ ޓީމުގެ ޑިފެންސިވް މިޑްފީލްޑަރެވެ. ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްވެސް ބައެއްފަހަރު ކުރިއަށް އަރައި ޓީމުގެ ބިލްޑްއަޕްގައި ބައިވެރި އެވެ. އެ ހާލަތުގައި ޓީމުގެ ފަހަތަށް ފައިބައި ޑިފެންސް ކަވަރު ކުރާނީ ޑިފެންސިވް މިޑްފީލްޑާ ކާލޯސް ކަސަމީރޯ އެވެ.
މެޗުގައި އަކުރަމް ކުރިއަށް އަރައިގެން ދިޔަ ވަގުތު ޑިފެންސް އޮތީ ރަނގަޅަށް ކަވާ ނުވެ އެވެ. ފިލިޕީންސުން ފުރަތަމަ ލަނޑު ޖެހީ އެކަހަލަ ހާލަތެއްގެ ތެރެއިންނެވެ. މިޑްފީލްޑާ ހުސައިން ނިހާން (ނިހާޓް) އަށް ސެކަންޑް ބޯޅަ ރަނގަޅައް ތައްޔާރު ނުވެވުމުން އެ ބޯޅަ އޭނާއަށް ކުލިއާ ނުކުރެވުނެވެ. ފިލިޕީންސްގެ ރަމްސީ، ޕެނަލްޓީ އޭރިއާގެ އިރުމަތި ފަރާތު އަރިމަތިން އަރައިގެން ދިޔައިރު ޑިފެންސް އޮތީ ރަނގަޅަށް ކަވާ ނުވެ އެވެ. އެކަހަލަ ވަގުތުގައި ވަރުގަދަ ޑިފެންސިވް މިޑްފީލްޑަރެއް ހުރުން މުހިންމު ވެދެ އެވެ. ޓީމުގެ ސެލެކްޝަންގައި ޝެގަޓް އެކަމަށް އެންމެ އެކިއުރޭޓް ހައްލެއް ހޯދާފައި ނުވެ އެވެ. އެހެންނަވެސް ރާއްޖޭގެ ފުޓްބޯޅައިން އެއް ހައްލު ހޯދުނީ ހެވެ. އެފަދަ ކުޅުންތެރިން ތިބީ ސްކޮޑުން ބާކީ ވެފައި ގޭގައި މެޗު ބަލާށެވެ.
އަހްމަދު ރިޒްވާން އާއި ދާދު އަދި އަޝްފާގް ދަނޑަށް ނުކުމެ ހަމަލާތަކުގައި ބައިވެރިވާން ފެށި ހިސާބުން ފިލިޕީންސްގެ ފަހަތަށް ބާރު ބޮޑުވެގެން ދިޔަ އެވެ. ކޯޗް ޕީޓާ ޝެގަޓް ބުނީ އިތުރު ވަގުތު ވަގުތު ކޮޅެއް ލިބުނުނަމަ ރަނގަޅުވީސް ކަމަށެވެ. އެހެންނަމަވެސް ވަގުތު ލިބުނެވެ. ދެ ވަނަ ހާފު ބަދަލު ތަކާއެކު ފެށި ނަމަ އެ ވަގުތު ހޯދުނީ ހެވެ. މެޗުން ބަލިވުމުގެ ޒިންމާ ޝެގަޓް ނަގަން ޖެހެ އެވެ. މެޗުން ބަލިވުމުގައި އޭނާއަށް ހެދުނު ބޮޑު މިސްޓޭކުތައް ހިމެނޭކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. އަބަދު އެސްކިއުޒެއް ނުދެއްކޭނެ އެވެ.