ކުޅިވަރު

އިކާޑީ އާއި ނެންގޯލާން ޓީމު ދޫކޮށްލަން އަންގައިފި

އިންޓަ މިލާންގެ ފޯވަޑް މައުރޯ އިކާޑީ އާއި މިޑްފީލްޑަރު ރަޖާ ނެންގޯލާން، އަންނަ ސީޒަންގައި ޓީމު ޕްލޭންގައި ނުހިމެނޭނެ ކަމަށް އެ ކުޅުންތެރިންނަށް އިންޓައިން އަންގައިފި އެވެ.

ސްކައި ސްޕޯޓްސް އިޓަލިއާގައި ވާހަކަ ދައްކަމުން އިންޓަގެ ޗީފް އެގްޒެކެޓިވް ޖުސެއްޕޭ މަރޯޓާ ބުނީ، އިހްތިރާމާއެކު އެ ކުޅުންތެރިންނަށް އަންގާފައި ވާނެ ކަމަށާއި އެ ކުޅުންތެރިންނަށް ޓީމު ދޫކޮށް ދިއުމުގައި މިހާރު ހުރަހެއް ނެތް ކަމަށެވެ.

"އެ މީހުން އަހަރެމެންގެ ޕްލޭންގައި ނުހިމެނޭނެ،" ޖުސެއްޕޭ ބުންޏެވެ. "އަހަރެމެން މިހާރުވެސް އެ ދެކުޅުންތެރިންނާ އިހްތިރާމާއެކު އެ ވާހަކަ ދައްކައިފިން."

އިކާޑީ އަކީ އިންޓަގެ ކުރިގެ ކެޕްޓަނެވެ. އެހެންނަމަވެސް މިދިޔަ ސީޒަންގައި އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމަށް އޭރު އިންޓަގެ ކޯޗްގެ މަގާމުގައި ހުރި، ލުޗާނާ ސްޕަލޭޓީ ނިންމި އެވެ. ސްޕަލޭޓީގެ ބަދަލުގައި، އިންޓަގެ ކޯޗް ކަމާ އެންޓޯނިއޯ ކޮންޓޭ ހަވާލުވެ އޭނާ ވަނީ އިކާޑީއަށް ފުރުސަތު ނެތް ކަމަށް އަންގާފަ އެވެ.

މިދިޔަ ސީޒަންގައި، ރޯމާއިން އިންޓައަށް ބަދަލުވި ނެންގޯލާން އަށް އަނިޔާގެ ސަބަބުން އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.