ވާހަކަ

އީޝަލް

(4 ޖުލައި 2019 އާ ގުޅޭ)

"އީޝަލް... އީޝަލްތަ؟" އަޖައިބުވެފައި ހުރި ޒިޔަޒެލްއަށް ބުނެލެވުނެވެ. ކުރިމަތީހުރީ އެންމެ ޖިންނިއެކެވެ. ނަމަވެސް އޭނާގެ ބާރު އަންދާޒާ ވެސް ނުކުރެވެއެވެ.

"ތީ ކާކު؟" ލުގަލްބަންދާ ކުރިއަށް ޖެހިލައި އެއްސެވެ.

"ކަލޭ ސަމާސާ ކުރަނީތަ؟ އަހަރެމެންގެ ކުރީގެ ސާހިބު ޤަލްބީގެ މަތިން ހަނދާންނެތުނީތަ؟ އަރްފަޒާދު!... ކަލެއަށް މުސްކުޅި ބަލި ޖެހުނީތަ؟ އެކަމަކު ކަލޭ ކުރިއަށްވުރެ ބާރުގަދަވެއްޖެ، މިފަހަރުގެ ސާހިބު ޤަލްބީއަށްވުރެ ވެސް ކުޅަދާނައީތަ؟ ދެން ޅަކުއްޖަކު ރޯހެން އޭނާ އެ ރޮނީ ކީއްވެތަ؟" ލުގަލްބަންދާއަށް ބަލަން ހުރި ޖިންނި ޒާތަކަށް ހީނގެންފައި ބުންޏެވެ.

"އަރް... އަރްފަޒާދު... އޭނާ... އޭނާ އެނގެނީ ކިހިނެއް؟ ކަލޭތީ ކާކު؟ މިތަނަށް ފޮނުވައިގެންތަ ތިއައީ؟... ކޮބާ ބޭނުމަކީ؟" ލުގަލްބަންދާއަށް ދުވަހުވެސް ނުލިބޭހާ ސިހުން ލިބިއްޖެއެވެ. އެ ޖިންނި އަރުފަޒާދުގެ ނަން ބުނުމުންނެވެ.

"ތީ... އަރްފަޒާދެއްނޫންތަ؟..." މިފަހަރު އެ ތަނަށް ހާޒިރުވެ ހުރި ޖިންނިއަށް ވެސް ހައިރާންކަމެއް ލިބުނެވެ. ފަރުވާތެރިކަމާއެކު ލުގަލްބަންދާއަށް ބަލަން ހުރެފައި އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

"އަހަރެންނަށް އެންމެފަހުން ގޮވާލެވުނުތާ ދެހާސް އަހަރުވެއްޖެ، ތިޔައީ އަރްފަޒާދެއްނޫންތާ... އޭނާނަމަ އެނގޭނެ އަހަރެންމީ ކާކުކަން؟ އަހަރެމެންނަށް ގޮވާނުލަނީސް ފާޅުވުމުގެ ހުއްދަ ލިބިގެނެއްނުވާކަން، އަހަރެމެން އުފެދުނީ އެފަދައިން، އަހަރެމެންގެ ތެރެއިން ސިއްރުތަކަށް ގޮވާލާނޭ ޖިންނިއަކު ފާޅުވުމުން ނޫނީ އަހަރެންނަށް މިނިވަންކަމެއްނުލިބޭނެ، އަހަރެންގެ ވަޒީފާއަކީ އޭނާއަށް ކިޔަމަންވުން، އަދި އަހަރެންގެ ބާރާއި ކުޅަދާނަކަން އޭނާގެ އެއްޗަކަށްވެދޭ، އަހަރެންނަށް އެއީ މިނިވަންކަމަށް ވިޔަސް އެހެން ޖިންނީންގެ ނަޒަރުގައި އަހަރެންނަކީ ސާހިބެއްގެ ވަށައިގެން އުޅޭ ވަފާތެރި އަޅު ކުއްތާއެއް ފަދަ.... އޭތް! ކަލޭގެ ރައްކާތެރިކަން އެމީހަކަށްދޭ ކަލޭ ބޯލަނބާ ސާހިބަށް ގޮވާބަލަ، އަހަރެންނަށް މިތަނަށް އަންނަން އެނގުނީ އޭނާ ގޮވާލުމުން، އަހަރެންގެ ސާހިބުގެ ދުލުން އަހަރެންގެ ނަން ފުރަތަމަ ކިޔާނެ، އޭރުން އެނގޭނެ އަހަރެންމީ ކާކުކަން؟ ކަލޭ ނުގޮވާނަމަ އަހަރެން އޭނާގެ ކުރިމައްޗަށް ހިނގައިދާނަން، އެހުރި ބެރެބެދި ގަސް ތެރޭގައި އޭނާ އެބަހުރި، ކަލެއަށް އެނގޭނެ އަހަރެމެން ދެ މީހުން ކުރިމަތިލައިގެން އެކަކަށް ވެސް ކުރިއެއްނުލިބޭނެކަން" އެ ޖިންނި އެ ދައްކަނީ ކާކުގެ ވާހަކަކަން ލުގަލްބަންދާއަށް އެނގުނެވެ. އެއާއެކު އޭނާގެ ބައްޕަ ކިޔައިދީފައިވާ ވާހަކަތަކުގެ ހަޤީޤަތް ލުގަލްބަންދާއަށް ސާފުވެއްޖެއެވެ.

