ރިޕޯޓް

އެމްޑީއެން އުވާލުން: ސަމާލުކަން އަނބުރާލުމުގެ އިތުރު އުކުޅެއް؟

ރައްޔިތުން ވާވެއްދުމަކީ ސިޔާސީ މީހުންގެ އެންމެ މޮޅު ހުނަރެވެ. ހާއްސަކޮށް އެކި އިންތިހާބުތަކާ ދިމާކޮށް، އާއްމު ރައްޔިތު މީހާގެ ފައިބުޑަށް ވެއްޓި، އިރުހަނދަށް ގެންދާނެ ފޮނި ވައުދުތައް ވާނެ އެވެ. އިންތިހާބެއް މޮޅުވުމާއެކު ހަނދާނެއް ނުހުންނާނެ އެވެ. އަދި ފެންނަ ކަމަކަށް ވެސް ނުހަދާނެ އެވެ. ބައްދަލެއް ވެސް ނުވާނެ އެވެ. ފޯނު ނެގިޔަސް ވަގުތެއް ނޯންނެ އެވެ. އިތުރަށް ސިޔާސީ މީހުނާއި ސަރުކާރުތަކުން އެންމެ މޮޅަށް ކުރާ ކަމަކީ ރައްޔިތުންގެ ސަމާލުކަން އަނބުރާލުމެވެ. އާންމުން ރުޅި ގަދަވެގެން ސަރުކާރަށް މާބޮޑަށް ޕްރެޝަރު ކުރާން ފެށުމުން ކޮންމެވެސް އެހެން ކުޅިވަރެއް، މަންޒަރެއް ދެއްކުމަކީ ވަރަށް ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު އަބަދުވެސް ސަރުކާރުތަކުން ކުރާ ކަމެކެވެ.

އެ ހުނަރުވެރިކަން މި ސަރުކާރުން އެ ވަނީ އަނެއްކާވެސް ދައްކުވައިދީފަ އެވެ. ވައިބާ ގުރޫޕެއްގައި ޝެއާކޮށްލި ކާޓޫނެއްގެ މައްސަލާގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑުކޮށްލީ އެކަމެއް ހިނގިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ނިންމުން އިއުލާނު ކުރުމާއެކު މުޅި ސޯޝަލް މީޑިޔާ ކެކިގެން ދިޔަ މަންޒަރު ފެނުނެވެ.

ގިނަ ބަޔަކު ރުޅި ގަދަވީ ވަކި ފަރާތަކަށް ބުރަވެފައިވާ ކަމަށް ދޭހަވާ ގޮތަކަށް އަމަލު ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރަކާމެދު ފިޔަވަޅު އަޅައިގެނެއް ނޫނެވެ. އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) ނަމަކަށް ކިޔާ އަމިއްލަ ޖަމިއްޔާއަކުން ނެރުނު ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް މުޅި ގައުމު އެކީގައި ކަހަލަ ގޮތަކަށް ސަރުކާރަށް ގޮވާލަމުންދާތާ އޭރު އެއް މަހަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެވެ.

ގިނަ ބައެއްގެ ނަޒަރުގައި އެއް ޒާތެއްގައި ދެ ކަމެއްގައި ތަފާތު ގޮތަކަށް ސަރުކާރުން އަމަލު ކުރުމަކީ ބޭއިންސާފެކެވެ. ފަނޑިޔާރެއް ވަކި ފަރާތަކަށް ބުރަވެފައިވާ ކަމަށް ދޭހަވާ ގޮތަކަށް އަމަލު ކުރެއްވުމަކީ މައްސަލައަކަށްވާނަމަ، އިސްލާމް ދީނަށް ބަދުބަސްބުނެ ހަޖޫޖެހުމަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ މައްސަލައަކަށް ނުވުމަކީ ގިނަ ބައެއް ކަންބޮޑުވި މައްސަލައެކެވެ.

ޖުޑީޝަރީއަށް "ހަތަރެސް ފައި" ބޭނީ؟

ނަމަވެސް، އެ ވަގުތު ރޯވި ހުޅުކޮޅު، ބޮޑު އަލިފާންގަނޑަކަށް ބަދަލުވާނެ ވަގުތެއް އާއްމު އުސޫލުގެ ދަށުން ސަރުކާރަކުން ނުދިނެވެ. ހައިލަމަށް ފިޔަވަޅު އެޅިތާ ގަޑިއެއްހާ އިރުގެ ތެރޭގައި އެމްޑީއެން އުވާލަން ނިންމިކަން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޔޫތު މިނިސްޓްރީން އިއުލާ ނުކުރި އެވެ.

