ދިވެހި މީޑިއާ

ނޫސްވެރިންގެ "ބަންދު" ނިމުމަކަށް: ދެން އޮތީ ޒިންމާދާރުވުން!

މިހާރު މިވަގުތު ރާއްޖޭގެ ނޫސްވެރިން ތިބީ ކަރަށް ބާރުވެ ނޭވާ ނުލެވިފައި ތިބި ހާލަތެއްގައެއް ނޫނެވެ. އެއާހިލާފަށް ނޫސްވެރިންނަށާއި ނޫސްވެރިކަމަށް މިހާރު އޮތީ ކުރިއެރުމެއް އައިސްފަ އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް މިއަދު މަރުހަބާ ކިޔާއިރު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، ކޮންމެ އަހަރަކު ނެރޭ ރިޕޯޓްގައި 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ރާއްޖެ ވަނީ ކުރިއަށް ޖެހިފަ އެވެ. "ޕްރެެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ އޮތީ 22 ދަރަޖަ ކުރިއަށް ޖެހިފަ އެވެ.

އެ ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއަށް ކުއްލިއަކަށް ލިބޭނީ އޭގައި ސަބަބުތަކެއް އޮވެގެނެވެ. ރާއްޖޭގެ ގިނަ ނޫސްވެރިން އެއްބަސްވާ ގޮތުގައި އެ އެންމެ ބޮޑު ސަބަބަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަނިކުފާނު ނޫސްވެރިންނާ ބަހައްޓަވާ ގާތް ކަމެވެ. ނޫސްވެރިކަމަށް އެ މަނިކުފާނުގެ އޮތް ލޯތްބާއި ދެއްވި މިނިވަން ކަމެވެ.

"ކަން ދިމާވި ގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ތަސްދީގު ކުރެއްވި ބިލަކީ ވެސް ނޫސްވެރިންގެ އަނގައިގައި ޓޭޕް އަޅައި އަތުގައި ކަސްތޮޅު އެޅުވި އަބުރުގެ ގާނޫނު އުވާލުމުގެ ބިލު،" ނޫސްވެރިއަކު ބުންޏެވެ.

ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ނޫސްވެރިކަމާއި ނޫސްވެރިންގެ ވާހަކަ ހިމެނުއްވެވި އެވެ. އެ މަނިކުފާނުގެ ރިޔާސީ ދައުރުގެ 100 ދުވަހުގެ ކާމިޔާބީއަށްފަހު ވިދާޅުވި ގޮތުގައި ސަރުކާރުން ކަން ކުރާ ގޮތް ކައިރިން ނޫސްވެރިން ބަލަން އެ މަނިކުފާނު އަބަދުވެސް އެދިވަޑައިގަންނަވަ އެވެ. އަދި އެ ގޮތަށް ހުރިހާ ދިމާއަކުން ފަހިކޮށްދީފައި ބާއްވާނެ އެވެ.

"ރައީސް ސޯލިހު އަބަދުވެސް ވިދާޅުވަނީ ސަރުކާރަށް ވެސް ފާޑުކިޔާށޭ! ނޫސްވެރިޔަކު ލިޔާ އެއްޗެއްގެ ފަހަތުން ފިޔަވަޅު އަޅަން ވަޑައެއް ނުގަންނަވާނަމޭ، ނޫސްވެރިންގެ ކަރުގައި ބެދޭނެ އެއްވެސް ގާނޫނެއް ނުހައްދަވާނަމޭ! އެ ޔަގީންކަން ރޭ އާންމު ކުރެއްވި ނޫސްވެރިންގެ ދުވަހުގެ ހިތޯބުގައި ވެސް ރައީސް އާކޮށް ދެއްވީ، އެހެންވީމާ ރައީސް ސޯލިހު ނޫސްވެރިންނަށް މިވަނީ ފަހި ދުވަސްތަކެއް ގެނެސް ދެއްވާފައި، އެކަމަކު ނޫސްވެރިން ކުރަންޖެހޭ ކަމެއް ވެސް އެބައޮތް. އޮތީ އެ ޒިންމާ ފުރިހަމައަށް އުފުލުން، ފެންވަރު ހުރި ނޫސްވެރިކަމެއް ކުރުން... މި މިނިވަން ކަމުގެ ތެރޭގައި އެއީ ކިހާ ވަރަކަށް ކޮންފެންވަރެއްގައި ކުރާނެ މަސައްކަތެއް ކަމެއް އަޅުގަނޑަކަށެއް ނޭނގޭ، އަޅުގަނޑަށް ފެންނަނީ ވަރަށް އާދައިގެ ނޫސްވެރި ކަމެއް، ޓްވީޓެއް ކުރެއްވީމާ ހަބަރެއް ހަދާ މަންޒަރު، ފެންނަނީ،" ނޫސްކުރިވެރި ކަމުގެ ތެރެއިން މީގެ ކުރިން ތިން ފަހަރެއްގެ މަތީން ޖަލުގައި ބަންދުވާން ޖެހި ވަޑައިގެންނެވި މަޝްހޫރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގައި މިހާރު ވެސް އިސްކޮށް މަސައްކަތް ކުރައްވާ އަދި އެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތް ދުސްވަރު ޖިނާއީ ދައުވާއެއް އުފުލާއި ކޮންމެ ވަގުތެއްގައި ޖަލަށް ދާންޖެހޭ ގޮތަށް ކަރަށް މަޅިއެއް ފައްތާފައި ބެހެއްޓެވި ނޫސްވެރިއެކެވެ. -- ކުރިން އެތައް ފަހަރަކު ޖަލަށް ލާފައިވާ ވަރަށް މަޝްހޫރު ނޫސްވެރިއެކެވެ. ފިޔާޒުގެ ނޭވާ ހައްޓަށް ފެތުނީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ނޫސްވެރިކަމާއި ނޫސްވެރިންނަށް ޖެހި އެފަދަ މަޅިތައް ކޮށައިލެއްވުމުންނެވެ.