"ކަލޭ ތިހުރިތަނުން އެންމެތަންފުކެއް ވެސް ކުރިއަށް ނުޖެހޭތި؟" އިންޒާރެއް ފަދައިން ލުގަލްބަންދާ ބުންޏެވެ. އެއާއެކު އެދިމާ މަތީގައި ވާހުތެރޭ ހުއްޓިލައިގެން ހުރި ޖިންނި ހީގަތެވެ. ނުރުހުމުގެ އަޑެއް އަރުތެރެއިން ލައްވާލުމަށްފަހު ލުގަލްބަންދާ އެނބުރިލީ ބެރެބެދިގަހާ ދިމާއަށެވެ.

އީޝަލްގެ ކޮޓަރި ކައިރިއަށް އައިސް ލުގަލްބަންދާ ސަލާމް ގޮވާލިއެވެ. އެތެރެއަށް ވަނުމުގެ ހުއްދައަކަށް އޭނާ އެދުނެވެ. އެ ކޮޓަރީގައި އީޝަލް އިންކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދިނެވެ. ތިންފަހަރު މަތިން ލުގަލްބަންދާ ހުއްދައަށް އެދި ގޮވާލިއެވެ. އީޝަލް އަނގައިން ނުބުންޏެވެ. އީޝަލް ހޯދުމަށް ޖިންނިއަކު އައިސް ހުރި ކަމުގެ ޚަބަރު ލުގަލްބަންދާ ދިނެވެ. އޭނާ އައިސް ހުރީ އީޝަލް ގޮވާލުމުން ކަމުގައި ލުގަލްބަންދާ ބުންޏެވެ.

"ކާކު؟" އީޝަލް ކުއްލިއަކަށް ސުވާލުކުރިއެވެ. އެއާއެކު އެމީހުންގެ ތެރެއަށް އައިސް ހުރި ޖިންނީގެ ޚަބަރު ލުގަލްބަންދާ އޮޅުންފިލުވައިދިނެވެ. އީޝަލް އެއްޗެކޭ ނުބުނި ނަމަވެސް ލުގަލްބަންދާގެ ތޫނު ކަންފަތައް އީޝަލްގެ ހިލަންވިއެވެ. އޭނާ ކޮޓަރިން ނުކުންނަން އަންނަކަން އެނގި ދޮރުމަތިން އެއްފަރާތަށް ލުގަލްބަންދާ ޖެހިލިއެވެ.

"އެމީހެއްގެ ގާތަށް އަހަރެން ގެންގޮސްދީބަލަ" ކޮޓަރިން ނުކުތް އީޝަލް ބުންޏެވެ. ހަތަރުކަޅި ބައްދަލުވި ހިނދު އީޝަލްގެ މިލާފައިވާ މޫނު ފެނި ލުގަލްބަންދާގެ ހިތުގައި ރިހިލިއެވެ. އުފާވެރިކަމުގެ ހިނިތުންވުން ފަނޑުނުވެ ފެންނަން ހުންނަ މޫނު މިހާރު ފެނުމުން ހީވަނީ ދުވަހަކުވެސް އުފާވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް އިޙްސާސް ކުރެވިފައިނުވާ މީހެއްގެ މޫނު ހެނެވެ. ދެ ލޮލުގައިވާ ވިދުމަކީ ހިފެހެއްޓިފައި ހުރި ކަރުނައިން ފާޅުވޭވޭ ހުރި ދަޅައެކެވެ. އޭގައި ދިރުމެއްނެތެވެ. މިނޫނީ އީޝަލް ގޮތްހުސްވެފައި މީހަކު ފަދައިން ލުގަލްބަންދާއަށް ސިފަކުރެވިފައެއްނުވެއެވެ. މަޑު ހިނގުމުގައި ލުގަލްބަންދާގެ ފަހަތުން ކަހަލަ ގޮތަކަށް އީޝަލް އާދެއެވެ.

