ގައުމީ ފުޓްބޯޅް ޓީމް

ހާލަތު ބަދަލުވީ ރެފްރީގެ ގޯސް ނިންމުމަކާ ހެދި: ޝެގަޓް

ދިވެހި ޓީމުން ވަރުގަދައަށް ޕްރެސްކޮށްގެން ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށް ހާލަތު ބަދަލުވީ ހީނުކުރާ ކަހަލަ ގޮތަކަށް އައި ރެފްރީގެ ނިންމުމެއްގެ ސަބަބުން ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

ޝެގަޓް އިޝާރާތް ކުރީ، ރާއްޖެ ދެ ވަނަ ހާފަށް ނުކުމެ ކުޅެމުން ދަނިކޮށް ރާއްޖެއާ ދެކޮޅަށް ޗައިނާއަށް ދިން ޕެނަލްޓީއަށެވެ. އެ ޕެނަލްޓީ އަކީ ޗައިނާއިން ކޯނަރެއް ނެގި ވަގުތު ރާއްޖޭގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ޗައިނާގެ ކުޅުންތެރިޔަކު ކޮށްޕާލުމުން ދިން ޕެނަލްޓީ އެކެވެ.

"އަހަރެމެން އެންމެ ވަރަށް ހައިރާންވި، އަހަންނަކަށް ނޭންގެ ކިހިނެއް ވެގެން ދިން ޕެނަލްޓީއެއް ކަމެއް، އަހަރެން ޖެހޭނީ އަލުން މެޗު ބަލަން، އޭރު [އަހްމަދު ނޫމާން] ހެލްމެޓް އަނިޔާވެގެން ދަނޑު މަތީގައި އޮތީމަ އަހަރެން ބަލަމުން ދިޔައީ އޭނާ އަށް،" ޝެގަޓް ބުންޏެވެ. "އެ އީ ގޯލަށް ނުރައްކާވާނެ ހާލަތެއްވެސް ނޫން، ބެންޗުގައި ތިބި އެންމެންވެސް ތިބީ ވަރަށް ހައިރާންވެފައި އެ ޕެނަލްޓީ ދިން ގޮތުން، އެއީ މުޅި މެޗު އެނބުރިގެން ދިޔަ ހިސާބު."

ރާއްޖެއަށް ދިން ދެ ވަނަ ޕެނަލްޓީ އަކީ، ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޗައިނާގެ ވީ ޝިހާއޯ އަށް ބޯޅަ ލިބުނަ ނުދޭން ވެގެން އޭނާގެ ފައިދަށުން ޓެކްލުކޮށް ބޯޅަ ބޭރު ކޮށްލުމުން ދިން ޕެނަލްޓީ އެކެވެ. ރެފްރީ ދެއްކީ ފައުލެއް ކަމަށެވެ. އެހެންނަމަވެސް ރިޕްލައިން ފެންނަ ގޮތުގައި ޝިހާއޯ އަށް ޗާޖު ކުރުމުގެ ގޮތުން އަކުރަމް އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ.

ޝެގަޓް ބުނީ އަކުރަމްއަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ޕެނަލްޓީއެއް ދިނުމަކީ އެކަހަލަ ހާލަތަކަށް ބަލާއިރު ވަރަށް ހަރުކަށި ކޮށް ރެފްރީ ނިންމި ނިންމުމެއް ކަމަށެވެ. އޭނާ ބުނީ ދެ ވަނަ ހާފުގައި މަސައްކަތް ކުރީ ބަދަލުތައް ގެނެސް ޕްރެސް ކޮށްލައިގެން ކުޅުމަށް ކަމަށާއި އެހެންނަމަވެސް ހީނުކުރާ ކަހަލަގޮތަކަށް މެޗު އެނބުރިގެން ދިއުމާއި ކުޅުންތެރިންނަށް އަނިޔާވެގެން ގެންނަން ޖެހުނު ބަދަލުތަކުން ބޭނުންވި ގޮތަށް އެކަން ނުވީ ކަމަށެވެ.

"ހެލެމެޓްއަށް އަނިޔާވުމުން އަހަންނަށް ޖެހުނީ ބަދަލުގައި [ސަމޫހް އަލީ] ސަމުއްޓޭ އަރުވަން، ދެން އަކޫ އަށް ރަތް ކާޑު ދެއްކީމަ ޑިފެންޑަރަކު އެރުމުވުމެގެ ގޮތުން [ސަމްދޫހް މުހައްމަދު] އައްޔައަށް ފުރުސަތު ދިނީ، [އިބްރާހިމް މަހްދީ ހުސައިން] ފޭދޫ އިއްބެ ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައި އެހެންވެ އަކޫ ނެތީމަ ޑިފެންޑަރެއް އެރުވުމުގެ ގޮތުން އިއްބެ ބާލަފައި އައްޔަ އަށް ފުރުސަތު ދިނީ،" ޝެގަޓް ބުންޏެވެ.

ދެ ވަނަ ހާފަށް ރާއްޖެ ނުކުތީ އަލީ އަޝްފާގް (ދަގަނޑޭ) ގެ ބަދަލުގައި ހަސަން ނާއިޒު (ދާދު) އަށް ފުރުސަތު ދީގެންނެވެ. ޝެގަޓް ބުނީ އަޝްފާގް ބަދަލު ކުރީ އޭނާ ކޮންމެވެސް ވަރަކަށް ވަރުބަލި ވެފައި ހުރުމުން ކަމަށާއި އަދި ދާދު އަށް ފުރުސަތު ދިނީ ޕްރެސް ކޮށްލައިގެން ކުޅުމުގެ ގޮތުން ކަަމަށެވެ.

"އަޝްފާގްވަރަށް މަސައްކަތް ކުރި، އޭނާ ހުރީ ކޮންމެވެސް ވަރަކަށް ވަރުބަލި ވެފައި، އަދި އަހަރެމެން ބޭނުންވި ވަރަށް ގަދައަށް ޕްރެސް ކޮށްލައިގެން ކުޅެން،" ޝެގަޓް ބުންޏެވެ. "ޕްރެސް ކޮށްލައިގެން ކުޅުމުގެ ގޮތުން އަހަރެން ވިސްނައިގެން ހުރީ އަސަދުﷲ ވެސް އަރުވައި ދެ ސްޓައިކަރުންނަށް ބަދަލުކޮށްލަން، އަދި މެޗުގެ ފަހު ކޮޅަށް އެޅުމުން ފޭދޫ އިއްބެ އާއެކު ތިން ފޯވަޑުންނަށްވެސް ބަދަލު ކޮށްލަން، އެހެންނަމަވެސް ހުރިހާ ކަމެއް ބަދަލުވީ ހީނުކުރާ ކަހަލަ ގޮތަކަށް އައި ޕެނަލްޓީ އާއެކު."

ރާއްޖެއަށް ދެން އޮތީ ސީރިއާ އާ ދެކޮޅަށް ކުޅޭ އެ ގައުމުގެ ހޯމް މެޗެވެ. ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން އެ މެޗު ކުޅޭނީ އަރަބި އެމިރޭޓްސްގަ އެވެ. މެޗު ކުޅުމަށް ހަމަޖެހިފައި ވަނި އަންނަ މަހު 10 ވަނަ ދުވަހު އެވެ.