ފިޔާޒު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރު އައި ފަހުން ރާއްޖޭގެ ނޫސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެ އެވެ. ކުރިއެރުން އޭނާ ސިފަ ކުރައްވަނީ ނޫސްވެރިންނަށް އަނދިރި އަޅާފައި އޮތް ބިރުވެރި ކަޅު ވިލާގަނޑު ބޯ މަތީން ކެހިގެން ދިއުމަށެވެ. ނޫސްވެރިންނަށް މިނިވަންކަން ލިބުމަށެވެ.

ފިޔާޒު ގަބޫލު ކުރައްވާ ގޮތުގައި ކުރިން ގެނައި އަބުރުގެ ގާނޫނުގެ ކަސްތޮޅުން ނެއްޓި، މުއައްސަސާތަކުން ދައްކާ ބިރު މިހާރު ނެތިގެން ދިއުމުން ނޫސްވެރިންނަށާއި ނޫސްވެރި ކަމަށް ބިރެއް ވެސް ހުރަހެއް ވެސް ނެތެވެ. އަދި ބިރާ ނުލައި ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު މިހާރު އިމެއް ނެތި ވަނީ ހުޅުވިފަ އެވެ.

"ނޫސްވެރިކަމުގެ މިނިވަންކަން ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައި އޮތް ނަމަވެސް މީގެ ކުރިން ނޫސްވެރިކަން އަޅުވެތިކުރަން އެކިއެކި ކަންކަން ކޮށްފައި އޮތީ، ސަރުކާރު ހިއްސާ އޮންނަ ސަރުކާރުން ކޮންޓްރޯލް ކުރާ އެއްޗެއްގެ ގޮތުގައި ނޫސްވެރިކަން މީގެ ކުރިން މި އޮތީ، މިހާރު އިހުސާސް އެބަ ކުރެވޭ ބިރެއް ނެތި ފާޑު ކިޔޭކަން، ލިޔާ އެއްޗެއްގެ ފަހަތުން ނުދާނެ ކަމުގެ ޔަގީންކަން ރައީސް އެއޮތީ ދެއްވާފައި... އަދި ލިޔާ އެއްޗެއްގެ ސަބަބުން އަދަބު ލިބޭ ތަނެއް ވެސް ނުފެނޭ. ހަމައެހެން ސަރުކާރުން ނޫސްވެރިންނަށް މައުލޫމާތުތައް ވެސް އެބަ ފޯރުކޮށްދޭ،" ފިޔާޒް ވިދާޅުވި އެވެ.

ސިނިއާ އެހެން ނޫސްވެރިޔަކު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ މި ދައުރަކީ "ނޫސްވެރިކަން ޖަލު ބަންދުން ދޫކޮށްލާފައިވާ" ދައުރެކެވެ. އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި މި ދައުރުގައި ކުރިއެރީ ހަމައެކަނި ނޫސްވެރިކަމެއް ނޫނެވެ. ނޫސްވެރިންނަށް ދިން މިނިވަން ކަމުގެ ފުރުސަތުގެ ސަބަބުން ސަރުކާރަށް އޮންނަ ޕްރެޝަރުތައް ވެސް ނެތި ރާއްޖެއަށް އޭގެ ރީތި ނަން ވެސް ލިބިގެންދާ ކަމަށެވެ.