"ކޮންތާކަށް؟... ކާކުތަ އައީ؟ ކިހިނެއްތަވެގެން މިއުޅެނީ؟" ކަންބޮޑުވުމާއެކު ބަހީރާއަށް ބުނެވުނެވެ.

"ކަންބޮޑުނުވޭ މާމާ، އަޅުގަނޑާ ބައްދަލުކުރަން އައިސް ހުރި ޖިންނިއެއް، ނުރައްކަލެއް އޮތްނަމަ މިހާރު ހުރިހާކަމެއް ނިމިއްޖައީސް" އީޝަލް ބުނެލިއެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ބަލަން ހުރި ބަލްޤިސް އައިސް ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ.

"ލުގަލް!... މަގުދައްކާ... އަހަރެންނާއެކު އީޝަލް ނުކުންނާނީ" ބަލްޤިސް ބުންޏެވެ. އެކަމާ އީޝަލް ދެކޮޅެއް ނުހެދިއެވެ.

ލުގަލްބަންދާ ކުރިއަށް ހުރެ އޭނާގެ ފަހަތުން އީޝަލް ގޮވައިގެން ބަލްޤިސް އަންނާތީ އެންމެނަށް ފެނުނެވެ. ޖޫދާއާއި މީކާޢިލްއަށް ކުރިއަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު އައިޒަން އެ ދެމީހުން ހުއްޓުވިއެވެ. މަޑުކުރުމަށް ނަސޭޙަތްތެރިވިއެވެ. ކަންބޮޑުވުމާއި ހާސްކަމުގެ ނަޒަރެއް އައިޒަންއާ އެ ދެ މީހުން ބަދަލުކޮށްލިއެވެ.

"އޭނާއާ ކުރިމައްޗެއްނުލެވޭނެ..." ވައިއަޑުން އައިޒަންގެ ގާތުގައި ހުރި ބިންޏާމީން ބުނެލިއެވެ. އެކަމާ އެއްބަސްވަމުން އައިޒަން ބޯޖަހާލިއެވެ.

"އަހަރެން ކުޑައިރު މާލިކުބޭބެގެ ކާފަ އޭނާގެ ވާހަކަ ކިޔައިދޭއަޑުއަހަން، އެންމެން ވެސް ޤަބޫލުކުރަނީ އެއީ ފުލޯކު ވާހަކައެއްކަމަށް، ކުޑަކުދީންގެ ހިތް ރުއްސަން ކިޔައި އުޅުނު ވާހަކައެއް، ތިންތާޖުގެ ވެރި ޖިންނިއަކު ދުށް އެކަކު ވެސް ނޫޅޭ، އެކަމަކު އެ ވާހަކަތަކުގެ ހަޤީޤަތް މިއަދު އަހަރެން ދުނިޔޭގައި ހުއްޓާ ފާޅުވެ އެނގިއްޖެ... އެފަދަ ގަދަފަދަކަމެއް އަހަރެންގެ ހަޔާތުން ވެސް ނުދެކެން" އަޖައިބުވެ އަންތަރީސްވެފައި ހުރި ބިންޏާމީން ބުންޏެވެ.

"އޭނާއަށް ގޮވާލީ އެކުއްޖާފުޅު... މީކާޢިލް!... އެކުއްޖާފުޅު ކަމަކަށް ގޮވައިލައިފިނަމަ އޭނާގެ ވެރިއިލާހުގެ ބާރުގައި އެކަމަށް ހުރަސް އަޅާނޭ ޖިންނިއަކު ނުވާނެކަން ކަޝަވަރު، އައިޒަން!... ކަލޭގެ ރަސްކަން ގުޑުވައިނުލެވޭނޭވަރުގެ ބާރެއް މިފާޅުވީ، އަނިޔާވެރީންގެ މައްޗަށް އޭނާ ނިމުން ގެންނާނޭކަން ޔަގީން" ހިނިތުންވެލައިގެން ހުރި ޒިޔަޒެލް ވާހަކަދެއްކިއެވެ.

"ނޫން!... މި ހުރިހާކަމެއްގެ ސަބަބުން އެ ދަރިފުޅުގެ މަޢުސޫމްކަން ގެއްލިދާނެ، އެ ހިތުގެ ސާފުކަން ކިލަނބުވެދާނެ، ބާރުގެ ސަބަބުން އިންސާފުވެރިކަން އޮޅި ބުއްދީގެ ތޫނުކަން ކޮށިވެދާނެ، އަހަރެންގެ ދަރިފުޅުގެ ނިމުން ލަޢުނަތްލެއްވުނު މީހުން ފަދައިންވާތަން ދުށުމަށް ކެތެއްނުކުރެވޭނެ، މީ އޭނާއަށް ހުރި ހަލަކާކަށް ވެސް ވެދާނެ" ކުރިއަށް ހިނގަމުން އަންނަ އީޝަލްއަށް ނަޒަރު ހުއްޓާލައިގެން ހުރެ މީކާޢިލް ބުނެލިއެވެ.

