ރިހާކުރާ ނުލާ ދިވެހިންގެ ކެއުން ފުރިހަމައެއް ނުވާނެ އެވެ. ހެދުނު ސަޔަށް ޑިސްކާއި ރިހާކުރު، މެންދުރަށް ރިހާކުރާއި ބަތާއި ނުވަތަ ރިހާކުރު ދިޔަ އާއި ބަތާ މޮޑެލާއިގެން ހަވީރަށް ރިހާކުރާއި ބަނަހާއި ޖަހައިގެން ސައިތަށްޓެކެވެ. ދަތުރު ގޮސް މަޖާ ހަދަންވެސް ރިހާކުރު މިއީ ކޮންމެހެންވެސް ހުންނަންޖެހޭ އެއްޗެއްކެވެ.
ޒަމާން ބަދަލުވެ އަހަރުމެންގެ ކެއުން ބުއިމުގެ ވައްޓަފާޅިއަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. ޑިސްކާއި ރިހާކުރުގެ ނާސްތާއިން އޯޓްސް ކޮޅަކަށް ނާސްތާ މިހާރު ބަދަލުވެފައިވާއައިރު ދިވެހި ކެއުން މިއީ ހާއްސަ ދުވަސްތަކުގައި ކާ އެއްޗަކަށްވެ މަޑުމަޑުން މި އަންނަނީ ބަދަލުވަމުންނެވެ.
ރިހާކުރާއި މަޑުމަޑުން ދުރުވަމުން އަންނަ އިރު ރިހާކުރު ބޮނޑިއަށްވީ ގޮތް މިހާރު ނުވެސް އެނގެއެވެ. ރަށްރަށުން ރިހާކުރު ހަދައިގެން މާލޭގެ ލޯކަލް މާރުކޭޓުގައި ވިއްކަން ގެންނަ ފުޅިތަކުގައިވެސް އަދި މާލޭގައި މަސް ވިއްކާ ބޮޑެތި ތަންތަނުން ހަދާފަ ހުންނަ ރިހާކުރު ފުޅިތަކުގައި ބޮނޑި ވަރަށް މަދުން ނޫނީ ނުފެނެއެވެ. މިހާރުގެ ކުއްޖައްކަށް ރިހާކުރު ބޮނޑި މީ ކޯއްޗެއްކަން ވެސް ނޭގި ހިނގައިދާނެއެވެ.
ކުރިން ގޭގައި ރިހާކުރު ފުޅިއެއް ހުރެއްޖެއްޔާ އޭގެ އޮންނަ ބޮނޑިއަށް ގޭގެ ކުދިވެރިންގެ މެދުގައި ކޮންމެވެސް ވަރަކަށް ހިފުމެއް އޮވެއެވެ. ކާކަށްތޯ ބޮނޑި ލިބޭނީއާ މެދުއެވެ. ގިނަ ރިހާކުރުފުޅިތަކުގައި އޭރުވެސް ފެންނަނީ އެންމެ ބޮނޑިއެކެވެ. ހަރުކަމުން ހަފާނުލެވުނަސް މިއަށް ތަޅާފޮޅައެވެ.
ތ. އޮމަދޫއިން މާލެއަށް ރިހާކުރު ވިއްކާ މީހެއް ބުނި ގޮތުގައި ރިހާކުރުފުޅިއަށް ބޮނޑިލުން މިހާރު މަދުވަމުން ވަމުން ގޮސް މުޅިންހެން ކަހަލަ ގޮތަކަށް ހުއްޓިއްޖެއެވެ. މިއީ ކަސްޓަމަރުން އެދުމަކަށް ބަދަލު އައި ކަމެކެވެ. ކަސްޓަމަރުން ބުނާ ގޮތުގައި ރިހާކުރު ފުޅިއަށް ބޮނޑިލުމަކީ ފުޅީގައި ރިހާކުރު މަދުވާ ކަމެކެވެ. އެހެންވެ ކަސްޓަމަރުން އެދިގެން ނޫނީ ބޮނޑި ނުލަނީއެވެ.
ރިހާކުރު ބޮނޑި ހެދުމަކީ ވެސް އިތުރު މަސައްކަތަކަށްވެސްމެއެވެ.
"ރިހާކުރު ކެއްކުމަށް ބޭނުން ކުރާ ކަނޑުމަހާއި ކައްނެލި މަހުގެ ކަށިފަތިން މަސްކޮޅުކަހައިގެން ގުޅަ ހަދާ ގަރުދިޔަ ކައްކާއިރު ތެއްޔަށްލާ، ކައްކާ ރޯފިލުވާއިރު މަޑުކޮށް އަލުން ދުމަށީގައި ބާއްވާ ހިއްކާ ރިހާކުރު ކައްކާއިރު ތަތްވެގެން އަންނައިރު އަލުން ބޮނޑިލަނީ، ވިއްކަން ބޮނޑި ނުލިޔަސް އަމިއްލައަށް ކާން ހަދާ ރިހާކުރުގައި ބޮނޑިލާފަ ހަދަނީ ބަތްކާއިރު ކާލަން މީރުކަމުން،"
މަސްވެރިކަން ރަނގަޅު ގިނަ ރަށްރަށުން ރިހާކުރު ހަދައިގެން މާލެ ގެނެސް ވިއްކާއިރު ރިހާކުރުގެ ކޮލީޓީ އެކި މީހުން ބަލަނީ އެކި ގޮތަށެވެ. ބައެއް މީހުން ކޮލިޓީ ބަލަނީ އޭގައި ތަތްކަން ހުންނަ މިންވަރަށެވެ. އަދި އަނެއް ބަޔަކު އޭގައި ބޮނޑިއެއް އޮތިއްޔާ ރިހާކުރުގެ ކޮލިޓީ ރަނގަޅުވާނެ ކަމެކެވެ. ގަންނައިރު ރިހާކުރުގައި ބޮނޑިއެއް އޮތުމުން އެއީ ގިނަ މަހުން ކައްކާފައި ހުރި ރިހާކުރެއް ކަމަށް ބުނެއެވެ.
އެއް ކަމެއް އެބައޮތެވެ. ރިހާކުރު ފުޅީގައި ބޮނޑިއެއް އޮތަސް ނެތަސް ރިހާކުރާއި ކާލާ ފަހަރުން ގަދަޔަށް ގަޔާވެގެން ކެއުމަކީ އާއްމުކަމެކެވެ.