ކުޅިވަރު

ޕެރަ އަދި ސްޕެޝަލް އޮލިމްޕިކްސްގެ އޮފީސް ހުޅުވައިފި

ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކް އަދި ޕެރަލިމްޕިކްސްއަށް އިންޓަނޭޝަނަލް ޕްރިލިމިނަރީ މެންބަރުކަން ލިބި، އެ ދެ އެސޯސިއޭޝަނަށް ހާއްސަ އޮފީހެއް ހުޅުވައިފި އެވެ.

މި އޮފީސް ގާއިމުކޮށްފައި ވަނީ، ގަލޮޅު ދަނޑުގެ އެކޮމެޑޭޝަން ބްލޮކް ހުންނަ އިމާރާތުގަ އެވެ. މި އޮފީސް ހުޅުވައި ދިނުމަށް ބޭއްވި ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވީ، ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ސަލީމް (ބޮޑު ހީނާ) ގެ އިތުރުން ޕެރަލިމްޕިކް ކޮމިޓީގެ ރައީސް އިބްރާހިމް އިސްމާއީލް އެވެ.

ސްޕެޝަލް އޮލިމްޕިކްސް އާއި ޕެރަ އޮލިމްޕިކްސްގައިވެސް އިސްކޮށް ހަރަކާތްތެރިވާ އަހްމަދު މުހައްމަދު ވިދާޅުވީ، އޮފީހެއް ގާއިމު ކުރެވިގެން ދިއުމަކީ ރާއްޖޭގެ ޕެރަ އޮލިމްޕިކްސް އާއި ސްޕެޝަލް އޮލިމްޕިކްސްއަށް އިންޓަނޭޝަނަލް ކުޅިވަރު މައިދާނުން އިތުރު ފުރުސަތުތައް ހޯދަން މަގުފައިވާނެ ކަމެއް ކަމަށެވެ.

ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް (އެސްއޯ މޯލްޑިވްސް) އަށް އިންޓަނޭޝަނަލް ޕްރިލިމިނަރީ މެންބަރުކަން ލިބުނީ މިއަހަރު މާޗް މަހު އެވެ. ޕެރަލިމްޕިކްސް އަށް އިންޓަނޭޝަނަލް ޕްރިލިމިނަރީ މެންބަރުކަން ލިބުނީ މިދިޔަ މަހު 21 ގަ އެވެ. އަހްމަދު ވިދާޅުވީ ރާއްޖޭގެ ދެ އެސޯސިއޭޝަނަށް ދާއިމީ މެންބަރުކަން ދިނުމަށް، އޮކްޓޫބަރު މަހު ޖަރުމަންގައި ބާއްވާ އިންޓަނޭޝަނަލް އެސޯސިއޭޝަންގެ ކޮންގްރެސްގައި އެޖެންޑާ ކުރެވިފައިވާ ކަމަށެވެ.

މިއަހަރު އަރަބި އެމިރޭޓްސްގައި ބޭއްވި، އަބޫދާބީ ސްޕެޝަލް އޮލިމްޕިކްސް ހޫނު މޫސުމުގެ ގޭމްސްގައި ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުން ވަނީ ފަހްރުވެރި ކާމިޔާބުތަކެއް ހޯދާފަ އެވެ. އެ ގޭމްސްގައި ރާއްޖޭގެ ސިފްނާ އިބްރާހިމް ވަނީ އަންހެނުންގެ 100 މީޓަރު ދުވުމުގެ އިވެންޓުން ރަން މެޑަލް ހޯދާފަ އެވެ. ފިރިހެނުންގެ 200 މީޓަރު ދުވުމުގެ އިވެންޓްގައި ވާދަ ކުރި، ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑަލް ހޯދާފަ އެވެ.