"ތިހެން ހީނުކުރޭ މީކާޢިލް" މީކާޢިލްގެ ކަނާއަތް ފަރާތުން ކޮނޑުގައި ޒިޔަޒެލް އަތްޖައްސާލިއެވެ.

އެންމެން ހިމޭންވީ އީޝަލް މަޑުޖެހުމުންނެވެ. އޭނާގެ ވައަތްފަރާތުގައި ލުގަލްބަންދާ ހުރިއިރު އަނެއްފާރާތުގައި އޭނާ ގާތްކޮށްލައިގެން ބަލްޤިސް ހުއްޓެވެ. ވާހުގައި ހުރި ޖިންނިއަށް ފަރުވާތެރިކަމާއެކު އީޝަލް ބަލާލިއެވެ. އޭނާގެ ފުށުން ފާޅުވަނީ ފިރިހެނެއްގެ ސޫރައެވެ. ބޮލުގެ އިސްތަށިގަނޑު ކަޅުވެފައި ކުރުނަމަވެސް ނިތްކުރިމައްޗަށް ވެއްޓިފައި އޮތްބައި ދިގެވެ. އެކަމުގެ ސަބަބުން އޭނާގެ ނިތްކުރިއާއި ދެ ލޯ ފާޅެއްނުވެއެވެ. ދެއަތުގެ ކުޑަހުޅާ ހިސާބުގައި ކަޅުވެފައިވާ ނިޝާނެއް ފެންނަން ހުއްޓެވެ. އުނަގަނޑުން މަތި ހަށިގަނޑުގެ ހާމައަށް އޮތްއިރު ކަނާއަތުގެ ކޮނޑުހުޅާއި ދިމާގައި ލޮއިގެ ދަހަނާއެއް އަޅާފައި ވިއެވެ. އުނަގަނޑުން ތިރީގައި އަނދެފައި ހުރި ކަޅު ކުލައިގެ ފޭލި ދިގުވެފައި އޭގެ ދަށުން އޭނާގެ ފައެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ ވަޔާއެކު ބަދަލުވާ ދުމުގެ ރޮނގުތަކެއް ފަދައިން ފޭދިފައި ވާތަނެވެ. ފޭލީގެ މަތިން ލޮއިގެ ފުއްތަކެއް ބޮޅުތަކުގައި އަމުނައި ތަފާތުގޮތަކަށް ފަރުމާކޮށް އެކުލަވާލާފައިވާ ގަހަނާ ފާޑު އެއްޗެއް އުނަގަނޑުގައި އަޅާފައި ހުއްޓެވެ. ހީވާގޮތުން އެއީ ޒީނަތްތެރިވުމުގެ ގޮތުން އަޅާފައި ހުރި އެއްޗެކެވެ. ކުރިމައްޗަށް ހިމަދިގުކޮށް ބައެއް އެލިފައި އޮތެވެ. އެންމެ އަޖައިބު ކުރުވަނިވި ކަމަކަށް އޭނާގެ ކިބައިން ފާޅުވާން ހުރީ އުފުލުވިފައިވި ރަނުގެ ތިން ތާޖެވެ. ވައަތު ކޮނޑުގެ މަތީ އެއްވެސް ތާކު ޖެހުމެއްނެތި އުފުލިފައި އެއް ތާޖު ހުއްޓެވެ. ދެން ހުރި ތާޖު ހުރީ ކަނާއަތުގެ ކޮނޑާ ދިމާ މަތީގައި އުފުލިފައެވެ. އެ ތާޖުވަނީ ވައަތުގައިވާ ތާޖަށްވުރެ އުހުގައެވެ. ތިންވަނަ ތާޖު ހުރީ އޭނާގެ ބޯމަތީގައެވެ. ބޮލުގައި ނުޖެހި މައްޗަށް އުފުލިފައެވެ. ވައަތުގެ ތާޖުވަނީ ވައަތަށް އަރިއަޅާލާފައެވެ. ހަމައެގޮތަށް ކަނާއަތުގައި ހުރި ތާޖުވަނީ އެ ފަޅިއަށް އަރިވެފައެވެ.

"ތީ... ތީ އަދި ޅަކުއްޖެއްނު، ފިރިހެނެއް ވެސް ނޫން... އެހެންވިޔަސް އަހަރެންނަށް ގޮވާލަނީ ކަލޭކަން އެނގޭ، ތި އަޑު އަދިވެސް އެބައިވޭ" ބަސްހުއްޓިފައި އިރުކޮޅަކު އީޝަލްއަށް ބަލަން ހުރެފައި އެ ޖިންނި ބުންޏެވެ.