ނަމަވެސް، ގިނަ ރައްޔިތުންތަކެއް ގޮވާލި ގޮވާލުމަށް ސަރުކާރުން އިޖާބަ ދިނުމުން އުފާފާޅު ކުރުމުގެ ބަދަލުގައި އުފެދެނީ އިތުރު ސުވާލުތަކެކެވެ. އެ ގޮތަށް ނިންމުމަކުން ނޫނެވެ. އެކަން ކުރި ދަނޑިވަޅުގެ ސަބަބުންނެވެ. އެމްޑީއެން އުވާލީ ހައިލަމްގެ ސަސްޕެންޝަނަށް ހިޔަނި އަޅުވާށޭ އިދިކޮޅުން ބުނާ ބުނުމަށް ޖާގަ ލިބެނީ އެހެންވީމަ އެވެ.

މިހާތަނަށް ފިޔަވަޅެއް އަޅަން ނުކެރި، އަމިއްލަ ޖަމިއްޔާއެއްގެ ދަށުގައި ސަރުކާރެއް ފިތިފައި އޮއްވާ، ހައިލަމް ސަސްޕެންޑު ކުރުމާއެކު އެމްޑީއެން އުވާލުމުގެ ހިތްވަރު ސަރުކާރަށް ލިބުނީ އެކަމުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށްތޯ އެއީ އުފެދޭ ސުވާލެކެވެ.

އެއީ ހަމަ ޔަގީންނުން ވެސް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ގަބޫލު ކުރައްވާ ގޮތެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ހައިލަމް ސަސްޕެންޑު ކުރީ، ރައީސް ޔާމީނަށް ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނުކުރެވިގެނެވެ.

"ޖުޑީޝަރީއަށް ނުފޫޒު ފޯރުވޭނީ މިހާ ވަރަށް. ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ސުލޫކީ މައްސަލައެއް އޮވެގެންނެއް ނޫން. މީގެ ކުރިން ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ނުބަލައި އެ ބޭނުންކުރީ ހަތިޔާރެއްގެ ގޮތުގައި. ގާޒީ ހައިލަމްގެ ކަރަށް މަޅިގަނޑު އެއްލައިގެން ދަމާލަ ދަމާލަތިބީ. ވަކި ގޮތަކަށް ހުކުމް ކުރަން އެ މައްސަލަ ބޭނުންކުރަން. ދެން އެގޮތަށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަމެއް ލިބިވަޑައިނުގަތީމަ ފިޔަވަޅު އެޅީ،" އަދުރޭ ވިދާޅުވި އެވެ.

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެނުން ނެރުނު ރިޕޯޓާ ގުޅިގެން ފިޔަވަޅެއް އަޅަން އެއް މަސް ދުވަހަށްވުރެ ގިނަ ދުވަސް ނެގިއިރު، ކާޓޫނެއް ޝެއާކޮށްގެން ފިޔަވަޅު އަޅަން 24 ގަޑިއިރުވެސް ނުނެގި އެވެ.

އުވާ ނުލާ މަޑުކުރީ، ނޫނީ އުވާލަން މަޖުބޫރުވީ؟

ސަރުކާރަށް ކުރިމަތިވަމުންދިޔަ ހުރިހާ ޕްރެޝަރުތަކާއެކުވެސް، އެމްޑީއެން އުވާ ނުލާ މަޑުކުރީ ރައްޔިތުންގެ ސަމާލުކަން އަނބުރާލަންޖެހިދާނެ ހާލަތެއް މެދުވެރިވަންދެންތޯ ވެސް ސުވާލު އުފައްދަންޖެހެ އެވެ. އެއީ ސީދާ ރައީސް ޔާމީންގެ ޝަރީއަތާއި ނޫނީ އަންނަން އޮތް ހުކުމާ ގުޅުން ހުރި ކަމަކަށް ފަހަރުގައި ނުވެދާނެ އެވެ.

އެމްޑީއެން އޮތް ގޮތަށް އޮއްވާ ވަގުތުން ވަގުތަށް ހައިލަމް ސަސްޕެންޑުކުރި ކުރުން ރައްޔިތުންނަށް ބަލައިގަންނަން އުނދަގޫވާނެ އެވެ. ޖޭއެސްސީގެ ނިންމުމާ ވިދިގެން އެމްޑީއެން އުވާލިކަން އިއުލާނު ކުރުމަކީ އިއްތިފާގެކޭ ބުނެ ފަރުޖައްސާލުމުގެ ފުރުސަތު ހަނިވަނީ އެހެންވީމަ އެވެ. ހާއްސަކޮށް މީގެ ކުރިންވެސް ހަމަ އެ ފަދަ އިއްތިފާގުތަކެއް ފެންމަތިވެފައިވާތީ އެވެ. ސަރުކާރަށް ނުކުރެވިގެން ނޫނީ ކުރަން ނުކުޅެދިފައިހުރި ބައެއް ކަންކަން، ކުއްލިއަކަށް ވެގެން ގޮސްފައިވަނީ، ހަމަ އެފަދަގޮތަކަށް ސަރުކާރަށް އޮންނަ ޕްރެޝަރު ބޮޑުވެގެން ދިޔަ ދަނޑިވަޅުތަކެއްގަ އެވެ.

