ރިޕޯޓް

ޖަވާބު ނުލިބޭ ސުވާލެއް ނެތް!

Jul 6, 2019
40

"އަޅުގަނޑަށް އެނގޭ ތި ސުވާލު އަންނާނެކަން،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެއީ ހަގީގަތުގައި ވެސް މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ފާހަގަވި މަންޒަރެވެ. ދުރާލާ ސުވާލުތައް ފޮނުވައިގެން ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްހެންވެސް ހީވީ އެހެންވެ އެވެ.

ރައީސް ސޯލިހު ތައްޔާރުވެފައި ހުންނެވިލެއް ފުރިހަމަ ކަމުންނެވެ. ގިނަ ދުވަސްތަކަކަށްފަހު އެފަދަ ފުރުސަތެއް ލިބުމުން ރައީސް އޮފީހަށް ޖަމާވެތިބި ނޫސްވެރިންނަށްވުރެ ބޮޑަށެވެ. އާންމުންގެ މެދުގައި މިހާރު އޮތް ހުރިހާ ކަންބޮޑުވުންތަކާއެކު ސަރުކާރުގެ މަސައްކަތާގުޅޭގޮތުން ހުރި ސުވާލުތައް ބަންޑެލިކޮށްގެން ފުލު ފުލުގައި އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވީ އެއްވެސް އަޅައިގަތުމެއް ފަސްޖެހުމެއް ނެތި އެވެ.

ރައީސް ޖަވާބުތަކުން އެހެން ކަމެއް ވެސް ފާހަގަވި އެވެ. އެމަނިކުފާނަށް ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ މިންވަރެވެ. ގައުމުގެ ހާލަތު ވަލީއުލް އަމުރަށް އިހުސާސްކުރެވޭ ހެއްކެވެ. ނޫސްވެރިން ޖަވާބު ހޯދާނެ ސުވާލުތަކަށް އެ މިންވަރަށް ތައްޔާރުވެ ވަޑައިގެންނެވުނީ އެހެންވެ އެވެ. އަތްޕުޅުގައި ގެންގުޅުއްވި ގަނޑުތައް ހާވާލައި، މައުލޫމާތު ކަށަވަރުކޮށްލެއްވުމަށްފަހު ޖަވާބު ދެއްވީ ތަފާތު މައުލޫތަކުންނެވެ.

ސްރީލަންކާއިން ނުގެނެވިގެން އުޅޭ ބާގީ އަބްދުﷲ ލުތުފީ އާ ގުޅޭގޮތުންނެވެ. ލަސްވެގެން ކަންބޮޑުވާ ތަރައްގީގެ މަޝްރޫއުތަކަށް އަލި އަޅުވާލެއްވި އެވެ. އުއްމީދީ ވާހަތަކެއް ވެސް ވިދާޅުވެ ދެއްވި އެވެ. ރައްޔިތުން އެދި އެދި ތިބި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަށާ ތާރީހުތަކުގެ މައުލޫމާތެވެ. އިތުރު ހައްޖު ކޯޓާ ލިބުނު ވާހަކަފުޅެވެ. ވަޒީފާތައް އިތުރުވެގެން ދިޔަ މިންވަރެވެ. ބްރިޖު އަޅާ ވާހަކަވެސްމެ އެވެ.

ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަބޫލުކުރަން ބޭނުންނުވިއަސް، ހަގީގަތަކީ މިއީ އެވެ. ރައީސަށް ޖަވާބު ނުދެއްވުނު ސުވާލެއް ކުރިމަތި ނުކުރެވުނު ކަމެވެ. ދޮޅު ގަޑިއިރަށްވުރެ ގިނަ އިރު މަސައްކަތް ކޮށްގެން ވެސް އެކަމެއް ކާމިޔާބެއް ނުވި އެވެ. އަތްޕުޅުގައި ނެތް ތަފާސް ހިސާބުތަކެއް ވެސް ބައްދަލުވުމުގެ މެދު ތެރެއިން ގެންނަވައި އެކަން ވެސް ހިއްސާކުރެއްވި އެވެ. އެއީ މުޅި ބައްދަލުވުމުގެ ތެރެއިންވެސް އެމަނިކުފާނަށް ވަގުތުން ޖަވާބު ނުދެއްވުނު ފަހަރެވެ. ކޮންމެ ދާއިރާއަކުން ވިއަސް ޖެހިލުމެއްނެތި ޖަވާބު ދެއްވަމުން ގެންދެވި އެވެ. އެތާ ތިބި ހުރިހާ ނޫސްވެރިންނަށްވެސް ފުރުސަތު ދެއްވި އެވެ. ކޮންމެ މީހަކު ދެ ތިން ހަތަރު ސުވާލު ކުރަންވެސް ޖާގަ ދެއްވި އެވެ. އެވަރުންނުވެގެން، ދެއްވި ޖަވާބުތަކާ ގުޅުވައިގެން އަލުން ސުވާލުކުރަންވެސް ފުރުސަތު ދެއްވި މަންޒަރު ފެނުނެވެ.

އެއްވެސް ހިފެހެއްޓުމެއް ނެތެވެ. ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ސޯލިހު އަބަދުވެސް އެއް ވާހަކައެއް ވިދާޅުވެ އެވެ. އެމަނިކުފާނުގެ ސަރުކާރެއް މައުލޫމާތެއް ނުފޮރުވާނެ ކަމެވެ. މީޑިއާތަކަށާއި ނޫސްވެރިންނަށް ހުރަސްނާޅުއްވާނެ ވައުދުފުޅެވެ. ސަރުކާރުގެ ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތުގެ ދަށުން އެމަނިކުފާނު ވަނީ ހަގީގަތުގައިވެސް މިސާލު ދައްކަވައިފަ އެވެ.