"އަހަރެން އިސްއިފުލައި ކަލެއާ ވާހަކަދައްކަން ތީ ކާކު؟" ވާހުގައި ހުރި ޖިންނިއަށް އިސްއުފުލައި ނުބަލަން ހުރި އީޝަލް ބުންޏެވެ. އެހިނދު މަޑުމަޑުން އެ ޖިންނި ބިމަށް ފައިބައިފިއެވެ. އަޖައިބުވެފައި ބަލަން ހުއްޓެވެ. ޤަބޫލުކުރަން ދަތި މަންޒަރެއް ލޯކުރިމަތިން ސިފަވާތީ ކަހަލައެވެ.

"ކީއްވެތަ އަހަރެން ގޮވިއޭ ބުނީ؟ އަހަރެން އެކަކަށް ވެސް ނުގޮވަން" އީޝަލް ބުންޏެވެ.

"ކުއްޖާފުޅާ، ކަލެއަށް ބޮޑު މުސީބާތެއް ކުރިމަތިވެއްޖެކަން ޔަގީން، ހޭހުރެ ގޮވާމީހަކު ފަދައަކުންނޫން ކަލޭ ތިގޮވަނީ، މިވަނީ ކިހިނެއްކަމެއް ކަލެއަށް ނޭނގޭކަން އެނގޭ، ކަލޭގެ ނަފްސު ކަލޭގެ ޟަމީރަށް އެއްބާރުލުންދީފި، ކަލޭގެ ހިތުގެ އިޙްސާސްތައް އެކަމަށް ގޮވާލަނީ... ބޭއިޚްތިޔާރުގައި، ކަލޭގެ ރުއިމުގެ އަޑު އަހަރެންގެ ހިލިހިލާތައް ބުރިބުރިކުރީ، އެހިނދު އަހަރެންގެ ސާހިބު ފާޅުވެއްޖެކަން ޔަގީންވި، މިތަނަށް އަހަރެން އައުމަށް މަޖުބޫރުކުރި... އަހަރެންނަށް މަގުދެއްކި، އަހަރެން މިހުރީ އައިސް، ކޮންކަމާތަ ކަލޭ ތި ރޮނީ؟ މަދަދުގާރަކަށް އެދި ކަލޭ ތި ގޮވަނީ އަމިއްލަ ބާރު ނޭނގޭތީކަން ޔަގީން" ކުރިމަތީ ހުއްޓިހުރެ އެ ޖިންނި ވާހަކަދެއްކިއެވެ. ބަލްޤިސްއަށް ބަލާލެވުނީ އީޝަލްއަށެވެ. އީޝަލްގެ ނަފްސު ރޯއަޑު އޭނާއަށް ނީވެނީ ކީއްވެގެންބާއޭ ސުވާލު އުފެދުނެވެ. އިހުނަށްވުރެ ގަޔާ ކައިރިކޮށްލީ ހިތަށް ކުރި އަސަރުންނެވެ. ނަމަވެސް މަޑުމަޑުން ބަލްޤިސްއާ ދުރަށް އީޝަލް ޖެހިލިއެވެ. މަޢުނަވީ ބެލުމަކުން ބަލްޤިސްއަށް ބަލާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.

އީޝަލްއާއެކު ލުގަލްބަންދާ އައެވެ. އޭނާ ހުރީ ސަމާލުވެއެވެ. އީޝަލްއާ ގުޅުވައި އެ ޖިންނި އެ ދެއްކިވާހަކަތަކުގައިވަނީ ކީކޭކަން ހިސާބަކަށް ލުގަލްބަންދާއަށް ފަހުމްވިއެވެ. އީޝަލްއަށް އޭނާގެ ބާރަކީ ކޮބައިކަން އެނގެންދެން ލުގަލްބަންދާ މަޑުކުރަމުން އައީ އެހެންވެއެވެ. ނަމަވެސް އެވަގުތު ޖެހުނީ ހީނުކުރާ ކަހަލަ ގޮތަކަށެވެ. އީޝަލް ގޮވާލާނީ ކާކަށްކަމެއް ޚުދު ލުގަލްބަންދާއަކަށް ވެސް ނޭނގެއެވެ. އޭނާގެ ބައްޕައަކީ އީޝަލް ފަދައިން ސިއްރުތަކުގެ ތެރޭގައިވާ އެންމެ ބާރުގަދަ ޖިންނީންނަށް ގޮވާލި ފަރާތުގެ ހަށިފާރަވެރިޔާއެވެ. އެމީހަކީ ޤަލްބީއެވެ. އަދި އަރްފަޒާދުއަކީ ލުގަލްބަންދާގެ ބައްޕައެވެ. އޭނާއަށް ގޮވާލެވޭ ހިނދު އޭނާގެ ނަފްސު އެމީހަކަށް ކިޔަމަންވުމަށް ޟަމީރު ގޮވާލައިފިމީހަކަށް ބޯލަނބަން އޭނާގެ ބައްޕަ ތަކުރާރުކޮށްވަނީ ބުނެފައެވެ. އެވާހަކަތައް އޭނާ ހަނދާންހުންނަނީ ކިރިޔާއެވެ. އެހަނދާންތައް އާވެގެންދިޔަ ސަބަބަކީ އީޝަލްއާ ބައްދަލުވި ބައްދަލުވުމެވެ. އޭރު އެއީ އެންމެ ބާރަ އަހަރުގެ ކުޑަކުއްޖެކެވެ. ނަމަވެސް މިހާރު އެ އަންހެންކުއްޖާ ޅަކަމުގެ ތޮށިން ނުކުމެ ހުރިހާ ގޮތަކުން ފުރިހަމަ ރާނީއަކަށް ވެއްޖެއެވެ.