މީގެ ކުރިން ނޫސްވެރިނަށް އަދަބުދީ، ޖޫރިމަނާކޮށް، މައުލޫމާތުތައް ފޮރުވައިގެން އުޅުމުގެ ސަބަބުން ބޭރުގެ ޕްރެޝަރުތައް ސަރުކާރަށް ބޮޑުވެ އެވެ. އަދި ރާއްޖެއަށް އޭގެ ހަޑި ނަން ލިބެ އެވެ.

"ރައީސް ސޯލިހުގެ ނޫސްވެރިންނަށް ދެއްވި މިނިވަން ކަމުގައި މިހާތަނަށް ފެނިގެން މިދިޔައީ ނޫސްވެރިކަން އެކަނި ކުރިއަރައިގެން ދިޔަ ތަނެއް ނޫން، ސަރުކާރަށް ވެސް އޭގެ ފައިދާ ވެއްޖެ..." އޭނާ ވިދާޅުވި އެވެ.

ފިޔާޒު ވިދާޅުވި ގޮތުގައި ލިބުނު މިނިވަންކަމުގެ ބޭނުން ނޫސްވެރިން ރަނގަޅަށް ހިފާ މަންޒަރު ނޫސްތަކުން މިހާރު ފެނެ އެވެ. އިހަށް ވުރެ މިހާރު ޒިންމާދާރެވެ. އެކަމަކު އޭނާ ގަބޫލު ކުރައްވާ ގޮތުގައި ނޫސްވެރި ކަމަށް ކްރިއޭޓިވިޓީ އާއި އުފެއްދުންތެރިކަން އަންނަން ޖެހެ އެވެ.

"މިހާރު ނޫސްވެރިން މި ފެންނަނީ ގިނަ ފަހަރަށް ސޯޝަލް މީޑިއާއިން ފެންނަ އެއްޗެއް ރިޕޯޓްކުރާ މަންޒަރު، އެ ފެންނަ އެއްޗެއްގެ ފުނަށް ގޮސް އޭގެ ތަފްސީލް ހޯދާ މަންޒަރެއް ވަރަށް ނުފެނޭ، މުއްސަނދި ހަބަރު ހެދުމުގެ ރޫހު ވަރަށް ކުޑަ، މިހާރު އޮތް އެ ކަންނެތް ނޫސްވެރިކަން ނޫސްވެރިން ދޫކޮށްލަން އެބަޖެހޭ، ރައީސް ދެއްވި މިނިވަން ކަމުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ވެސް އެއީ،" ފިޔާޒު ވިދާޅުވި އެވެ.

ބިރެއް ނެތް، އެކަމަކު ގޮންޖެހުން އެބައޮތް

ނޫސްވެރިކަމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅަށް ނޫސްވެރިން ތަމްރީނު ކުރެވޭނެ ގޮތެއް ނެތުމެވެ. ސީނިއާ އެއް ނޫސްވެރިއަކު ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރެވޭނީ ނޫސްވެރި ކަމަށް މީހުން ބިނާ ކޮށްގެނެވެ. ސްކޫލްތަކުގައި މީޑިއާ ކްލަބްތައް ހަދައިގެން ދަރިވަރުން ޝައުގިވެރި ކުރުވައިގެނެވެ. އަދި ނޫސްވެރިންނަށް ތައުލީމާއި ތަމްރީނު ދޭނެ ރިސާޗް އިންސްޓިޓިއުޓެއް ގާއިމްވެ އެތަނަށް ރަނގަޅު ބަޖެޓެއް ދީގެނެވެ. ހުރިހާ މީޑިއަމެއްގެ ބެލެނިވެރިއެއްގެ ގޮތުގައި ތަޖުރިބާ އޮތް ރަނގަޅު މީޑީއާ ކޮމިޝަނެއް ފޯމް ވެގެނެވެ.

މިހާރު ފާޑު ކިޔުންތައް އޮންނަ މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވި ގޮތުގައި ނޫސްވެރިންގެ ތަރައްގީއަށް ކަންކަން ކުރުމަށް މީޑިއާ ކައުންސިލަށް ބަޖެޓެއް ނޯވެ އެވެ. އެކަމަކު ރައީސް ސޯލިހާއެކު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އެކަމަށް ފެހި ސިގްނަލެއް ދެއްވާފަ އެވެ.

"ނޫސްވެރިން ކުރިއަރުވަން މިވީ ދުވަސްތަކުގައި އެއްވެސް ކަމެއް ކުރެވިފައެއް ނެތް، ނޫސްވެރިން ކުރިއަށް ދާނެ ގޮތެއް ނެތް، މިހާތަނަށް ވެސް އަމިއްލަ މަސައްކަތުން ނޫސްވެރިން ހޯދި ކާމިޔާބީއެއް ހޯދީ،" އޭނާ ވިދާޅުވި އެވެ.

