ހަބަރު

އިފުރު އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ރ. އިފުރު އެއާޕޯޓުން ދަތުރުކުރާ ފަތުރުވެރިންގެ އަތުން އެކި ފަހަރު މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތައް ނައްތާލައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެ ތަކެތި ނައްތާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ގޯތި ތެރޭގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 175 ބަނގުރާ ފުޅިއާއި 112 ބިޔަރު ދަޅެވެ.

އެ ތަކެއްޗަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިފުރު އެއާޕޯޓުން އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

އުނގޫފާރު ޕޮލިސް ސްޓޭޝަނުން ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލު ކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެ ކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.