ކުރިމަތީ ހުރި ޖިންނިއާ ދާދި ގާތުގައި އީޝަލް މަޑުކޮށްލުމާއެކު ކުރިއަށް ނެރިލި ކަނާއަތް އޭނާގެ ކޯތާފަތުގައި ޖައްސާލިއެވެ. އެހިނދު އެ ޖިންނީގެ އަނގައިން މަޑު އާހެއްނުކުތެވެ. ކޯތާފަތުގައިވި އީޝަލްގެ އަތްތިލާގައި އަތްޖައްސާލުމާއެކު އޭނާގެ ކުރިމަތީ ދެކަކޫ މައްޗަށް ތިރިވިއެވެ. އެ ދެ ލޯ ފެންކަޅިވެ ކަރުނަ އޮހެރެން ފެށިއެވެ. އެ ބީހިލުމުން އީޝަލްގެ ނަފްސު މުޅިން އެހެން އާލަމަކަށް ދަތުރުކުރި ފަދައެވެ. އޭނާއަށް ނޭނގޭ އެތައްކަމެއްގެ ޢިލްމު ކުއްލިއަކަށް ލިބިގެންދިޔައެވެ. ހަނދާންނެތިފައި ހުރި ކަމެއް ހަނދާނަށް އައި ފަދައަކުންނެވެ. ބަޔާންކުރަން ދަތި ޔަގީންކަމާއި ބާރުވެރިކަމެއް ނަފްސަށް ލިބިގެންދިޔައެވެ.

"ވައިސިންނީ" އީޝަލް ދެތުންފަތުން ބޭރުވެގެންދިޔައެވެ.

"ލައްބަ!... ތިޔައީ އަހަރެންގެ ރާނީ، އަހަރެންގެ ސާހިބާ، މިއަދުން ފެށިގެން ސާހިބާގެ ފަހުނޭވާޔާ ހަމައަށް މި ވައިސިންނީއަކީ ކަމަނާގެ ވަފާތެރިއަޅެއް، އަހަރެންގެ ހުރިހާ ބާރެއްވަނީ ސާހިބާގެ މުށުތެރޭ، ތި އިނގިލިތަކުގެ އިޝާރާތަކަށް ބަލަބަލާ، ބަސްއިއްވުމުން އެންމެ ހިނދުކޮޅެއް ވެސް ލަހެއްނުވާނެ... ހިތާމަނުކުރޭ، ރުއިން ހުއްޓާލާ... ފޮތުގެވެރިޔާއަށް ގޮވާލާ، އަހަރެމެން ތިންމީހުންވަނީ ކަމަނާގެ ޚިދުމަތުގައި، ސާހިބާގެ މައްޗަށް އަނިޔާވެރިވި ކޮންމެ ނަފްސެއްގެ ނިމުން ގެންނާނަންކަން ޔަގީން، ތި ހިތުގައިވާ ސުވާލަށް އޭނާ ޖަވާބުދޭނެ، އޭނާއަށް ގޮވާލައި" ދެ ކަކޫމައްޗަށް ތިރިވެ އިސްއުފުލައި އީޝަލްއަށް ބަލަން އިނދެ ވައިސިންނީ ބުންޏެވެ. އޭނާއާއި އީޝަލްއާ ދެމެދު ނުކެނޑޭނޭ ގުޅުމެއް އުފެދިއްޖެކަމުގެ ރަމްޒަކަށް އީޝަލްގެ އިސްތަށިގަނޑުގެ ބައެއްގައި ލޭކުލަ ޖެހިގެން ދިޔައެވެ. ނިތްކުރިން ފެށިގެން އިސްތަށިކޮޅެއް އޮތީ ރަތްކުލަ އަރާފައެވެ. އީޝަލް ދެން ބަލާލީ ލުގަލްބަންދާއަށެވެ. އޭނާގެ ގާތުގައި އޭނާ ރައްކާތެރިކުރުމުގައި ވަފާތެރިކަމާއެކު ހުރި އޭނާގެ އެކުވެރިޔާއެވެ.

