ހަބަރު

އަދީބު އެނބުރި ރާއްޖެ ވަޑައިގެންފި

Jul 6, 2019
13

ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މިއަދު ހަވީރު އޭނާ ރާއްޖެ ވަޑައިގެންނެވީ އަނބިކަނބަލުން މަރިޔަމް ނަޝްވާއާއެކު އެވެ. އަދީބު ރާއްޖެ ވަޑައިގެންނެވީ ބޭސްފަރުވާއަށް އޭނާއަށް ހުއްދަ ދިން މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އަދީބު އިންޑިއާއަށް ވަޑައިގެން ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކް ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވަނީ ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލަކޯމާ އަށެވެ.

އޭގެއިތުރުން އޭނާ ވަނީ ކެންސާ ސްކްރީން ވެސް ހަދާފަ އެވެ. ހަ މަސް ފަހުން އަލުން ޑޮކްޓަރަށް ދެއްކުމަށް ވެސް އޭނާއަށް ވަނީ ލަފާ ދީފަ އެވެ.

އަދީބުގެ ސިއްހީ ހާލަތު ދަށްވެ ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރެއްވުމަށް ސަރުކާރުން ހުއްދަ ދިނުމުން ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން އުފުލި އެވެ. އަދީބުގެ މައްޗަށް ހިޔާނާތާއި ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އޭނާއަށް ފިލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ގިޔަ ބަޔަކު ބުންޏެވެ. އޭނާއަށް ފިލުމުުގެ ފުރުސަތު ނުދިނުމަށް ކަރެކްޝަންސްއާއި ފުލުހުން ވަނީ އަދީބުގެ ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބަލަހައްޓާފަ އެވެ.

އަދީބު މިހާރު ތަންފީޒު ކުރަމުން ދަނީ ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެވެ.

އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އޮތް 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. ފިސްތޯލަ ގެންގުޅު ކަމަށް ބުނާ މައްސަލާގައި އިއްވި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު ފިނިފެންމާ ލޯންޗުކޮޅު މައްސަލަ އާއި މާބިންހުރާ ހިޔާނާތުގެ މައްސަލާގެ ހުކުމް ހައިކޯޓުން ބާތިލްކޮށް އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ކުރިމިނަލް ކޯޓަށް ވަނީ އަންގާފަ އެވެ.

ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ ދެ މައްސަލަ ހިމެނޭ ގޮތަށް އަދީބުގެ 15 މައްސަލައެއް އެ ކޯޓުން ނުބަލަން ނިންމައި ބޭރުކޮށްލާފަ އެވެ. އެހެންކަމުން އަދީބުގެ އެއްވެސް މައްސަލައެއް މިވަގުތަކު އެއްވެސް ކޯޓަކު ނެތެވެ.