ދުނިޔެ

ތެޔޮ ޓޭންކަރު ހިފެހެއްޓުމުން އިރާނުގެ ވަރުގަދަ އިންޒާރެއް ޔޫކޭ އަށް

އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން އިރާންގެ ތެޔޮ ޓޭންކަރު ހިފެހެއްޓުމުން އެކަމުގެ ރައްދުގައި އިރާނުން ދޭނެ ޖަވާބާމެދު އިނގިރޭސިވިލާތް ބިރުގަންނަން ޖެހޭކަމަށް އިރާނުން ބުނެފި އެވެ.

ތެޔޮ ޓޭންކަރު ހިފެހެއްޓުމާއި ގުޅިގެން އިރާންގެ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ މެމްބަރެއް ކަމަށްވާ މުހައްމަދު އަލީ މޫސަވީ، ވިދާޅުވީ، އިނގިރޭސިވިލާތުން އެގައުމުގެ ތެޔޮ ޓޭންކަރު ގަވާއިދާ ހިލާފަށް ހިފެހެއްޓުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އިރާނަކީ ހަނު ހުންނާނެ ގައުމެއް ނޫންކަން އެމެރިކާގެ ޑްރޯންތަކަށް ދިން ހަމަލާއިން ދުނިޔެއަށް އެނގިގެން ދިޔަ ކަމަށް މޫސަވީ ވިދާޅުވި އެވެ.

"މި ބުނަނީ އިރާނުގެ ތެޔޮ ޓޭންކަރު ގަވާއިދާ ހިލާފަށް އިނގިރޭސިވިލާތުން ހިފެހެއްޓުމުން އިރާނުން ދޭނެ ރައްދާމެދު ބިރު ގަންނަން ޖެހޭ، އެމެރިކާގެ ޑްރޯންތަކަށް ދިން ހަމަލާއިންވެސް އިރާނަކީ ހަނު ނުހުންނަ ގައުމެއްކަން ދުނިޔެއަށް ވަނީ އެނގިފައި" އަލީ މޫސަވީ ވިދާޅުވި އެވެ.

އިރާންގެ ތެޔޮ ޓޭންކަރު "ގްރޭސް 1 " ހިފަހައްޓާފައިވަނީ ސީރިޔާއަށް ތެޔޮ ހިފައިގެން ދަނިކޮށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ ސްޕޯކްސް ޕާސަން ތެޔޮ ޓޭންކަރުގެ މައުލޫމާތު މީޑިއާތަކަށް ދެއްވަމުން ވިދާޅުވީ، އެއިން ދަތުރުކުރަމުން ދިޔައީ 28 ފަޅުވެރިން ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ، ޕާކިސްތާން އަދި ޔޫކްރެއިންގެ ރައްޔިތުންނެވެ. އަދި މި މީހުންގެ ބަންދަށް 14 ދުވަސް އިތުރުކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިރާނުން ވަނީ ސައުދީ އަރަބިއްޔާއިން ވެސް އެގައުމުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އިރާނުން ބުނީ ސައުދީން ހިފަހައްޓާފައިވާ ތެޔޮ ޓޭންކަރަކީ އިންޖީނު މައްސަލަ ޖެހި އޮޔާ ބެހިގެން ދަނިކޮށް ހިފަހައްޓާފައިވާ ޓޭންކަރެއް ކަމަށެވެ.