"ތެދުވޭ ވައިސިންނީ" އީޝަލް ގޮވާލިއެވެ. އެހިނދު އޭނާ ތެދުވެ އީޝަލްގެ ގާތުގައި މަޑުކޮށްލިއެވެ. ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ލުގަލްބަންދާއާއި ވައިސިންނީއަށް އީޝަލް ބަލާލިއެވެ. ވައިސިންނީ ބޯޖަހާލިއެވެ.

"ޔޫރާ... އާދޭ... ކަލޭގެ އެހީއަށް ބޭނުންވެއްޖެ" އުދަރެހަށް ނަޒަރު ހުއްޓާލަމުން އީޝަލް ގޮވާލިއެވެ. ބިންގަނޑު ތެޅިގަތްފަދަ ގުޑުމެއް އަރައިގެން ދިއުމަށްފަހު އަލިފާނުގެ ރޮއްޖެއް ފޭބިތަން ފެނުނެވެ. އެއަށްފަހު އީޝަލްގެ ކުރިމަތިން ފިރިހެނެއްގެ ސޫރަ ފާޅުވެ އެންމެންނަށް ވެސް އޭނާ ފެނިއްޖެއެވެ. ވައިސިންނީ ފަދައިން ޔޫރާ ވެސް ހުރީ ކަޅުކުލައިގެ ފޮށައެއް އަނދެ އުނަގަނޑުން މަތި ހާމަކޮށެވެ. އޭނާގެ ފައެއް ވެސް ނުފެނެއެވެ. ބުރަކަށީގައި ދެ ވަރަ ހުރިއިރު ލެނބިފައިވާ ހިސާބުން ދަޅެއް ނުކުމެފައި ހުއްޓެވެ. އެ ވަރަ ހުރީ ކަޅުކުލައިގައެވެ. ޔޫރާގެ ދެ ލޯ ހުރީ ރީނދޫކުލައިގައެވެ. ބައެއްފަހަރަށް ރަންކުލަ އަރާހެން ވެސް ހީވެއެވެ. އޭނާގެ އިސްތަށިގަނޑު ދިގެވެ. ކަނދުރާގެ ދެފަރާތުން ކުރިމައްޗަށް އިސްތަށިގަނޑުގެ ބައެއް އައިސްފައި އޮތްއިރު މެޔާ ހަމައަށް ފޯރައެވެ. ހަށިގަނޑުގެ ކުރިމަތިން ދެ ކޮނޑާ ދިމާގައި ކަށިތަކެއް ފަޅާފައި ހުއްޓެވެ. ނިތްކުރީގެ ދެ އަރިމަތިން ނުކުމެފައި ހުރި ދަޅުން އެއްދަޅުގެ ކޮޅު ހުރީ ބިނދިފައެވެ. ކަނާއަތުގައި ކަޅުދެލިން ލިޔެފައި ހުރި ހިމަ ދިގު ފޮތިކޮޅެއް ބެންޑޭޖު ފަދައިން ފަށްފަށްކޮށް މުލައްދަނޑިއާ ހަމައަށް އޮޅާފައި އޮތެވެ.

"ވައިސިންނީ، އަރްފަޒާދު" ޔޫރާއަށް ފެނުނު ދެ މަޚުލޫޤުންގެ ނަން ކިޔާލެވުނެވެ.

"ދެހާސް އަހަރު ފަހުން ފައުޅުވެއްޖެ، އަހަރެމެންގެ ސާހިބާ މީ" ވައިސިންނީ ބުންޏެވެ. އިހު ފެނުނު ބޮޑާކަން ވައިސިންނީގެ ކިބައިން ކެނޑިގެން ގޮސްފައިވާ ކަހަލައެވެ. ޔޫރާ އަވަސް އަވަހަށް ކުރުނީސް ކުރިއެވެ.

"ޔޫރާ... އަހަރެންނަށް ޖަވާބުދީބަލަ؟..." ޔޫރާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު އީޝަލް ބުންޏެވެ.

