ހަބަރު

މަހިބަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

Jul 7, 2019

އދ. މަހިބަދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މަހިބަދޫ ޕޮލިސް ސްޓޭޝަނުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ އުމުރުން 32 އަހަރުގެ ފިރިހެނަކު މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އެމީހާ ހުއްޓުވި ވަގުތު އަތުގައި އޮތް ކޮތަޅެއް ވަނީ އެއްލާލާފަ އެވެ. އެމީހާގެ ހާޒިރުގައި އެކޮތަޅު ބަލާފާސްކުރިއިރު، އެކޮތަޅު ތެރޭގައި އޮތް ދަވާދު ދަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.