ލުތުފީ ގެނައުން އެމްއެމްޕީއާރުސީގެ ތަހުގީގު ވެސް އިއްތިފާގެއް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައިގެން ދަމާފައި ގެންދާ ކާޓޫނެއްގެ މައްސަލަ ފެންމަތިވުމުގެ ކުރިން، އެމްޑީއެންގެ މައްސަލާގައި އާންމުންގެ އިތުރުން ދީނީ ގިނަ އިލްމުވެރިން ވެސް ސަރުކާރަށް ޕްރެޝަރު ކުރަމުން އަންނަތާ އެތައް ހަފުތާއެއް ވަނީވެފަ އެވެ. އެ ޖަމިއްޔާ އުވާނުލާ ދިޔަ ކޮންމެ ދުވަހަކު އެކަމާ ދެކޮޅަށް ބަޔާން ނެރުނު ކައުންސިލްތައް ދިޔައީ އިތުރުވަމުންނެވެ. އަދި މުޒާހަރާކުރި ރަށްތަކުގެ ލިސްޓުވެސް ދިޔައީ ދިގުވަމުންނެވެ. މަޖިލިހުގެ ތަޅުމުގައިވެސް އިދިކޮޅު މެންބަރުން އެ ވާހަކަ ގޮވާނުލާ ދުވަހެއް ނުދެ އެވެ. އެންމެ ފަހުން އިދިކޮޅު ކޯލިޝަނަށް ކުއްލިއަކަށް އާ ފޯރިއެއް ލިބިގެން ސިލްސިލާކޮށް ކޮންމެ ރެއަކު މައި ޖަގަހަ ދޮށަށް އެއްވާން ފެށުމާއެކު ކޮންމެވެސް ކަމެއް ކުރަން ސަރުކާރަށް މަޖުބޫރުވިފަދަ އެވެ.

އެކަމަކު ކޮންމެ ސަބަބަކާހުރެ ނަމަވެސް، އެމްޑީއެނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަމުން ސަމާލުކަން އަނބުރާލީ ރައްޔިތުންގެ ހިތާ އެންމެ ގާތް މައްސަލަ އަލުން ހިލުވާލައިގެންނެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގެ މިހާތަނަށް އިވިފައިނުވާ އެތައް ވާހަކައަކާއި މައުލޫމާތެއް ރައްޔިތުންގެ ކަންފަތާ ހަމައަށް ގެނެސްދިނެވެ.

ފުލުހުންނާއި، ރައީސް ސޯލިހު އުފެއްދެވި ހިޔާނާތް ބަލާ ކޮމިޝަނުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ކުއްލިއަކަށް ނުކުމެ މިހާތަނަށް އަތް އަޅައިގެންތިބި ހިޔާނާތާ ގުޅޭ އެތަކެއް އާ ވާހަކައެއް އޮއްސާލި އެވެ. އެ ފައިސާތައް ހޭކުނު އަތްތަކުގެ ލިސްޓު މި ސަރުކާރުގެ އިތުރުން މަޖިލީހުގެ މިހާރުގެ މެންބަރުންނާ ހަމައަށް ދިގުލާ ކަމަށް ބުނަމުންނެވެ. ކުއްލިއަކަށް މުޅި ގައުމުގައި ދެކެވެން ފެށީ އެ ވާހަކަ އެވެ. އެއްވެސް ބޭފުޅެއްގެ ނަން ސީދާ ހާމަކޮށްފައިނުވާތީ، ގިނަ ބައެއް ސިކުނޑީގައި އެނބުރުނީ ފަސްބައި ހަޑިވެފައިތިބި ބޭފުޅުންތަކެއްގެ ނަންތަކެވެ. ނަމަވެސް، އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއެކު އަނެއްކާވެސް ދަނޑިވަޅުގެ މުނާސަބަކަމުން ޝައްކުވަނީ އެވެ. އެކަމަކު އެއީވެސް ހަމަ އިއްތިފާގަކަށްވެސް ވެދާނެ އެވެ.

