މެސީ

ރަތްކާޑު ދެއްކުމުން މެޑަލް ބަލާވެސް މެސީ ނުދިޔަ

ކޮޕާ އެމެރިކާގެ ތިން ވަނަ ހޮވި މެޗުގައި، ޗިލީއާ ދެކޮޅަށް ކުޅުނު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލަ މެސީއަށް ރަތްކާޑު ދެއްކުމުން، ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި ބްރޮންޒް މެޑަލްއާ ހަވާލުވާން މެސީ ދެކޮޅު ހަދައިފި އެވެ. އާޖެންޓީނާއިން މެޗު ކާމިޔާބު ކުރީ 2-1 އިންނެވެ.

މެޗުގެ 37 ވަނަ މިނެޓްގައި މެސީ އަށް ރަތް ކާޑު ދެއްކީ، ޗިލީގެ ޑިފެންޑަރު ގަރީ މެޑެލްއާ ދެކުޅުންތެރިންގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގަ އެވެ. ރެފްރީ ވަނީ މެޑެލްއަށްވެސް ރަތް ކާޑު ދައްކާފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، މެޑަލް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރުމުގެ ތެރޭގައި މެސީ ވަނީ މެޑެލް ބުރަކަށީގައި އަތުން ކޮށްޕާލާފަ އެވެ. އެކަމާ ހިތްހަމަނުޖެހި މެޑެލް ވަނީ މެސީގެ ގައިގައި ތަކުރާރުކޮށް ޖެހިގެންފަ އެވެ. މައްސަލަ ހައްލު ކުރުމަށްޓަކައި މެޗުގެ ރެފްރީ، ޕެރަގުއޭގެ މާރިއޯ އަލްބާޓޯ ޑިއަޒް ދެ ކުޅުންތެރިންނަށްވެސް ދެއްކީ ރަތް ކާޑެވެ.

އޭރު އާޖެންޓީނާއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ. އާޖެންޓީނާގެ ފުރަތަމަ ލަނޑު ސާޖިއޯ އަގުއޭރޯ ކާމިޔާބު ކުރީ، މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު ޖިއޮވާނީ ލޮސެލްސޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ، ޕައުލޯ ޑިބާލާ އެވެ. ޗިލީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުން ވިޑާލް އެވެ.

މެސީ ވަނީ މެޗަށް ފަހު މުބާރާތުގެ ރެފްރީންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އޭނާ ބުނީ ރެފްރީންގެ ކަންކަމުގައި ބައިވަރު ކޮރަޕްޝަންގެ ކަންތައްތަކެއް އެކުލެވޭ ކަމަށެވެ.

"އަހަރެމެން ގައުމަށް މިދަނީ ރެފްރީން އަހަރެމެން ފައިނަލަށް ދިޔަ ނުދޭންވެގެން މަސައްކަތް ކުރިކަން އިހްސާސް ކުރަމުން." މެޗަށް ފަހު މެސީ ބުންޏެވެ.