ވަގުތުކޮޅަކަށް އެ ފެހިކުލައިގެ ކަޅިއަށް ގެއްލިފައި ޔޫރާ ހުއްޓެވެ. ދެން ފެނުނީ އޭނާގެ ކަނާއަތުން އިޝާރާތެއް ކޮށްލިތަނެވެ. އެއަށްފަހު "މުދައްމިރަން" އޭ ގޮވާލިއެވެ. ކުއްލިއަކަށް އޮލަދުންގަނޑެއްގެ ތެރެއިން ފާޅުވީ ބޯފޮތެކެވެ. ރަނުން ވިދުން އެ ފޮތުގެ ސޮފުހާތަކުގެ ބޭރުން ފާޅުވެއެވެ. ވައަތު ޝަހާދަތްއިނގިއްޔާއި މެދު އިނގި އަނގަޔާ ކައިރިކޮށްލާ ސިއްރުން އެއްޗެއް ކިޔެވުމަށްފަހު ޔޫރާ ފުމެލިއެވެ. އަދި އެ ދެއިނގިލި އެކުގައި ގެނެސް ފޮތުގައި ޖެއްސުމުން އެ ފޮތް ހުޅުވިއްޖެއެވެ. އޭނާ ކުރާ ކަމެއް ބަލަން އެތަނުގައިވި އެންމެން ވެސް ތިބީ އަޖައިބުވެ ބަލަހައްޓައިގެންނެވެ. އެ ފޮތުގައި އެއްޗެއް ޔޫރާ ކިޔެވުމަށްފަހު ދެއިނގިލި ދޭތެރެއިން ހިފަހައްޓައިގެން ހުރި އެއްޗެއް ކަނޑާ ދިމާއަށް އެއްލިއެވެ.

"އޭނާ ސަލާމަތުން އެބަހުރި، އެކަމަކު އޭނާއަށް ފާރަލާބަޔަކާއި އޭނާއަށް އެހީތެރިވާ ބަޔަކު އެބައުޅޭ... އެމީހުންގެ ތެރެއިން އެކަކު އޭނާގެ ފުރާނައަށް ދަހިވެތިވެފައިވޭ، އޭނާ ވަރަށް އަވަހަށް އެމީހުންގެ އަތްދަށުވެދާނެ" ޔޫރާގެ ފޮތް ލައްޕާލި ގޮތަށް އޭނާ ބުންޏެވެ. ފިނިނޭވާއަކާއެކު އީޝަލްގެ އަނގައިން ނުކުތް އާހުގެ އަޑު އިވިގެންދިޔައެވެ. މޭގައި ދެއަތްއަޅައި ހުރިތަނަށް އޭނާ ތިރިވާން ދަނިކޮށް އޭނާގެ ގައިގާ ހިފެހެއްޓީ ވައިސިންނީއެވެ. ގިސްލުމުގެ އަޑުގެ ތެރެއިން ރައުލްގެ ނަން އީޝަލް ކިޔާލިއެވެ.

"ފިރިމީހާގެ ގާތަށް ދާން ތައްޔާރުވާންވީ، އެއްގޮތަކަށް ވެސް ކަންބޮޑުނުވޭ، ކަންތައްކުރަންވީގޮތް ސާހިބާއަށް އެނގޭނެ" ވައިސިންނީ ބުންޏެވެ.

"އީޝަލް... އަހަރެންގެ ނަމަކީ އީޝަލް، އަހަރެންގެ ނަމުން ގޮވާ، ތީ އަހަރެންގެ އަޅުންނެއްނޫން... އެކުގައި އަހަރެންނަށް އެހީތެރިކަން ފޯރުކޮށްދޭން އައި މިތުރުން، އަހަރެންގެ ޢާއިލާ އެތިބީ މިކަމުގެ ޚަބަރު އެނގެން ބޭނުންވެފައި، އެމީހުންނާ ވާހަކަދެއްކުމަށްފަހު އަހަރެންގެ ފިރިމީހާ ސަލާމަތްކުރަން ދަތުރު ފަށަންވީ" އީޝަލް ބުންޏެވެ. ސާބިތުކަމާއެކު ހަށިގަނޑު ސީދާކޮށްލަމުން އީޝަލް ބުންޏެވެ. ވައިސިންނީއާއި ޔޫރާގެ އިތުރުން ލުގަލްބަންދާގެ ފުށުން ވެސް ފަނޑު ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ.

"ލުގަލް... ލުގަލްބަންދާ... ތީ އަރްޒަފާދުގެ ކުޑަކުޑަ ލުގަލްތަ؟ އެއީ ދޯ އަހަރެންނަށް އޮޅުންއެރި ކަމަކީ" އީޝަލް އޭނާގެ ބައްޕަމެން ތިބި ދިމާއަށް ހިނގައިގަތުމުން ވައިސިންނީ އެއްސެވެ.

(ނުނިމޭ)