ކ. މާފުށީގައި ގެނބިގެން ކުއްޖަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ ހަތަރު އަހަރު ކުއްޖެކެވެ.
މާފުށީ ކައުންސިލުގެ މެންބަރަކު އަަވަސްއަށް ވިދާޅުވި ގޮތުގައި މަރުވި ކުއްޖާއަކީ އެ ރަށަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅުނު ދިވެހި ކުއްޖެކެވެ. އެ ކުއްޖާގެ އާއިލާ މަޑުކޮށްގެން ތިބީ ބީޗް ކައިރީގައި ހުރި ގެސްޓްހައުސްއެއްގަ އެވެ.
އޭނާ މޫދަށް އެރެ އުޅެނިކޮށް ގެނބިފައިވާއިރު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ މަރުވެފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.
އެ ކުއްޖާ މަރުވެފައިވާ ކަމަށް ކައުންސިލުން ބުނެފައިވީ ނަމަވެސް ސިއްހީ މަރުކަޒުން މިކަމާ ބެހޭ ގޮތެއް ބަހެއް ނުލިބެ އެވެ. ފުލުހުން ވެސް އެ ކުއްޖާ މަރުވެފައިވާކަން ޔަގީންކޮށް ނުދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަތަރު އަހަރުގެ ކުއްޖަކު ގެނބިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާތީ އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.