ފިޔާޒު ވެސް އަދި މުންޑޫ އާދަމް ހަލީމް ވެސް ގަބޫލު ކުރައްވާ ގޮތުގައި ދިވެހި ނޫސްވެރިކަން ހަރުދަނާކޮށް، ކުރިއެރުވަން ބޭނުން ނަމަ މީގެ ކުރިން އެކި ގޮތްގޮތުން ނުހައްގުން ދިން އަދަބުތަކާއި ދެއްކި ބިރުތައް ތަހުގީގުކޮށް އެކަމުގައި ޒިންމާވާ މީހުން ޖަވާބުދާރީ ކުރުވަންޖެހެ އެވެ. މީޑިއާތަކަށް ބޮޑެތި ޖޫރިމަނާތަކެއްގެ ބިރު ދެއްކި ބްރޯޑްކާސްޓިން ކޮމިޝަންގެ މިހާރުގެ މެންބަރުން ޖަވާބުދާރީ ކުރުވައި އެ މެންބަރުން މަގާމުން ވަކި ކުރަން ޖެހެ އެވެ.

"ދެން ވެސް އެ ފަރާތްތައް ބައިތިއްބައިގެން ނޫސްވެރިންނާއި ނޫސްވެރިކަމުގެ ކަންކަން އިސްލާހު ކުރެވޭނެ ކަމަށް ދެކުމަކީ ކުށް ހީއެއް." ފިޔާޒު ވިދާޅުވި އެވެ.

މަޝްހުރު ނޫސްވެރިޔަކު ވިދާޅުވި ގޮތުގައި މީޑިއާ މޮނިޓާ ކުރުމުގެ ހަރުދަނާ ނިޒާމެއް ވެސް ރާއްޖެއަށް މިހާރު މުހިންމެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ވަކިން އޮތުމުގެ ބޭނުމެއް ނެތެވެ. އަދި ވަކި އިންފޮމޭޝަން ކޮމިޝަނަރެއް އަމުދުން ބޭނުމެއް ނުވެއެވެ. އެ ތިން މުއައްސަސާ އެއްކޮށްލައި ރަނގަޅު ބަޖެޓެއްދީ، ހެޔޮ ގޮތުގައި މީޑިއާތައް މޮނީޓާ ކުރެވޭނެ އިންތިޒާމެއް ހޯދާން ޖެހެ އެވެ.

ފިޔާޒު އިތުރު ކަމެއް ވެސް ފާހަގަ ކުރައްވަ އެވެ. އެއީ ސަރުކާރުގެ ފިއްތުން ނެތް ނަމަވެސް ނޫސްވެރިންނަށް އެހެން ބިރުތައް އޮތުމެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާއިން ނޫސްވެރިންނާއި މީޑިއާތަކަށް ދައްކާ ބިރު އޭނާ ފާހަގަ ކުރެއްވި އެވެ. ގޭންގްތަކާއި ހައްދުފަހަނަ އަޅައި ދިޔުން ފަދަ ކަންކަމާ ގުޅޭ ގޮތުން ލިޔާ ނޫސްވެރިޔާއަށް އަދިވެސް ވަރަށް ބޮޑު ބިރުވެރި ކަމެއް އެބަ އޮތް ކަމަށް ފިޔާޒު ވިދާޅުވެ އެވެ.

ގޭންގަކާ ގުޅޭ ގޮތުން ލިޔެފިނަމަ ނޫސްވެރިޔާއަށް ހަމަލާދީ، މީޑިއާއަށް ގެއްލުން ނުދޭނެ ކަމުގެ އެއް ވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އެކަން ހައްލު ކުރެވޭނީ ތަހުގީގީ އިދާރާތަކުން ގުޅިގެން ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދީގެން ކަމަށް ފިޔާޒު ފާހަގަ ކުރެއްވި އެވެ.

"ނޫސްވެރިޔަކު ލިޔާ ލިޔުމެއްގެ ސަބަބުން ޝަރުއީ ދާއިރާއިން ފިޔަވަޅު އަޅާފާނެ ކަމުގެ ބިރު މިހާރު ފެންނަ މަންޒަރުތަކުން ވެސް އެބަ އޮތް... އެއެއް ނޫން މިއަދުގެ ޖުމްލަ ވާހަކައަކީ މިއަދުގެ ވާހަކައަކީ ރައީސް ނޫސްވެރިންނަށް ދެއްވި މިނިވަންކަން، އެގޭ ބޭނުން ފުރަތަމަ ހިފަންވީ، ނޫސްވެރިން އެކަމާ އުފާ ކުރަންވީ!" ފިޔާޒް ވިދާޅުވި އެވެ