އެހެނަސް މިގެ ކުރިން ވެސް ހަމަ އެ ޒާތުގެ އިއްތިފާގެއް ފެނިގެން ހިނގައްޖެ އެވެ. ނޮވެމްބަރު 3، 1988 ގެ ބަޣާވާތް ރާވައި ހިންގުމުގެ ފަހަތުގައިވާ ނުރައްކާތެރި ސިކުނޑީގެ ވެރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ ޗަރުކޭހުގައި ކަން ހިނގާ ދިޔައީ ހަމަ އެފަދަ އިއްތިފާގެއްގެ ތެރެއިންނެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އޭގެ ފަހުން ސްރީލަންކާގައި ފިލައިގެން އުޅެނީ 2010 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް، ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު މަޖުބޫރުވެގެން އޭނާ ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ވަދެފަ އެވެ. އެކަމަކު ދިވެހި ސަރުކާރުގެ ބިމެއްގައި ލުތުފީ ހުރިކަން ރައްޔިތުންނަށް ފަޅާއެރީ އެމްބަސީ ތެރޭގައި އޭނާ ފޮރުވައިގެން ގެންގުޅޭތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުންނެވެ.

އެކަން އެނގުމާއެކު މުޅި ގައުމުގެ ރުޅިގަނޑު ފަޅައިގެންދިޔަ އެވެ. ބޮޑެތި ފާޑުކިޔުންތައް ސަރުކާރަށް ބަންޑުންވެގެންދިޔަ އެވެ. އެ ފަހަރު ދިވެހި ސަރުކާރުގެ ބަހަނާއަކަށްވީ ލަންކާ ސަރުކާރެވެ. ލުތުފީ ވަގުތުން ވަގުތަށް ނުގެނެވުނީ ލަންކާ ސަރުކާރުގެ ހުއްދަތައް ނުލިބިގެންކަމަށް ބުނަމުންނެވެ. ކުރިއަށްއޮތް 48 ގަޑިއިރު ތެރޭގައި ގެންނާނެކަމަށް ބުނި ލުތުފީގެ ފައި ރާއްޖޭގެ ފަސްގަނޑުގައި ޖެހުނީ އޭގެ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެއް ފަހަރު ސިޓީއެއް ނުލިބިގެން، އަނެއް ފަހަރު ސޮއި ނެތިގެންކަމަށް ބުނެ ލުތުފީ ނުގެނެވި ދިގުލައިގެން ދިޔައީ އެވެ.

އެކަމަކު އެފަހަރު ވެސް ދިގުދަންމަމުން ގޮސް ކުއްލިއަކަށް ލުތުފީ ގެންނަ ވާހަކަ އިއުލާނުކުރީ އެހެން ކަމެއްގައި ސަރުކާރަށް ޕްރެޝަރު ކުރިމަތިވަމުންދިޔަ ދަނޑިވަޅެއްގަ އެވެ. ޖަލުގައި ގައިދީންތަކަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެ، އެކަމުގެ ހޫނުކަން ނުކެނޑިގެން އުޅެނިކޮށް، މާލޭން މީހަކު ހައްޔަރުކުރި ވަގުތު، ފުލުހުން އެ މިހާއަށް ވަރަށް ބޮޑަށް އަނިޔާކުރާ ވީޑިއޯއެއް ލީކުވެ އެ ޕްރެޝަރުގެ ހުޅުގަނޑު ފަޅައިގެންދާ ހިސާބަށް ކަންތައް ގޯސްވި އެވެ. އެއް ކޮޅުން ފުލުހުންނަށް ފިޔަވަޅު އަޅަން ސަރުކާރަށް ގޮވަނީ އެވެ. އަނެއް ކޮޅުގައި ފިޔަވަޅު އަޅަން އުޅޭތީ ފުލުހުން ނުރުހިފައިތިބި އަޑުތައް އިވެން ފެށި އެވެ. ދެކޮޅުންވެސް ސަރުކާރު އޭރު އޮތީ ފިތިފަ އެވެ.

މިހާރު ދެން އާންމުކަމަކަށް ވެފައިވާ އިއްތިފާގަކުން، އޭރު ނުގެނެވިގެން އުޅުނު ލުތުފީ އޭގެ ދެ ދުވަސް ފަހުން ރާއްޖެ ގެނެސް ޖަލަށް ގެންދެވުނެވެ.

ސަރުކާރަށް އަހަރެއް ވާން ދާއިރު، މިހުރީ ހައްތަހާވެސް އިއްތިފާގު ކަމަށް ހަމަ ހަގީގަތުގައިވެސް ވެދާނެ އެވެ. އެކަމަކު މިކަމުގައި އެއް ކަމެއް ސާފުވެ އެވެ. ސަރުކާރަށް ކުރަން ނުކެރޭ ނޫނީ ކުރަން ބޭނުންނުވާ ނުވަތަ ނުކުރެވިގެން އުޅޭ ކަމެއް އެންމެ ފަސޭހައިން ކުރުވޭނީ ނުނީ ކުރާނީ ކޮންމެވެސް ކަމާ ނުގުޅޭ އެހެންކަމެއްގެ ޕްރެޝަރު ބޮޑުކޮށްލުމުން ކަމެވެ.